"ވޯޓް ހަމަވާވަރު ވާ ނަމަ ރައީސުލްޖުމްހޫރިއްޔާ ވެސް މަގާމުގައި ހުންނާނެކަމާ މެދު ޝައްކު!"
ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ބައެއް މެމްބަރުން ސަރުކާރަށް ހުރަސްއަޅާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙުމަދު ނަސީމް ދެއްކެވި ވާހަކަތަކަށް ދުވާފަރު ދާއިރާގެ މެމްބަރު އިސްމާޢީލް އަޙުމަދު ރައްދު ދެއްވައިފިއެވެ.
އެމްޑީޕީގެ ބައެއް މެމްބަރުން ސަރުކާރަށް ހުރަސް އަޅާކަމަށް ތުހުމަތު ކުރެއްވީ އެ ޕާޓީގެ ޗެއަރޕަރސަންކަމަށް ކުރިމަތިލައްވައިފައިވާ ، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލެވެ. އެ ވާހަކަތަކަށް ރައްދު ދެއްވައި ރައްޔިތުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެމްބަރު މީކާއީލް ވިދާޅުވީ އެ ފަދަ ތުހުމަތެއް ކުރައްވާ ނަމަ ، އެކަން ތަފްސީލްކޮށް ވިދާޅުވެދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ފަދަ އެއްވެސް ސަބަބެއް ނުދެއްކެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ އިލްޒާމް އަޅުވާ ކަމަށްވާ ނަމަ އެ ވަޒީރުންނަށް ކެރިވަޑައިގަންނަވަން ޖެހޭނެ މި ރައްޔިތުންގެ މަޖިލީހުން އެކަން ކުރައްވަނީ ކޮން މެމްބަރުންނެއްކަން ، އަދި ކުރައްވަނީ ކޮން މަސައްކަތެއްކަން ސާފުކޮށް ރައްޔިތުންނަށް ބުނެދެން ، މި ތަނުން ފާސްނުކުރީ ކޮން ބިލެއްތޯ ، މި ތަނުން އަޅުގަނޑުމެން ބޭރުކޮށްލީ ކޮން އިޞްލާޙެއްތޯ، މި ތަނުން ބަޖެޓް ފާސްކުރަން ހުރަސްއަޅަން އަޅުގަނޑުމެން ކުރީ ކޮން ކަމެއްތޯ ، ރައްޔިތުންނަށް ސާފުކޮށް ބުނެދޭން ޖެހޭ ، ނުބުނެދެވޭނެ" މީކާއީލް ވިދާޅުވިއެވެ.
މި ވާހަކަތަކަށް ރައްދު ދެއްވައި ފައްޔާޒަށް ތާއީދު ކުރައްވާ މެމްބަރު އިސްމާއީލް އަހުމަދު ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ބައެއް މެމްބަރުން ، ވާދަވެރި އިދިކޮޅު ފަރާތްތަކުން ނުގޮވާހައި އެއްޗެހި ސަރުކާރަށާއި ރައީސް ޞާލިޙަށް ގޮވައިފިކަމަށެވެ. އަދި އެމްޑީއެންގެ މައްސަލައިގައި ރައީސް ޞާލިޙް ރައްޔިތުންނާ އެއްކޮޅަށް ދީއްލައިލުމާ އެކު އެ މަނިކުފާނު ފިނޑިއަކަށް ހެދީ ވެސް ހަމަ އެމްޑީޕީގެ މެމްބަރުންކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ހިމެނޭ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާއި މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ ވައްކަންތައް ފޮރުވުން ފަދަ ކަންތައްތަކުގެ ތުހުމަތު އެމްޑީޕީގެ މެމްބަރުންނަށް ކުރެއްވިއެވެ.
"މާލޭގެ ކުރީގެ މޭޔަރު (ޝިފާ)ކުރި ވައްކަން ބަލަން ހެދީމައި އެކަން ހުއްޓުވީ ހަމަ ސީދާ އެމްޑީޕީގެ ބައެއް މެމްބަރުންގެ ނުފޫޒުން، އެމްއެމްޕީއާރްސީގެ މައްސަލަ ސަރުކާރުން ބަލަމުން ދަނިކޮށް އެ މައްސަލައިގެ ލިސްޓް މި ތަނަށް ގެނެސް ގާތް ބޭބޭފުޅުން އެ ލިސްޓުން އުނިކޮށް އެ ސަކަރާތް ޖެހީ ވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރުން ،އެ ބޭފުޅުން ސަރުކާރަށް ޖެއްސުންކޮށްފައި ނުކުރާ ކަމެއް ނެތް"އިސްމާޢީލް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންނަށް އިޝާރާތް ކުރައްވައި އިސްމާޢީލް ވިދާޅުވީ މިހާރު ނުވެ އޮތް ކަމަކީ އެ ބޭފުޅުން ބޭނުންވާ ވަރަށް ވޯޓް ހަމަނުވުން ކަމަށެވެ.
"ވޯޓް ހަމަވާ ވަރަށް އެ ބޭފުޅުންނަށް (ތާއީދު)އޮތް ނަމަ މިއަދު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރި އެއްވެސް ވަޒީރެއް ވެސް ނުހުންނާނެ ، އަދި ރައީސުލްޖުމްހޫރިއްޔާ ވެސް އެ މަގާމުގައި ހުރުމާ މެދު ޝައްކު އުފެދޭ މިންވަރަށް އެ ބޭފުޅުން ވާހަކަ ދައްކައި ވަގު ބަދުނާމު އަޅުވައި މަސައްކަތްކޮށްފި"
ރައްޔަތުންގެ މަޖިލީހަކީ އެމްޑީޕީގެ މައްސަލަތައް
ހައްލުކުރަން އޮންމަޖިލީހެއްތޯ މީގެކުރިން އަޅުގަޑުމެން
ހީކުރީ ރައްޔަތުންގެ މަޖިލީހަކީ ރައްޔަތުންނައް ވަކާލާތު
ކުރަން ރައްޔަތުން ހޮވާފަތިބި ބަޔަކުކަމައް އެހެންނޫން
މިވަނީ މީ އެމްޑީޕީ ގެމަށްސަތައް ހައްލުކުރަންރައްޔަތުން
ހޮވާފަތިބި ބަޔަކުކަން އެގެޖެ މިސަރުކާރަކީ ރައްޔަތުން
ނައް ފައިދާހުރި ކަމެއްކުރާ ސަރުކާރަކައް ނުވި އަދި މަޖިލީހަކީވެސް ރައްޔަތުންނައް ފައިދާހުރި ބަޔަކަށްނުވި
ވެރިކަމައް ނާދެވިގެން އުޅުނުއިރު ހީވަނީ ރާގޮަޑިތަކެއް
މަރަންތެޅޭހެން ވެރިކަމައް އާދެވުނީމާ މިވީއެމްޑީޕީގެ މަޖިލީހަކަށް