ރިޕޯޓް ވިޔަފާރި

ރައްޔިތުންގެ ބޭންކު ރައްޔިތުންގެ ޖީބުތަކުގައި އެޅުވި ތަޅަށް ދެ އަހަރު

  • ހާލަތު ބަދަލުވި ނަމަވެސް، އަދިވެސް ތަޅު އެޅުވިފައި
  • ރިކޯޑް އަދަކަށް ފައިދާވާއިރު ވެސް، ޚިދުމަތަށް ބުރޫ ނާރާ މަހެއް ނެތް
މުޙައްމަދު އަރީޙް ، ދެން އޮންލައިން

ކޮވިޑް-19 ހާލަތާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި ޑޮލަރު ލިބުމުުގެ ދަތިތަކުގެ ސަބަބުން، ދިވެހި ރައްޔިތުންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ކްރެޑިޓް އަދި ޑެބިޓް ކާޑުތައް ލިމިޓް ކުރިއެވެ. އަދި އެ ކާޑުތަކުން ޑޮލަރު ނެގޭވަރު އެންމެ ގިނަ މިންވަރު ކަނޑައެޅިއެވެ. ކުއްލިއަކަށް ނިންމި އެ ނިންމުން ވެގެން ދިޔައީ ގިނަ ބަޔަކަށް ބޮޑު ވޭނަކަށެވެ. ރާއްޖެއިން ބޭރުވާ ޑޮލަރުގެ އަދަދު މަދު ކުރުމަށް ޓަކައި އެޅި މި ފިޔަވަޅުގެ ނަތީޖާއަކަށްވީ، ޑޮލަރުގެ ޑިމާންޑް އިންތިހާއަށް ބޮޑުވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އަތް ނުފޯރާފަށަށް އެރުމެވެ. ދަތި ހާލަތުގައި އިންތިހާއަށް ދަތިކޮށްލުމެވެ.

Ads by MWSC

ބޭންކް އޮފް މޯލްޑިވްސްއިން މި ނިންމުން އިއުލާންކުރީ 2020ވަނަ އަހަރުގެ ސެޕްޓެންބަރު 16ވަނަ ދުވަހުއެވެ.

ބީއެމްއެލްގެ ޑެބިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންގެ ތެރެއިން ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ދިވެހި ރުފިޔާގެ އެކައުންޓު ކަނޑައަޅައިފައިވާ ކަސްޓަމަރުންނަށް ބޭރުގެ މުއާމަލާތްތަކަށް ބޭނުން ކުރެވެނީ މަހަކު 200 ޑޮލަރެވެ. މި އުސޫލުގެ ދަށުން ކްރެޑިޓް ކާޑުތަކަށް ވެސް ފުރަތަމަ ކަނޑައެޅީ 200 ޑޮލަރުގެ ލިމިޓެކެވެ. ނަމަވެސް މިދިޔަ އަހަރު ޖުލައި މަހު ވަނީ އެ އަދަދު 500 ޑޮލަރަށް އިތުރުކޮށްފައެވެ. އަދި މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައި އެ އަދަދު 750 ޑޮލަރަށް އިތުރު ކުރިއެވެ. ނަމަވެސް ޑެބިޓް ކާޑު ގެންގުޅޭ ފަރާތްތަކުގެ ލިމިޓް ބޮޑު ކުރީ 250 ޑޮލަރަށެވެ.

މިއާއެކު، ކްރެޑިޓް އަދި ޑެބިޓް ކާޑު މެދުވެރިކޮށް ބޭރުން އެއްޗެހި ގަނެ، ކުޑަ ފައިދާއެއްގައި ވިއްކަމުން އައި ކުދި ވިޔަފާރިތައް އެއްކޮށް ހުއްޓުނެވެ. އަދި އީބޭ، ޝެއިން، އަލިއެކްޕްރެސް ފަދަ އޮންލައިން ސްޓޯތަކުން ތަކެތި ގަންނަ ފަރާތްތައް ބޮޑު ތަނުން މަދުވެ، ރާއްޖޭގެ ސްޓޯރުތަކަށް ބާރު ބޮޑުވިއެވެ. ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވޭތީ، ޝިޕިންގެ ހުރަސްތަކާ އެކު ބޮޑުވި އަގަށް އިތުރު އިތުރުވުމެއް އައެވެ.

ދަރިވަރުންނަށް "ތުރާލެއް"

ކާޑް ލިިމިޓް ކުރިއިރު ބީއެމްއެލްއިން އަބަދު ދައްކަމުން އައި ވާހަކައެއް އޮތެވެ. އެއީ، ބީއެމްއެލްއިން މި ފިޔަވަޅު އަޅައިފައި ވަނީ، ރާއްޖެއިން ބޭރުގައި ސިއްހީ ޚިދުމަތާއި ތައުލީމު ހޯދާ ދަރިވަރުންނަށް ފައިސާ ފޯރުކޮށްދޭން އިސްކަންދިނުމުގެ ގޮތުން ކަމަށެވެ. މިގޮތުން ރާއްޖޭގައި 200 ޑޮލަރުގެ ލިމިޓެއް އޭރު ކުރިޔަސް ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތަކަށް މަހަކު 750 ޑޮލަރު ބޭނުން ކުރެވޭ ގޮތަށް ހެދިއެވެ.

ރާއްޖޭން ބޭރުގައި ދިރިއުޅޭ މީހުންނަަށް މަހަކު 750 ޑޮލަރު ބޭނުން ކުރެވުނަސް، މަހެއްގެ މައްޗަށް 750 ޑޮލަރަކީ މަދު އަދަދެކެވެ. އަދި އެ ލިމިޓް ބޮޑު ކުރުމަށް ކޮންމެ މަހަކު އެދެން ޖެހެއެވެ.

މިކަމާ ނުރުހުން ފާޅުކޮށް ޓްވިޓަރގައި ޚިޔާލުފާޅު ކުރި މީހަކު ބުނެފައި ވަނީ، މިގޮތަށް ލިމިޓް އިތުރު ކުރުމަށް ކޮންމެ މަހަކު އެދެން ޖެހޭ ކަމަށާއި ބައެއް ފަހަރު ލިމިޓް އިތުރު ނުވެގެން، ގޭ ކުލި ނުދެއްކި، ގެއިން ނެރެލާ ހިސާބަށް ވެސް ދާ ކަމަށެވެ. އަދި އަވަސް ހައްލަކަށް ވަނީ ގޮވައިލައިފައެވެ. މި ޓްވީޓް ގިނަ ބަޔަކު ރީޓްވީޓްކޮށްފައިވާ އިރު، ބީއެމްއެލްގެ ލިމިޓް ބޮޑު ކުރުމަށް ގިނަ ބަޔަކު ވަނީ ގޮވައިލައިފައެވެ.

ހާލަތު ބަދަލުވި ނަމަވެސް، އަދިވެސް ތަޅު އެޅުވިފައި

ކާޑް ލިމިޓްތައް ކަނޑައަޅަމުން ބޭންކް އޮފް މޯލްޑިވްސްއިން އޭރު ބުނެފައި ވަނީ، އެ ނިންމުމަކީ ވަގުތީ ނިންމުމެއް ކަމަށެވެ. އަދި ކޮވިޑް-19 ހާލަތު ރަނގަޅުވުމުން ލުއިތައް ދޭނެ ކަމަށް އޭރު ބީއެމްއެލްއިން ވިދާޅުވިއެވެ.

