އިންތިޚާބުތަކަށް ފަހު އާންމު މެމްބަރުން ބާކީކޮށްލާކަމުގެ އިޙްސާސް މެންބަރުންނަށް ކުރެވޭ: ފައްޔާޒް
އިންތިޚާބުތަކަށް ފަހު އާންމު މެމްބަރުން ބާކީކޮށްލާކަމުގެ އިޙްސާސް މެންބަރުންނަށް ކުރެވޭ ކަމަށް، އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަ ކުރައްވާ، އިކޮނިމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
މި އަންނަ އޭޕްރީލް މަހު 16ވަނަ ދުވަހު އޮންނަ ޗެއަރޕާސަންގެ އިންތިޚާބުގައި ތާއީދު ހޯދުމަށް އައްޑު އަތޮޅަށް ކުރައްވާ ދަތުުރުތަކުގެ ތެރެއިން، އެ ސިޓީގައި ހިންގަމުން އަންނަ "އައްޑޫ ލައިވް" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ފައްޔާޒް ވިދާޅުވީ، މިހައިތަނަށް ދެވުނު ދެ އަތޮޅުން ވެސް އާއްމު މެންބަރުން ކުރަމުން އަންނަ އެންމެ ބޮޑު ޝަކުވާއަކީ ޕާޓީގެ އެއްވެސް ހަރަކާތެއް ނެތުން ކަމަށެވެ. އަދި ޕާޓީގެ އާއްމު މެންބަރުންގެ ޝަކުވާތައް އަޑު ނާހާ ކަމަށާއި ސަރުކާރާއި ޕާޓީ އަދި އާއްމު މެންބަރުން ގުޅުވައިދޭނެ މަގެއް މިއަދު ނެތް ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
"އެންމެ ކަންބޮޑުވާ އެއް ކަމަކީ، ޕާޓީގެ އެއްވެސް ހަރަކާތެއް ނެތުން. ޕާޓީއާއި އެ މެންބަރުންނާ ގުޅުމެއް ނެތުން އަދި ޕާޓީގެ ވެރިކަމެއްގެ ޤާއިމް ކުރެވި، ޕާޓީގެ މަޖިލިސް މެޖޯރިޓީއެއް ޤާއިމް ކުރެވުމާ އެއްކޮށް، އެ ބޭފުޅުންނަށް ޤަބޫލުފުޅު ކުރެވެނީ އެ ބޭފުޅުންނާ ގުޅުން ނެތުމުގެ ސަބަބުން، އެކަންކަން ވުމުން އެ ބޭފުޅުންގެ ބޭނުންމެއް ނެތް ގޮތެއް." ފައްޔާޒް ވިދާޅުވީ އެމްޑީޕީއަށް ލިބިފައިވާ ކާމިޔާބީގެ އަސްލަކީ ޕާޓީގެ އާއްމު މެންބަރުން ކަމަށާއި އެ ފަރާތްތަކުގެ ޝަކުވާތައް ހައްލުކޮށްދޭން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ފައްޔާޒްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މި އިންތިޚާބުން ނެރެވޭ ނަތީޖާއަކީ 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅުން ހުރި ނަތީޖާއަކަށް ވާނެ ކަމަށެވެ.
މިއީ އާދައިގެ އިންތިޚާބެއްގެ ގޮތަށް ނުބައްލަވާށޭ. މިކަމުގައި ތި ބޭފުޅުންނަށް ޤަބޫލު ކުރެވޭ 2023 ހޯދުމަށް ޓަކައި އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ބައްލަވައިގެން، އެ ގޮތަކަށް ޚިޔާރު ކުރައްވައިގެން މި އިންތިޚާބުގައި ވޯޓްލާން ނިކުތުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑު ޤަބޫލު ކުރަނީ އަޅުގަނޑަށް އެކަން ކުރެވޭނެ ކަމަށް
ފައްޔާާޒް އިތުރަށް ވިދާޅުވީ ޕާޓީގެ އާއްމު މެންބަރުންނާއި، ޕާޓީއާއި ސަރުކާރު އެއްވެގެން މިއަދު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި މިހާރު ޕާޓީގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރައްވައި ފައްޔާޒް ވިދާޅުވީ، މައްސަލަތަކަށް ހައްލު ހޯދާ، އެމްޑީޕީ ހިންގާލަން ޖެހޭ ކަމަށެވެ.