އިދިކޮޅާ އެއްކޮޅަށް ވެސް މިނިސްޓަރު އިމްރާން ގޯސްވެއްޖެ
ހޯމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އަދާލަތު ޕާޓީގެ ލީޑަރު ޝައިޚް އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ދޮގު މައުލޫމާތު ދެއްވިކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ނުރުހުން އޭނާއަށް އަމާޒުވެއްޖެއެވެ.
ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވަނީ މިނިސްޓަރު އިމްރާނާއި ބަންޑާރަނައިބު އިބްރާހިމް ރިއްފަތާއި ދެބޭފުޅުންކުރެ އެއް ބޭފުޅަކު އިތުރުފުޅު ހައްދަވައިފައި ވާތީ އެކަމާ ގުޅިގެން ކުއްލި މައްސަލައެއް ހުށަހަޅުއްވައިފައެވެ.
އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ މިދިޔަ މަހު 17ގައި ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ތެރޭގައްޔާއި އެހެން އިދާރާތަކުގައި ވެސް ގަސްތުގައި ގޯސް ހަދާ މީހުން ތިބި ކަމަށް ރިއްފަތު ވިދާޅުވި ކަމަށާއި ނަމަވެސް މަޖިލީހުގެ ތަޅުމުގައި އެކަމާ ބެހޭ ގޮތުން އިމްރާނާ ސުވާލުކުރުމުން، ގަސްތުގައި އެފަދަ ކަމެއް ކުރާ ފުލުހުން ނޫޅޭ ކަމަށް ވިދާޅުވި ކަމަށެވެ.
މިމައްސަލަ މަޖިލީހަށް ހުށަހެޅުމާ އެކު އެމްޑީޕީ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވާހެން 18 މެމްބަރެއްގެ ވޯޓާ އެކު މަޖިލީހަށް އެމައްސަލަ ބަލައިގަންނަން ވަނީ ފާސްކޮށްފައެވެ. އެމްޑީޕީ މެމްބަރުންގެ ތެރެއިން އެ މައްސަލައަށް ތާއީދު ކުރެއްވީ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނެވެ.
ބަހުސް މަރުހަލާގައި ވާހަކަފުޅުދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ އާދަމް ޝަރީފުގެ މައްސަލައިގައި ފެހި ފިތަށް ފިއްތެވީ މިފަދަ މައްސަލައެއް މަޖިލީހުން ނުބަލާނަމޭ ވިދާޅުވެވެން ނެތުމުން ކަމަށެވެ. އީވާ ވިދާޅުވީ މިނިސްޓަރަކު މަޖިލީހުގައި އިތުރުފުޅު ހެއްދެވުމަކީ ސީދާ މަޖިލީހުގެ އިމްތިޔާޒާ ގުޅުން ހުރި ކަމެއްކަމަށެވެ.
މަޖިލިސް ކޮމިޓީގައި ބަންޑާރަ ނައިބު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ގަސްތުގައި ގޯސް ހަދާ ބަޔަކު ފުލުހުންގެ ތެރޭގައި އުޅޭކަމަށެވެ. އެކަން ދޮގުކުރައްވައި މަޖިލީހުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ގަސްތުގައި އެފަދަ ކަމެއް ކުރާ ބަޔަކު ފުލުހުންގެ ތެރޭގައި އުޅޭކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.
މިމައްސަލައިގައި އީވާ ވިދާޅުވީ ރައީސް ނަޝީދު މީގެ ފަސްވަރަކަށް އަހަރު ކުރިން ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުން އުޅޭކަމަށް ވިދާޅުވި ކަމަށާއި އެހެން ނަމަވެސް ގައުމު ފަޟީހަތް ކުރައްވަން އުޅެނީކަމަށް އޭރުގެ ހޯމް މިނިސްޓަރު ވިދާޅުވިކަމަށެވެ. މިނިސްޓަރު އިމްރާން ވެސް ކަން ކުރެއްވީ އެ އުސޫލުންތޯ އީވާ ސުވާލު އުފެއްދެވިއެވެ.
"ހަމަ އެކަހަލަ ގޮތަކަށް އަޅުގަނޑަށް ވެސް މި ސިފަވަނީ. ކަމެއް ރަނގަޅުކުރަން މީހަކު ބުނީމާ ކުއްލިއަކަށް އެ އުޅެނީ ސަރުކާރު ބޭޒާރު ކުރަންށޭ، ގައުމު ފަޟީހަތްކުރަންށޭ ކިޔުމުގެ ބަދަލުގައި އިއްޒަތްތެރި ރައީސް، ރައްޔިތުންގެ އިތުބާރު ނެގެހެއްޓޭނީ ގޯހެއް އޮތިއްޔާ އެ ރަނގަޅު ކުރާނަމޭ ކިޔައިފައި އެއަށް މަސައްކަތް ކުރުން"
- މެމްބަރު އީވާ އަބްދުﷲ
ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވީ އާދަމް ޝަރީފު މި ކުއްލި މައްސަލަ ހުށަހެޅުއްވީ ރަނގަޅު ނިޔަތެއްގައި ނޫން ކަމަށާއި އެހެން ނަމަވެސް ހުށަހެޅި މައްސަލައަކީ ރަނގަޅު މައްސަލައެއް ކަމަށެވެ. މިނިސްޓަރަކު މަޖިލިހުގައި އިތުރުފުޅު ހެއްދެވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށް ހަލީމް ވިދާޅުވިއެވެ.
