ލައިފްސްޓައިލް ސިއްޙަތު

ކޮލެސްޓްރޯލް ހުންނަ މިންވަރު މަތި ނަމަ، މި ކެއުންތައް ދޫކޮށްލާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކެއުމުގައި ސިއްހަތަށް ފައިދާ ހުރި ކާނާ ބޭނުން ކުރުމަކީ ގިނަ ސިއްހީ މައްސަލަތަކުން ދުރުކޮށްދޭ ކަމެކެވެ.

Ads by MWSC

އެއާ ހިލާފަށް، ހިތުހުރި ގޮތަކަށް ކެއުމުގެ އާދަތައް ބައްޓަންކުރާ ނަމަ، ހަށިގަނޑުގައި ކޮލެސްޓްރޯލް ހުންނަ މިންވަރު އިތުރުވުން ފަދަ މައްސަލަތައް ދިމާވެއެވެ.

ކޮލެސްޓްރޯލް ހުންނަ މިންވަރު އިތުރުވުމަކީ ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހުން ފަދަ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު އިތުރުކޮށްދޭ ކަމެކެވެ.

އެހެންކަމުން، ކޮލެސްޓްރޯލް މަތިވުމާ ގުޅިފައިވާ ސިއްހީ މައްސަލަތަކުން ސަލާމަތްވުމަށް ބައެއް ކަހަލަ ކާތަކެއްޗާ ދުރުވާން ޖެހެއެވެ. މި ލިޔުމުގައި މި ބަލައިލަނީ އެފަދަ ބައެއް ކެއުންތަކަށެވެ.

ރެޑްމީޓް:

ބީފާއި ކަންބަޅި މަސް ފަދަ ބާވަތްތައް މި ހިމެނެނީ ރެޑް މީޓްގެ ތެރޭގައެވެ. ކޮލެސްޓްރޯލް ހުންނަ މިންވަރު މަތިނަމަ، ޑޮކްޓަރުން އިރުޝާދު ދެނީ މިބާވަތުގެ ކެއުންތަކާ ދުރުވާށެވެ. އެހެން ނަމަވެސް މަދު ފަހަރަކު ރެޑްމީޓް ކެއުމުގައި ބޭނުން ކުރުމަކީ މައްސަލައެއް ނޫނެވެ.

ރެޑްމީޓްގެ ބަދަލުގައި ޑައިޓުގައި ހިމެނުމަށް އެންމެ ރަނގަޅީ ފެޓްސް، އަދި ކޮލެސްޓްރޯލް ދަށް މަހުގެ ބާވަތްތަކެވެެ. އެގޮތުން ހަން ނަގައިފައިވާ ކުކުޅު ކެއުމަށް ރަނގަޅު ކަމަށް ސިއްހީ ލިޔުންތަކުގައިވެއެވެ.

ޕްރޮސެސްކޮށްފައި ހުންނަ މަސް:

ތިބާގެ ހަށިގަނޑުގައި ކޮލެސްޓްރޯލް ހުންނަ މިންވަރު މަތި ނަމަ، މަސްދަޅު ފަދަ ތައްޔާރީ މަސް ކެއުމުގެ ބަދަލުގައި ތާޒާ މަސް ކެއުމުގައި ބޭނުން ކުރާށެވެ. ތައްޔާރީ ކެއުންތަކުގެ ސަބަބުން ވެސް ކޮލެސްޓްރޯލް އިތުރުވެއެވެ.

ބޭކަރީތަކުން ލިބެން ހުންނަ ކެއުންތައް:

ކުކީސްއާއި ޕޭސްޓްރީއަކީ ގިނަ މީހުންނަށް އެއާ ނުލައި ނޫޅެވޭ ފަދަ ކެއުންތަކަށް ވަނީ ވެފައެވެ. އަނގަޔަށް މީރު ނަމަވެސް، މިފަދަ ކެއުންތަކަކީ ސިއްހީ ގޮތުން ތިބާއަށް މާ ފައިދާ ހުރި އެއްޗެއްސެއް ނޫނެވެ. ވަކިން ހާއްސަކޮށް ހަށިގަނޑުގައި ކޮލެސްޓްރޯލް ހުންނަ މިންވަރު މަތި ނަމަ، ބޭކު ކޮށްފައި ހުންނަ ކެއުންތައް ދޫކޮށްލާާށެވެ.

ތެލުލި ކާނާ:

ތެލުލި ކާނާ، އަދި ވަކިން ހާއްސަކޮށް ޑީޕް ފްރައިކޮށްފައި ހުންނަ އެއްޗެހި ކެއުމަކީ ސިއްހަތަށް ގެއްލުން ހުރި ކަމެއް ކަމުގައި ސިއްހީ މާހިރުން ބުނެއެވެ. ޑީޕް ފްރައި ކުރުމަކީ އެ އެއްޗެއްގައި ކޮލެސްޓްރޯލް ހުންނަ މިންވަރު މަތިކޮށްދޭނެ ކަމެކެވެ. ކޮންމެހެން ވެސް ތެލުލި އެއްޗެއް ކާން ބޭނުންވާ ނަމަ، އެއާ ފްރައިކުރުން ނުވަތަ ތެލުލަން ބޭނުންކުރާ ތެލަކީ ހެލްތީ އޮއިލްއަކަށް ހަދާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!