އާޒިމް މަގާމުން ދުރުކުރަން ޖާބިރު ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމަށް ގިނަ ތުހުމަތުތަކެއްކޮށް ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ހުށަހެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
މަޖިލީހަށް ޖާބިރު ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ސަރުކާރުން އަބަދުވެސް މަސަކަތްކުރަމުން ދަނީ ދިވެހިރާއްޖޭއަކީ ދުޅަހެޔޮ އަމާން އޮމާން ވެށްޓަކަށް ހެދުމަށް ޓަކައި ކޮރަޕްޝަނާއި ފަސާދައިން އެއްކިބާވެފައިވާ މުޖްތަމައެއް ބިނާކުރުމަށް ކަމަށެވެ.
ޖާބިރު ވިދާޅުވީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ހިންގުމާ ޙަވާލު ކުރެވިފައިވާ އާދަމް އާޒިމްގެ ފަރާތުން ފެންނަމުން ދަނީ އޭނާގެ މަސްލަހަތު އޮންނަ އޭނާގެ ބޭބެގެ ސިޔާސީ ޕާޓީ ކަމުގައިވާ އެމްއެންޕީއަށް ނާޖާއިޒް ގޮތުގައި މަންފާ ހޯދައިދެމުންދާ މަންޒަރު ކަމަށެވެ.
މީގެ އިތުރުން އޭނާގެ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން އެކިއެކި ޕްރޮޖެކްޓުތައް ވެސް އޭނާއާ ގުޅުން އޮންނަ ފަރާތްތަކަށް ދީ އޮޅުވައިލުން ފަދަ ޖަރީމާތައް ހިންގަމުންދާ ކަމަށް ޖާބިރު ވިދާޅުވިއެވެ.
އެ މައްސަލައަށް މަޖިލީހުގައި ބަހުސް ކުރުމާ ގުޅޭ ގޮތުން ނެގުނު ވޯޓުގައި ބައިވެރިވީ މެންބަރުންގެ ތެރެއިން 28 މެންބަރުން ވޯޓު ދެއްވީ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށެވެ. މި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ ޖާބިރު އެކަންޏެވެ.