ދެ މިނިސްޓަރަކު ދެގޮތަކަށް ވާހަކަފުޅު ދެއްކެވުމުން އެކަމަށް މަޖިލީހުން ފާރަވެރިވާން ޖެހޭނެކަން ފާހަގަކުރައްވައި ހަލީމް ވަނީ މެމްބަރު އީވާ ދެއްކެވި ވާހަކަފުޅަށް ތާއީދު ކުރައްވައިފައެވެ.
ކުއްލި މައްސަލައަށް ވާހަކަފުޅު ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މިނިސްޓަރަކު އިތުރުފުޅު ހައްދަވައިގެން ހައިރާންވެވަޑައިނުގަންނަވާ ކަމަށާއި ކުޑަ ސޯބު އެނބުރޭނީ ބޮޑު ސޯބު އެނބުރޭހެން ކަމަށެވެ. ކޮންމެ އަހަރެއްގެ ރިޔާސީ ބަޔާން އިއްވަވާއިރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހުވެސް ހައްދަވަނީ އިތުރުފުޅުކަމަށް ޝިޔާމް ވިދާޅުވިއެވެ.
"މީ ދޮގު ވިއްކައިގެން އައި ސަރުކާރެއް. ދޮގު ވިއްކައިގެން ސަރުކާރު ހިންގާ ވަޒީރުންތަކެއް ތިބި ސަރުކާރެއް މި ސަރުކާރަކީ. އަޅުގަނޑު ދެރަވޭ މަޑުއްވަރީ ދާއިރާގެ އިއްޒަތްތެރި މެމްބަރު މިކަންތައް ޕްރޫވް ކޮށްދޭން މައްސަލައެއް ހުށަހެޅުއްވީތީވެ."
- މެމްބަރު އަހުމަދު ޝިޔާމް
ހޯމް މިނިސްޓަރު އިމްރާނާ ގުޅޭ ގޮތުން ޝިޔާމް ވިދާޅުވީ އެތައް ފަހަރެއްގެ މަތިން މިނިސްޓަރު މަޖިލީހުގައި އިތުރުފުޅު ހެއްދެވިކަމަށެވެ. އެގޮތުން މޭޑޭގެ މުޒާހަރާއާ ގުޅިގެން ވެސް ހެއްދެވީ އިތުރުފުޅުކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ ސަރުކާރުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން ވެސް މިފަދަ ކަންކަމަށް ބާރު ދެއްވާކަމަށެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ބަންޑާރަ ނައިބު ދެއްކެވި ވާހަކަފުޅު އެނގިވަޑައިނުގެން ހުންނަވައި ހޯމް މިނިސްޓަރު މަޖިލީހުގައި ވާހަކަފުޅު ދެއްކެވުމުން ކަމަށެވެ. މިކަމުން ހާމަވެގެން ދަނީ މިފަދަ ބޮޑެތި މައްސަލަތަކާ ގުޅިގެން ދައުލަތުގެ އެއް ވުޒާރާއާއި އަނެއް ވުޒާރާއާ ދެމެދު ގުޅުން ނެތްކަން ކަމަށް އިމްތިޔާޒު ވިދާޅުވިއެވެ.
އިމްތިޔާޒު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތައް ފެންމަތިވަމުން ދިޔަ ނަމަވެސް ހަމަ އެންމެ މައްސަލައަކާ ގުޅިގެން ވެސް މީހަކު ހިފަހައްޓައި ނުލެވޭކަމަށެވެ. މިކަމާ ގުޅިގެން މިވާ ގޮތަކާ މެދު ރައްޔިތުން ސުވާލު ކުރާކަމަށް އިމްތިޔާޒު ވިދާޅުވިއެވެ.
"އެނގޭ ހަގީގަތަކީ ކޮންމެވެސް ދިމާތަކަކުން ދައުލަތުގެ ކަމާބެހޭ ތަހުގީގީ އިދާރާތަކާ ނޫނިއްޔާ ޕްރޮސެކިއުޓާ ޖެނެރަލާ، ކޯޓުތަކަށް ކޮންމެ ވެސް ހިސާބުތަކަކުން އެބަ އޮތް މިއާ ގުޅުމެއް. ނެޓްވޯކެއް އެޅިފައި ވާކަމަށް ތުހުމަތުކުރުމުގެ ޖާގަ އެބައޮތް. އެކަން އިތުރަށް ޔަގީން މިކޮށްދެއްވީ ބަންޑާރަ ނައިބު"
- މެމްބަރު އިމްތިޔާޒު ފަހުމީ
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން އެމްޑީޕީ މެމްބަރުން ވާހަކަފުޅު ދައްކަވާތާ ދުވަސްތަކެއް ވެއްޖެއެވެ. މިވާހަކަ އެންމެ ބޮޑަށް ދައްކަވަމުން ގެންދަވަނީ ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނެވެ.