ޚަބަރު

އުމަރު ނަސީރު އަނެއްކާ ވެސް ކެމްޕޭން ފައްޓަވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

2023ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަނެއްކާ ވެސް ރިޔާސީ ކެމްޕޭން ފައްޓަވައިފިއެވެ.

Ads by Sosun Fihaara

އުމަރުގެ ރިޔާސީ ކެމްޕޭން މެދުކަނޑައިލީ އޭނާގެ މައްޗަށް ދަޢުވާކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް މައްސަލައެއް ފޮނުވުމާ ގުޅިގެންނެވެ.

ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ދައުލަތަށް އިޙުތިރާމް ކުރުމުގެ ގޮތުން 90 ދުވަހަށް ރިޔާސީ ކެމްޕޭން މެދުކަނޑައިލައިފައިވާ ކަމަށާއި ކުށް ސާބިތުކުރުމަށް 3 މަސް ދުވަސް ދައުލަތަށް އަރުވައިފައިވާ ކަމަށެވެ.

އަދި މިއަދު އެ މުއްދަތު ހަމަވިއިރު ކުށެއް ސާބިތުކޮށް ނުދެވުނު ކަމަށާއި އެހެން ކަމުން މިއަދުން ފެށިގެން، 2023ވަނަ އަހަރުގެ ރިޔާސީ ކެންޕޭން އަލުން އޭނާ ފަށައިފައިވާ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

“ރައީސް ޔާމީން ޖަލަށް ލުމަށް ފަހު އަޅުގަނޑު ޖަލަށް ލާންޖެހޭނެ ކަމަށް އެމް،ޑީ،ޕީގެ މަޖްލިސް މެންބަރަކު ވިދާޅުވިތާ ދުވަސް ކޮޅެއްފަހުން، އޭސީސީގެ މެންބަރުން ވަކިކުރާނެ ކަމުގެ އެތައް އިންޒާރު ތަކަކަށް ފަހު، ބައެއް ބޭފުޅުން އިސްތިއުފާ ދެއްވުމަށް ފަހު، އަޅުގަނޑުގެ މައްސަލައެއް އޭސީސީއިން ޕީޖީއަށް ފޮނުއްވި. މިކަމާ ގުޅިގެން ދައުލަތަށް އިޙުތިރާމް ކުރުމުގެ ގޮތުން 90 ދުވަހަށް އަޅުގަނޑުގެ ރިޔާސީ ކެމްޕޭން މެދުކަނޑައިލައި ، ކުށް ސާބިތުކުރުމަށް 3 މަސް ދުވަސް ދައުލަތަށް އެރުވިން. މިއަދު އެ މުއްދަތު ހަމަވިއިރު ކުށެއް ސާބިތު ކޮށެއް ނުދެވުނު. އެހެން ކަމުން މިއަދުން ފެށިގެން އަޅުގަނޑުގެ 2023ވަނަ އަހަރުގެ ރިޔާސީ ކެންޕޭން އަލުން ފަށައިފިން” އުމަރު ވިދާޅުވިއެވެ.

އުމަރުގެ މައްޗަށް ދައުވާކުރަން ފޮނުވީ 2015ވަނަ އަހަރު ތެރޭގައި، ހޯމް މިނިސްޓްރީން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ޙަވާލުކުރީ އުމަރާ ވިޔަފާރީގެ ގޮތުން ގާތްގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏަކަށް ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށް ފަހުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!