ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީއަށް ފައިސާ ދޫކުރުމަށް ފިނޭންސަށް ފޮނުވައިފި
އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދިހަ ހާސް މެންބަރުން ހަމަވާ ހަތަރު ޕާޓީގެ ތެރެއިން ދެ ޕާޓީއަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.
މި އަހަރު ބަޖެޓް ފާސްކުރިއިރު، ދިހަ ހާސް މެންބަރުން ހަމަވާ އޮތީ ހަތަރު ޕާޓީއެކެވެ. އެއީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ, އަދާލަތުގެ އިތުރުން އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމްއެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ޕީއެސްއެމްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ޤާނޫނުގައިވާ ގޮތުގެ މަތީން ކޮންމެ އަހަރަކު ވެސް ސިޔާސީ ޕާޓީތަކުން ހުށަހަޅަން ޖެހޭ އަހަރީ ރިޕޯޓާއި، އޮޑިޓް ރިޕޯޓް ހުށަހެޅި ޕާޓީތަކަށް ފައިސާ ދޫކުރުމަށް ފިނޭންސަށް ފޮނުވާފައިވާ ކަމަށެވެ. ރިޕޯޓްތައް ފޮނުވައިފައި ވަނީ ޕީޕީއެމްއާއި، ޖުމްހޫރީ ޕާޓީކަމަށް އޭނާ ވިދާޅުވިއެވެ.
ހަސަން ޒަކަރިއްޔާ ވިދާޅުވީ، އަދާލަތު ޕާޓީން ވެސް މިހާރު ރިޕޯޓްތައް ހުށަހަޅައިފައިވާ ކަމަށާއި، ކުރިއަށް އޮތް ހަފްތާގައި އަދާލަތު ޕާޓީއަށް ފައިސާ ޖަމާކުރުމަށް ފޮނުވޭނެ ކަމަށެވެ. މިހައިތަނަށް ރިޕޯޓްތައް ނުލިބި ވަނީ އެމްޑީޕީން ކަމަށާއި، އެ ޕާޓީން ވެސް މިފެށޭ ހަފްތާގައި ރިޕޯޓައް ލިބޭނެކަމަށް އުންމީދު ކުރައްވާކަމަށް ހަސަން ވިދާޅުވިއެވެ.
މި އަހަރު ޕާޓީތަކަށް ދޫކުރާ ފައިސާ
އެމްޑީޕީ: 54،660 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 15،024،009.96 ރުފިޔާ
ޕީޕީއެމް: 34،237 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 9،410،483.51 ރުފިޔާ
ޖުމްހޫރީ ޕާޓީ: 20،107 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 5،526،669.74 ރުފިޔާ
އަދާލަތު ޕާޓީ،: 10،554 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 2،900،903.79 ރުފިޔާ
ހަތަރު ޕާޓީއަކަށް ފައިސާ ދޫކުރަން ނިންމައިފައިވާ އިރު، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް ހިމެނެއެވެ. މި ޕާޓީތަކުގެ ތެރެއިން ބައެއް ޕާޓީތަކުގައި ހަތަރު ހާސް މެންބަރުން ވެސް ހަމަ ނުވެއެވެ.
ރައްޔިތުންގެ ލާރިތައް ބޭކާރު ގޮތުގަ ތި ޚަރަދު ކުރަނީ