އެހެން ނަމަވެސް އެ މަންޒަރެއް ނުފެނުނެވެ. މިއަދު ރާއްޖޭގެ ހާލަތު މިވަނީ އާއްމު ހާލަތަކަށް ބަދަލުވެފައެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ކުރިއެކޭ އެއްގޮތެވެ. ސީޒަންތެރޭ މުޅި އެއަރޕޯޓް އޮތީ ފުރައިލައިފައެވެ. ހުސް އެންމެ އެނދެއް ވެސް ރާއްޖޭގެ ރިސޯޓްތަކުގައި ނޫނީ ގެސްޓް ހައުސްގައި ނެތް ފަދައެވެ. އެތައް ޑޮލަރެއް ރާއްޖެ އެތެރެވިއެވެ. ރާއްޖޭގައި އެނބުރޭ ޑޮލަރުގެ އަަދަދު ވަރަށް ގިނަވިއެވެ. މި ހިސާބުތަކާ މެދު ފަޚުރުވެރިވެ ޑރ.މައުސޫމް ކޮންމެ ދުވަހަކުހެން ދަނީ އަދަދުތައް ހާމަކުރައްވަމުންނެވެ.

މި އަހަރު ފެށުނުއިރު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 18 ރުފިޔާއަށް ވުރެ މަތީގައެވެ. މިއަދު ކަޅު ބާޒާރުގައި 16 ރުފިޔާއަށް ވެސް ޑޮލަރު ވިއްކަމުން އެބަދެއެވެ. މިކަމުން އެނގޭ އެއް ކަމެއް އެބައޮތެވެ. މިއަދު ރާއްޖޭގައި ބީއެމްއެލްއިން ކުރިން ބުނި ކަހަލަ ޑޮލަރުގެ ތާއްޓެއް ނެތެވެ

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު، ކާޑު ލިމިޓް ކުރުމާ ގުޅިގެން މީގެ ކުރިން މީޑިއާއަކަށް ވިދާޅުވީ، ކާޑުތަކުން ބޭރުގައި ކުރެވޭ މުއާމަލާތް ލިމިޓު ކުރުމަކީ، ވަގުތީގޮތުން އަޅަން ޖެހުނު ޒަރޫރީ ފިޔަވަޅެއް ކަމަށެވެ. އަދި ރާއްޖެ ކޮވިޑް-19ގެ އިޤްތިޞާދީ ހާލަތުން އަރައިގަނެ އިގްތިސާދު ރަނގަޅުވާން ފެށުމުން ކަނޑައަޅައިފައިވާ ލިމިޓުތައް އުވައިލާނެ ކަމަށް ސައީދު ކުރިން ވިދާޅުވިއެވެ. އަދި ބޭންކުން ކަސްޓަމަރުންނަށް އެހީވުމުގެ ގޮތުން އެ ވަގުތެއްގައި އޮތް ހާލަތަކަށް ބަލައި ބަދަލުތައް ގެންނާނެ ކަމަށް ސައީދު ކުރިން ވިދާޅުވިއެވެ.

ކާޑު ލިމިޓްއާ ގުޅޭ ގޮތުން މީގެ ހަފްތާއެއް ކުރިން "ދެން"އަށް ސައީދު ވިދާޅުވީ، މިކަމަކީ ޕޮލިސީ ލެވެލްގެ ކަމެއް ކަމަށްވުމުން، ސީނިއާ މެނޭޖްމެންޓާ ވާހަކަ ދައްކާލުމަށް ފަހު ޖަވާބެއް ދެއްވާނެ ކަމަށެވެ. ހަފްތާއެއް ފަހުން މިކަމާ ގުޅޭ އަދާހަމައެއް އެއްތޯ ސުވާލު ކުރުމުން ވިދާޅުވީ، އަދި ޖަވާބެއް ނެތް ކަމަށެވެ.

