ހިޔާ ސަރަހައްދުގެ ފުރަތަމަ ޕާކު ރަމަޟާން މަހު ބޭނުން ކުރަން ފަށަނީ
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ތަރައްގީކުރާ ފުރަތަމަ ޕާކުގެ ފުރަތަމަ ފިޔަވަހި، އަންނަ ރަމަޟާން މަހު ބޭނުން ކުރަން ފެށޭނެކަމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގައި ހަދާ ކޮންމެ ޕާކަކީ ވެސް ކޮންމެ އުމުރުފުރައެއްގެ މީހަކަށް ވެސް، ހިތްހަމަޖައްސައިލާ ވަގުތު ހޭދަކޮށްލުމަށް ބޭނުންކުރެވޭގޮތަށް ހަދާ ތަންތަން ކަމަށެވެ. އެ ގޮތުން ކުޑަކުދިންނަށް ކުޅެ އުޅެވޭނެ ސަރަހައްދާއި، އިށީނދެލައިގެން ތިބުމަށް ބެންޗާއި އުދޯލި ފަދަ ވަސީލަތްތައް މި ޕާކުތަކުގައި ވެސް ހިމެނޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޑީސީން ހިޔާ ސަރަހައްދުގެ ޕާކުގެ މަސައްކަތް ކުރަނީ ދެ ފިޔަވައްސަކަށެވެ. އެ ގޮތުން ފުރަތަމަ ފިޔަވަހީގައި ހަދަނީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް މަޑުކޮށްލައިގެން ތިބެވޭ ހިތްފަސޭހަ މައިޒާނެކެވެ. ކުޑަކުދިން ކުޅެން އުނދޯލި ފަދަ ވަސީލަތްތައް ހަދަނީ ޕާކުގެ ދެވަނަ ފިޔަވަހީގައެވެ.
މި ޕާކުގެ ފުރަތަމަ ފިޔަވަހީގެ 85% މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.