ޚަބަރު ސިޔާސީ

އިންތިގެ ކެމްޕެއިންގައި ހަރަކާތްތެރިވާތީ ފެނަކައި މުވައްޒިފަކު މަޤާމުގެ މަސްއޫލިއްޔަތު ދުރުކުރި ކަމުގެ ތުހުމަތު!

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

އެމްޑީޕީގެ ޗެއާޕާސަންކަމަށް ކުރިމަތިލައްވައި ކެމްޕެއިން ކުރަމުންގެންދާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ކެމްޕެއިންގައި ހަރަކާތްތެރިވާތީ ފެނަކަ ކޯޕަރޭޝަންގެ އިތުރު މުވައްޒަފަކު މަގާމުންގެ މަސްއޫލިއްޔަތުން ދުރުކޮށްފިކަމަށް އިމްތިޔާޒްގެ ޓީމުން ތުހުމަތުކޮށްފިއެވެ.

Ads by Hajj Corporation

މިކަން މީޑިއާތަކާ ހިއްސާކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިގެ ކެމްޕެއިން މެނޭޖަރު އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)އެވެ. ބ.އަތޮޅުގެ ރަށްތަކަށް ކެމްޕެއިންގައި ކުރެއްވި ދަތުރަށް ފަހު މާލެ ވަޑައިގެން އެ ދަތުރުގެ މައުލޫމާތު ހިއްސާކުރައްވަމުން ވައްޑެ ވިދާޅުވީ ވަޒީފާގެ ކުރިއެރުން ހުއްޓުވުމާއި، ވަޒީފާގެ ބިރު ދެއްކުމުގެ ޝަކުވާ ރަށްތަކުން ލިބުނު ކަމަށެވެ.

އެގޮތުން ބ.ފެހެންދޫ ފެނަކަ ބްރާންޗުގެ ހިންގުން ހަވާލުކޮށްފައިވާ އެސިސްޓެންޓު މެނޭޖަރު އަހުމަދު ޝަބީން، މަސްއޫލިއްޔަތުތަކުން ދަށްކޮށް، އޭނާއަށް ވުރެ މާ ޖޫނިއާ ސްޓާފެއްކަމުގައިވާ ޓެކްނީޝަނެއްގެ މަގާމުގައި ހުރި ކުއްޖަކާ ތަން ހިންގުން ހަވާލުކޮށްފައިވާކަމަށް ވައްޑެ ވިދާޅުވިއެވެ.

"އެކަން އެނގިކަމަށް މިވަނީ އިމްތިޔާޒު ފަހުމީގެ ކެމްޕެއިނުގައި މުހައްމަދު ޝަބީން ހަރަކާތްތެރިވާތީ. އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ބައެއް ޕޯސްޓުތައް ޝެއާކުރަމުން ދާތީވެކަމަށް ޝަބީން ފާހަގަކުރެއްވި." ވައްޑެ ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ފެނަކައިގެ މުވައްޒަފަކު އިންތިގެ ކެމްޕެއިންގައި ހަރަކާތްތެރިވާކަމަށް ބުނެ ވަޒީފާއިން ވަކިކުރިކަމަށް އިންތިގެ ކެމްޕެއިން ޓީމުން ވަނީ ތުހުމަތުކޮށްފައެވެ. މިމައްސަލައިގައި އެމްޑީޕީ ވަޓްސްއެޕް ގްރޫޕެއްގައި ރައީސް މުހައްމަދު ނަޝީދުގެ ބަހުގެ ހަމަލާތަކެއް ފެނަކަ އެމްޑީއަށް ވެސް ރައްދު ކުރެއްވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވައްޑެ ވިދާޅުވީ މިމައްސަލަ މިހާރު ގާނޫނީ ޓީމަށް ހުށަހަޅައިފައިވާ ކަމަށެވެ. މިފަދަ ކަންކަން ލުއިކޮށް ނުނަންގަވާނެ ކަމަށާއި މިއީ ކަންބޮޑުވާ ކަމެއްކަމަށް ވެސް ވައްޑެ ވިދާޅުވިއެވެ.

މީގެ އިތުރުން އެޓޯލްސް މިނިސްޓަރަށް ނުވަތަ އެނޫން ވެސް މިނިސްޓަރަކަށް ތާއީދު ނުކުރާ ނަމަ ރަށް ފަޅުވާނެކަމަށް ބުނެ ބިރު ދެއްކުމަކީ ވަރަށް ކުރީގައި ހުދުމުޚުތާރު ވެރިކަމެއްގައި ކުރަމުން އައި ކަމެއްކަން ފާހަގަކުރައްވައި ވައްޑެ ވިދާޅުވީ މިހާރު ވެސް ފެންނަނީ އެފަދަ މަންޒަރެއް ކަމަށެވެ. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގަންނަވާ ވައުދެއް ވަކި މިނިސްޓަރަކު ބޭނުންފުޅުވާ ގޮތަކަށް ހިންގުން ނުވަތަ މަޑުޖެއްސުމަކީ އެމިނިސްޓަރަށް އޮންނަ އިހުތިޔާރެއް ނޫންކަމަށް ވައްޑެ ވިދާޅުވިއެވެ.

"އަޅުގަނޑު ގޮވާލަން އަޅުގަނޑުމެންގެ ވާދަވެރިންނަށް އެ ބާވަތުގެ ކަންކަން ނުކުރެއްވުމަށް." ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ ވަޒީރަށް އިންތިހާބު ކާމިޔާބު ނުވެއްޖެ ނަމަ ގާނޫނީގޮތުން އެ ވަޒީރަށް ހަވާލުވެފައި އޮންނަ މަސްއޫލިއްޔަތުތައް އަދާނުކުރެވިދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވަމުން ގެންދެވުމަކީ އެއަށް ވުރެ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

އިންތިއާ އެކު މިއިންތިހާބުގައި ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. ފައްޔާޒު ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ތާއީދު ހޯއްދަވައިގެންނެވެ. އިންތި ނިކުންނަވަނީ ރައީސް ނަޝީދުގެ ތާއީދު ހޯއްދަވައިގެންނެވެ.

ކެމްޕެއިންތައް ފޯރިއާ އެކު ކުރިއަށްދާއިރު ހޯމަ ދުވަހު އިންތި ވަޑައިގަންނަވާނީ މާލެ އަތޮޅުގެ ބައެއް ރަށްތަކަށެވެ. އެގޮތުން ގުޅިއާއި ގުރައިދޫ އަދި މާފުއްޓަށް އިންތި ވަޑައިގަންނަވާނީ ހޯމަ ދުވަހުއެވެ. އަންނަ ހަފްތާ ބަންދުގައި އިންތި ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ނ. އަތޮޅުގެ ރަށްތަކަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!