މި އަހަރު ނިމުމުގެ ކުރިން އިންޑިއާ ސިފައިން ބޭރު ކުރަން ޖެހޭ: ރައީސް ޔާމީން

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ޖެހޭ ކަމަށާއި ރާއްޖޭގައި އެއްވެސް ޤައުމެއްގެ އަސްކަރިއްޔާއެއް އޮތުމަކީ އެދޭ ކަމެއް ނޫން ކަމަށް އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ "ރޮއިޓާސް"އަށް ދެއްވި އިންޓަރވިއުއެއްގައެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވީ، އިންޑިއާ ސިފައިން ތިބުމުން ޤައުމީ ސަލާމަތައް ނުރައްކާވުމުގެ އިތުރަށް ޤައުމުގެ ތަރައްޤީއަށް ވެސް ހުރަސް އެޅޭ ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
"މި ސަރަހައްދަކީ އަސްކަރީ ތަނަކަށް ވާކަށް އަޅުގަނޑުމެން ނޭދެން. އިންޑިއާ ސިފައިން މި އަހަރު ނިމުމުގެ ކުރިން މިތަނުން ފައިބަން ޖެހޭ" އިނގިރޭސި ބަހުން ދެއްވި އިންޓަރުވިއުއެއްގައި ރައީސް ޔާމީން ވިދާޅުވިއެވެ.
"މި ތާންގައި އިންޑިއާ ސިފައިން ތިބޭ ނަމަ އެމެރިކާ އަދި ޗައިނާ ސިފައިން ވެސް އަންނަން ބޭނުން ވާނެ"
ރައީސް ޔާމީން މި އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނަންތޯ އެ ނޫހުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެކަމަށް އަދި ގޮތެއް ނުނިންމަވާ ކަމަށެވެ. ނަމަވެސް ހުންނެވީ ރައްޔިތުންނާ އެކުގައި ކަމަށް ވިދާޅުވިއެވެ.