އިތުރުފުޅު ހެއްދެވި ވަޒީރަކު ހޯދަން ހުށަހެޅި މައްސަލަ ކޮމިޓީއަށް ނުފޮނުވުނު
ހޯމް މިނިސްޓްރަރު އިމްރާން އަބްދުﷲއާއި އެޓާނީ ޖެނެރަލް އިބްރާހީމް ރިއްފަތުގެ ތެރެއިން މަޖިލީހަށް އިތުރުފުޅު ހެއްދެވި ބޭފުޅެއް ހޯދައި އެ ބޭފުޅަކަށް ފިޔަވަޅު އަޅަން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ އިތުރަށް ބަލަން ކޮމިޓީއަށް ފޮނުވަން މެންބަރުންގެ ތާއީދެއް ނުލިބުނެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައި ވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.
މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ މިދިޔަ މަހުގެ 17ވަނަ ދުވަހު ޖުޑީޝަރީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ފުލުހުންގެ އިދާރާއާއި އެހެނިހެން އިދާރާތަކުގައި ގަސްތުގައި ގޯސް ހަދާ މީހުން ތިބި ކަމަށް ބަންޑާރަ ނައިބު ރިއްފަތު ވިދާޅުވި ނަމަވެސް، އެކަމާ ގުޅިގެން މިނިސްޓަރ އިމްރާނާ ސުވާލުކުރެއްމުން ގަސްދުގައި އެފަދަ ކަމެއް ކުރާ ފުލުހުން ނޫޅޭކަމަށް އޭނާ ވިދާޅުވި ކަމަށެވެ.
މެންބަރު އާދަމް ޝަރީފު ހުށަހެޅުއްވީ ގާނޫނުއަސާސީގައިވާ ގޮތުން ވަޒީރުންނާ ކުރާ ސުވާލުތަކަށް ތެދު ބަހުން ޖަވާބު ދޭން ޖެހޭނެ ކަމަށް އޮތްއިރު، މިނިސްޓަރ އިމްރާން ނުވަތަ ރިއްފަތު އިތުރުފުޅު ހައްދަވައިފައިވާ ކަމަށާއި، އޭގެ ތެރެއިން އިތުރުފުޅު ހެއްދެވި ބޭފުޅަކު ދެނެގަނެ ފިޔަވަޅު އަޅައިދެއްވުމަށެވެ. މިއަދުގެ މަޖިލިސް ޖަލްސާއަށް ހާޒިރުވީ މެންބަރުންގެ ތެރެއިން އެ މައްސަލަ ބަލައިގަންނަން ފެންނަކަމަށް ވޯޓު ދީފައި ވަނީ 18 މެންބަރުންނެވެ. މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 13 މެންބަރުން ވޯޓު ދެއްވައިފައި ވެއެވެ.
އާދަމް ޝަރީފު ހުށަހެޅުއްވި އެ މައްސަލަ ކޮމިޓީއަކަށް ފޮނުވައިގެން ބެލުމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ވަނީ ހުށަހަޅުއްވައިފައެވެ. އަދި އެ ހުށަހެޅުމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވަނީ ތާއީދު ކުރައްވައިފައެވެ. ނަމަވެސް އެ މައްސަލަ ކޮމިޓީއަށް ފޮނުވަން ނުވަ މެންބަރަކު ވޯޓު ދެއްވިއިރު، ކޮމިޓީއަށް ފޮނުވަން ނުފެންނަ ކަމަށް 13 މެންބަރުން ވޯޓު ދެއްވިއެވެ.