ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އީވާ އަބްދުﷲ ވިދާޅުވި ފަދައިން މި ސަރުކާރު މިދަނީ ނިމެންކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)އަށް ތާއީދު ހޯދުމުގެ ގޮތުން ބ.ތުޅާދޫގައި ރޭ ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުން، ހަމަ އެ މަގާމަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލަށް ފާޑުވިދާޅުވެ އީވާ ދެއްކެވި ވާހަކައާ ގުޅިގެންނެވެ.
އެ ޖަލްސާގައި އީވާ ވިދާޅުވީ، ވަޒީރުކަމަށް ބާކީ އޮތީ ދޮޅުއަހަރު ކަމަށާއި, އެހެންކަމުން ޗެއާޕާސަންކަމުގެ އިންތިހާބާއި ވަޒީރުކަމާ ގުޅުވިޔަ ނުދިނުމަަށެވެ. އަދި ވަޒީރަށް ވޯޓު ނުދީ ފިނަމަ ތަރައްގީގެ މަޝްރޫއުތައް ހުއްޓޭނެކަމަށް ގަބޫލު ކުރުމަކީ ކޮސްކަމެއް ކަމަށް ވެސް އީވާ ވިދާޅުވިއެވެ.
"އިމްތިޔާޒު ފަހުމީއާއި ތިބޭފުޅުންނާ އެތައް ބައިވަރު ބަޔަކު ޖަލަށް ގޮސް ވަޒީފާތައް ގެއްލި އެތައް ބޮޑު އަނިޔާއަކާ ކުރިމަތިލައި އެތައް ގުރުބާނީއެއް ނުވިނަމަ މިއަދު އޮންނާނީ ކޮން ސަރުކާރެއްތޯ.'' އީވާ ވިދާޅުވިއެވެ.
އީވާގެ އެ ވާހަކަތަކާ ގުޅިގެން އާދަމް ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީވާ ވިދާޅުވި ފަދައިން ސަރުކާރު މިދަނީ ނިމެން ކަމަށާއި އިއްޔެ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ގިނަ ބަޔަކު ހައްޔަރު ކުރީ ވެސް ސަރުކާރު ބަލިކަށިވެފައި ވާތީއާ އެކު ސަރުކާރު ވައްޓައިލައިފާނެތީ ބިރުން ކަމަށެވެ.
ކުރިމަގުގައި މިހާރަށް ވުރެ ވެސް މިވެރިކަން ބަލިކަށިވާނެ ކަމަށާއި ނިންމާނީ ރައްޔިތުން ކަމުގައި ވެސް އާދަމްް ޝަރީފު ވިދާޅުވިއެވެ.