ޓްރޭޑް ޕްލެޓްފޯމްތަކާއި ކްރިޕްޓޯ ކަރަންސީ ޕްލެޓްފޯމްތައް ވެސް ބަންދު

2020 ވަނަ އަހަރު ނޮވެންބަރު މަހުގެ ތެރޭގައި ވެސް ބީއެމްއެލްއިން ވަނީ ރާއްޖޭގައި ޑޮލަރު ހިފަހައްޓަން ކަމަށް ބުނެ އިތުރު ފިޔަވަޅެއް އަޅައިފައެވެ. މިގޮތުން 2020 ނޮވެންބަރު 2ވަަނަ ދުވަހު ބީއެމްއެލްއިން ވަނީ ރާއްޖޭގައި އާއްމުކޮށް ބޭނުން ކުރަމުން ގެންދާ ޓްރޭޑިންގް ޕްލެޓްފޯމްތަކާއި، އީ-ވޮލެޓްތަކާއި ކްރިޕްޓޯ ކަރަންސީ އެކްސްޗޭންޗް ކުރާ ސައިޓްތަކާއި، ޖުވާ ކުޅޭ ބައެއް ސައިޓްތައް ބްލޮކްކޮށްފައެވެ.

ބޭންކުން އޭރު ބުނި ގޮތުގައި، މިގޮތަށް ނިންމައިފައި ވަނީ ޑޮލަރު ލިބެން ހުރި މިންވަރު ދަށްވެފައިވާ އިރު މިފަދަ އޮންލައިން ޓްރޭޑިން ޕްލެޓްފޯމުތައް މެދުވެރިކޮށް ބޭރުވަނީ ކޮންމެހެން ރާއްޖޭން ބޭރަށް ދާން ނުޖެހޭ ފައިސާ ކަމަށްވާތީ ކަމަށެވެ. އަދި އަސާސީ ބޭނުމަށް މުދާ އެތެރެކުރުމަށް ޑޮލަރު ބެހެއްޓުމަށް، ކޮންމެހެން ބޭނުން ނުވާ ބޭރުގެ ވިޔަފާރި މުއާމަލާތްތައް ހުއްޓުވުން މުހިންމުކަމަށް ދެކިގެން މިކަން ކުރި ކަމުގައި އޭރު ބީއެމްއެލްއިން ބުނެއެވެ.

ޓްރޭޑް ކުރުމާއި ކްރިޕްޓޯ ކަރަންސީ އެކްސްޗޭންޖް ކުރުމަކީ ދުނިޔޭގެ ކުރި އަރައިފައިވާ ޤައުމުތަކުގައި ކޮށްއުޅޭ ކަމެކެވެ. އަދި މިކަންކަމަކީ ރާއްޖޭގެ ޤާނޫނުން ކުރުން މަނާ ކަންކަމެއް ނޫނެވެ. ކޮވިޑް-19 ފިޔަވަޅުތައް ކަމަށް ބުނެ ބޭންކްއިން މި މުއާމަލާތްތައް ކުރުން ހުއްޓުވައިފައިވާ އިރު ، ޑޭ ޓްރޭޑް ކުރުމަކީ ބައެއް ދިވެހިން ވަޒީފާއެއްގެ ގޮތުގައި ކުރަމުން އައި ކަމެއްކަން ފާހަގަކޮށްލެއެވެ. ބޭންކްގެ މި ނިންމުމާ އެކު، ގިނަ ޒުވާނުންތަކަކަށް ފައިސާ ޖަމާވާނެ މަގު ބަންދުވެގެން ދިޔައެވެ.

