މާފުށީ ޖަލުގައި ތަމްރީން ޕްރޮގްރާމެއްް ފަށައިފި
ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ގްލޯބަލް މެރީޓައިމް ކްރައިމް ޕްރޮގްރާމް (ޖީއެމްސީޕީ)އިން ސްރީލަންކާގެ ޕްރިޒަން އޮފިސަރުންނަށާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޕްރިޒަން އޮފިސަރުންނަށް “އެކްސެލިންގ ބިޔޯންޑް އެމަރޖިންގ ޗެލެންޖަރސް- ކަރެކްޝަންސް އާފްޓަރ ގްލޯބަލް ޕެންޑެމިކް”ގެ ނަމުގައި ޓްރޭނިންގ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
ފަސް ދުވަހުގެ މުއްދަތަށް މާފުށީ ޖަލުގައި ކުރިއަށް ގެންދާ މި ޓްރޭނިންގ ޕްރޮގްރާމްގެ ބޭނުމަކީ ޕްރިޒަން އޮފިސަރުން ތަމްރީން އަދި ތަރައްޤީކޮށް، ޔޫއެންގެ “މިނިމަމް ސްޓޭންޑަޑް ފޯ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަސް-ދަ ނެލްސަން މަންޑޭލާ ރޫލްސް”އަށް އަހުލުވެރިކޮށް، ކޯވިޑް-19 ފަދަ ބަލިތައް ފެތުރުމުގެ ސަބަބުން ދިމާވެދާނެ މައްސަލަތަކާއި ގޮންޖެހުންތަކަށް ތައްޔާރުވެ، އެކަންކަން ޙައްލުކުރާނެ އުކުޅުތައް ދަސްކޮށްދިނުން ކަމަށް ކަރެކްޝަނުން ބުނެއެވެ.
މި ތަމްރީނު ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ޔޫއެންއޯޑީސީގެ ވަފްދަށާއި ސްރީލަންކާގެ ޕްރިޒަން އޮފިސަރުންނަށް މަރުޙަބާ ދަންނަވަމުން ވިދާޅުވީ މިފަދަ ޓްރޭނިންގ ޕްރޮގްރާމެއް ހޯސްޓުކުރާނެ ފުރުޞަތު ލިބުނީތީ އުފާކުރައްވާ ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން ދިވެހި ސަރުކާރުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް އަދި ލޮކްޑައުންއަށް ދިއުމުގެ ސަބަބުން އެމްސީއެސްއަށް ކުރިމަތިވި ގޮންޖެހުންތައް ފާހަގަކުރައްވަމުން، އެމްސީއެސްއިން ރައްކާތެރިކަމުގެ ގޮތުން އަޅައިފައިވާ ފިޔަވަޅުތަކަށް އަލި އަޅުއްވައިލެއްވިއެވެ.
މިގޮތުން ޖަލުތައް އިތުރަށް ސާފުކޮށް ޑިސްއިންފެކްޓް ކުރުމާއި ޖަލުގައި ބަންދުކޮށްފައި ތިބި ފަރާތްތަކާއި އޮފިސަރުން ކޮންމެ ދުވަހަކު ބަލީގެ ޢަލާމަތްތަކަށް ސްކްރީން ކުރުމާއި، ކްލެމެންސީ އަދި ޕެރޯލްގެ ދަށުން ޝަރުޠު ހަމަވާ ފަރާތްތައް ދޫކުރުމާއި، ދާއިމީ ބޮޑެތި ބަލިތަކަށް ބޭސްކުރާ ފަރާތްތައް ގެއަށް ވަގުތީ ގޮތުން ބަދަލުކުރުމާއި، ޖަލަށް މީހުން ވަދެ ނިކުތުން ބަންދުކުރުމާއި، ޤައިދީންނާއި ބަންދުމީހުން އެއްތަނުން އަނެއްތަނަށް ސިއްޙީ ފަރުވާ އަދި ކޯޓު ޝަރީޢަތްތަކަށް ގެންދިއުން މެދުކަނޑައިލުން ފަދަ ކަންތައްތައް ހިމެނޭކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
އަދި މި ކަންތައްތަކަށް ޒަމާނީ ޙައްލުތައް ހޯދަން މަސައްކަތްކޮށް، ޖަލުގައި ބަންދުކޮށްފައި ތިބި ފަރާތްތަކަށް ޢާއިލާ އަށާއި ވަކީލުންނާ ގުޅުން ބޭއްވުމުގެ ގޮތުން އިތުރަށް ފޯން ކޯލް ދިނުމާއި ވީޑިއޯ ކޯލް ތަޢާރަފްކުރުމާއި ވިޑީއޯ މެދުވެރިކޮށް ޝަރީޢަތުގައި ބައިވެރިވެވޭނެ އަދި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސިގެން ދިޔަ ކަމަށާއި ޖަލުގައި ތިބި ފަރާތްތަކަށް ޢާއިލާއިން އޮންލައިންކޮށް ފައިސާ ފޮނުވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަން ވެސް ސީޕީ ވިދާޅުވިއެވެ.
މީގެ އިތުރުން މާފުށީ ޖަލުގައި އިތުރު ޚިދުމަތްތަކާ އެކު އައު މެޑިކަލް ސެންޓަރެއް ހުޅުވުނު ކަމަށާއި އައިޖީއެމްއެޗްއާ އެކު ސްޕެޝަލިންޓުންނާއި ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ޖަލުގައި ތިބެގެން ދެއްކޭނެ ގޮތާބެހޭ އެމްއޯޔޫއެއްގައި ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. ހަމަ އެހެންމެ ޤައިދީންނާއި ބަންދުމީހުންގެ %84 ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް އަދި %73 ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށާއި އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން %94 ވެކްސިންގެ ފުރަތަމަ ޑޯޒް އަދި %91 ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވާކަން ވެސް ސީޕީ ފާހަގަކުރެއްވިއެވެ.