ޚަބަރު ރައްޔިތުންގެ މަޖިލިސް

އައްޑޫގެ ތަރައްގީއަށް ހުރަހެއް ނާޅާނަން: ޝައުނާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
އެންވަޔަރްމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ މަޖިލީހުގެ މިއަދުގެ ޖަލްސާގައި-- ފޮޓޯ/ މަޖިލިސް

އައްޑޫ ސިޓީގެ ތަރައްގީއަށް އެ ކަމަނާ ވެސް، އަދި ސަރުކާރުން ވެސް ހުރަހެއް ނާޅުއްވާނެ ކަމަށް އެންވަޔަރމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްޑޫ ސިޓީގެ ބިން ހިއްކުމުގެ ހުއްދަ ދޭނީ ކޮންއިރަކުންތޯއާއި، ހުއްދަ ނުދީ ލަސް ކުރަނީ ކީއްވެގެންތޯ، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ސުވާލު ކުރެއްވުމުން، މިނިސްޓަރު ވިދާޅުވީ، އެކަމަނާ ބޮޑުފުޅުވީ އައްޑޫގައި ކަމަށާއި، އެ ސިޓީގެ ރައްޔިތުންގެ އިހްސާސްތައް އޮޅިވަޑައިނުގަންނަވާ ކަމަށެވެ.

އައްޑޫގެ ހާލަތު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަން ފާހަގަކުރައްވައި، މިނިސްޓަރު ޝައުނާ ވިދާޅުވީ މަރަދޫ ފޭދޫގެ ރައްޔިތުންނަށް ވަކީން ހާއްސަކޮށް ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަަލަ އެބައޮތް ކަަމަށެވެ.

"ދަންނަވަން މިއުޅޭ ވާހަކަ އަކީ އަޅުގަނޑުމެން ތަރައްގީގެ މަސައްކަތްތައް ކުރާއިރުގައި، އެއާ އެއް މިންވަރަކަށް އަޅުގަނޑުމެން މިއަދު ވިސްނަން ޖެހޭ ވަރަށް މުހިންމު ކަމެއް ވެސް އެބައޮތޭ. އެއީ ހާއްސަކޮށް، ދުނިޔޭގެ މޫސުމަށް މި އަންނަ ބަދަލުތަކާ އެކީގައި، އަޅުގަނޑުމެންގެ މި ރާއްޖެއަށް ވެދާނެ ގޮތްތަކާ މެދު އަޅުގަނޑުމެން އެބަ ޖެހޭ ވިސްނަން." މިނިސްޓަރު ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ އެ ކަމަނާ އެއްވެސް ގޮތަކަށް އައްޑޫގެ ތަރައްގީއަށް ހުރަސް ނާޅުއްވާނެ ކަމަށެވެ.

"އަދި އަޅުގަނޑުމެންގެ ސަރުކާރުން ވެސް އައްޑޫގެ ތަރައްގީއަކަށް ހުރަހެއް ނާޅާނެ. އައްޑޫގެ ތަރައްގީއަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މި ދެންނެވި މައްސަލަތައް ހައްލު ކުރެވޭނެ، ގޮތްތަކާއި އަދި މޫސުމަށް މި އަންނަ ބަދަލުތަކާ އެކީގައި އައްޑޫގެ ރީތި ކަމާއި، އައްޑޫގެ ވެއްޓާއި، އައްޑޫގެ މާހައުލީ ނިޒާމް އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރި ކުރެވޭނެ ގޮތަކާ މެދު ވިސްނައިފައި، ކުރަންޖެހޭ ކަމެއް." ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު، ތިމާވެއްޓަށް ވާނެ ގޮތްތަކާ މެދު ވިސްނާ ނުލުމުން ވެގެންދާ ގޮތްތައް ފެންނަމުންދާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!