ރިކޯޑް އަދަކަށް ފައިދާވާއިރު ވެސް، ޚިދުމަތަށް ބުރޫ ނާރާ މަހެއް ނެތް

ބޭންކް އޮފް މޯލްޑިވްސްއަށް މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފައިވީ ނަމަވެސް ބީއެމްއެލްގެ ޚިދުމަތްތަކާ ގުޅޭ ގޮތުން ގިނަ ދިވެހިން އަބަދު ވެސް ޝަކުވާ ކުރެއެވެ. ފަހަކަށް އައިސް ބީއެމްއެލްގެ ޚިދުމަތްތަކަށް ބުރޫއަރާ މިންވަރު މި ވަނީ އިންތިހާއަށް އިތުރުވެފައެވެ. ކޮންމެ ހަފްތާއަކު އެއްފަހަރުހެން ޝެޑިއުލް މެއިންޓެނެންސަކަށްދާ އިރު، މަހަކު އެއް ފަހަރު ކަހަލަ ގޮތަކަށް އެކައުންޓް "ސުމަކަށް" ބަދަލުވެއެވެ. މި ދަންނަވަނީ ކުރީބައިގައި އެންގުމަކާ ނުލާ ޚިދުމަތްތަކަށް ބުރޫ އަރާ ވާހަކައެވެ. މިގޮތަށް ދޮޅު،ދެ ގަޑިއިރު ބައެއް ފަހަރު ޚިދުމަތް މެދު ކެނޑިފައި ހުންނައިރު، ޚިދުމަތް ހޯދުމަށް ފަހު ރުފިޔާ ނުދެއްކިގެން "ތަށި ދޮންނަން" ޖެހޭ ފަހަރު ވެސް އާދެއެވެ، މައްސަލަތައް ގިނަވުމާ އެކު، ކޭޝްލެސް ވި ދިވެހިންގެ ހިތުގައި އުފެދުނު ބިރާ އެކު، އަބަދުވެސް ކޭޝް ކެރީ ކުރާ ބަޔަކަށް ދިވެހިން ވެއްޖެއެވެ.

ބީއެމްއެލްއަށް 3.8 ބިލިއަން ރުފިޔާގެ ވިޔަފާރި ބޭންކުން މިދިޔަ އަހަރު ކުރިއިރު، ޓެކްސްއަށް ކެނޑުމުގެ ކުރިން 2.6 ބިލިއަން ރުފިޔާ ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވެއެވެ. މިވަރުގެ ރިކޯޑް ފައިދާއެއް ލިބިފައިވާ އިރު ވެސް ބީއެމްއެލްގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވާން ޖެހޭނެ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

ރާއްޖޭގެ ހާލަތު މިއަދު މިވަނީ ބަދަލުވެފައެވެ. ރާއްޖޭގައި ދައުރުވާ ޑޮލަރުގެ އަދަދު އިތުރުވެއްޖެއެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު، މިދިޔަ މަހު މީރާއިން ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި ހިމެނޭ 63.09 މިލިއަން އެމެރިކާ ޑޮލަރުން އަންގައިދެއެވެ. މީރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު 1.41 ބިލިއަން ރުފިޔާ އެ އިދާރާއިން ވަނީ ބަލައިގެންފައެވެ. މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރުގެ ފެބްރުއަރީ މަހުގެ އާމްދަނީ އިތުރުވީ ޓޫރިސްޓުން އައި އަދަދު އިތުރުވުމުންނެވެ. އާއްމުދަނީ އިތުރުވި ނަމަވެސް، ބޭންކުން އެޅި ފިޔަވަޅުތައް ލުއި ނުދޭތީ، މި ނިންމުމާ އެކު އެތައް ރައްޔިތުންނެއް ސުވާލު އުފައްދައެވެ.

Ads by Allied Insurance
  1. ކަޅުބުޅާ

    ތީ ޑޮލަރު މަދުވެގެން ބެންކުދަރަނިވެރިވާތީ އެއްނޫން، އެހެންނަމަ ބިލިޔަނުން ފައިދާނުނެގީސް ދޯ؟ މޮނޮޕޮލީ… ކުދި ވިޔަފާރުތަށް ފުނޑާލަން ޖެއްސި އޮޕަރޭޝަންއެއް ތީ.. އަޑީގާ ތިބޭނީ ރައްޖޭގެ ހުރިހާ ވިޔަފާރި އެއް ކޮންޓުރޯލްކުރާ މަހުޖަނުން، އެމީހުން ބޭނުމެއް ނުވާނެ ކުދިގުޅަވެސް އެހެންބަޔަކު ހަދާކަށް.

  2. މުހައްމަދު

    މި ހަފްތާގައި ހެދި 50000$ގެ ޓީޓީއަކަށްވެސް ބޭންކް އިން ވިއްކީ އެންމެ 1500$. އެއީ އިންވޮއިސްގެ އެންމެ %3. އެކަމަކު ކަނެކްޝަން އޮންނަ މީހުންއެބަހަދާ ދިވެހި ރުފިޔާއިން ޓީޓީ. މީ ތިބޭންކްގެ ފެންވަރު

  3. ދިވެހި ދަރިއެއް

    ކޮވިޑު އޭކިޔައިގެން ދިވެހި ރާއްޖޭގެ ސެންޓްރަލް ބޭންކުން ތިދިނީ ދިވެހިންގެ ހިތުން ފިލައިގެން ނުދާނެ ވަރުގެ ބޮޑު އަނިޔާއެއް! ދެން ލިމިޓު ތަކަށް ނިމުން ގެނަޔަސް އަދި އާމްދަނީ ހޯދަން ބަންދުކުރި ދޮރުތަށް ހުޅުވިކަމުގައި ވިޔަސް ތިޔަ ބޭންކަށް އޮތް އިތުބާރު ގެއްލިއްޖެ! ރައްޔިތުން ތިބެންކުގެ ބޭނުން އެންމެ ބޮޑަށް ޖެހުނު ވަގުތު ތިބެންކުން އެތައް ބަޔެއްގެ ދިރިއުޅުން ހަލާކުކޮށްލީ! ތިޔައީ ދިވެހިން ގެ ބެންކެއް ނޫން! ދުޢާ އަކީ ޒަމާނީ މާލީ ނިޒާމެއް ގައުމަށް އައިސް ރައްޔިތުން އަޅުވެތިކަމުން ސަލާމަތްވުން!

  4. ރައްޔިތުންފެލާބޭންކް

    ތީ ރައްޔިތުންނަށް ހުރި ބޮޑު އާފާތެއް.. ހެޔޮ ހިތުން އެއްކަމެއްވެސް ނުކޮށްދޭނެ އާދައިގެ ކަސްޓަމަރަކަށް. ހުރިހާ ތަޅުތަކެއް އަޅުވާ ދުއްޕާންކޮށްފަ މިލިޔަންޑޮލަރުން ފައިދާ ނަގާފަ ދެއްކުން ތެރިކަމުގެ ގޮތުން ކޮމިއުނުޓީއޭ ކިޔާފަ ކުދި ކުދި ކަންކަން ކުރާނެ އެއީ ވެސް ކަޓު ނަގަން ޖަހާ މަޅިއެއް އެތެރޭގަ ތިބޭ ބަޔަކު.. ހޯމް ކޮންސްޓްރަކްޝަން ނޫނީ ހޯމް ޕާޗޭޒް ކަހަލަ ލޯނެއް ނަގަން އާދައިގެ ކަސްޓަމަރަކު ދިޔަޔަސް ދުއްޕާންކުރާނެ %20 ހަމަކުރީ މަނީ ލޯންޑަރިންއިންކަމަށް ހަދައި ބޮޑު ތަހުޤީގެއް ހިންގާނެ އެ ހެޔޮ ކަސްޓަމަރު އަތުގަ 10 އަހަރުން ސޭވްކޮށްފަ ހުރި ފައިސާއަށްވިޔަސް. 10 އަހަރު ކުރިން ބާޒާރު ބުރާންޗަށް ޖަމާކުރި 7000 ރުފިޔާ ހޯދިގޮތް ބޭންކުގެ ކަޓުނަގާ ޑިޕާޓްމަންޓަށް ( ކުރެޑިޓްސްއަށް) ސާފުކޮށްދޭން ޖެހޭނެ ޔޯލަ. ދެން ކަޓެއް ދޭން ދެއް ހިފަހަށްޓާނެ ނުދީ ފިއްޔާ ރިޖެކްޓް. ކަޓު ދިނުން ނޫނީ ސިޔާސީ ބާރުގަދަ މީހެއް މެދުވެރި ކުރުން ނޫން ޗޮއިސްއެއް ނޯންނާނެ..