ޚަބަރު ޝަރުޢީ ދާއިރާ

ލޯބިވެރިޔާއަށް މަރުގެ އިންޒާރު ދިން މީހަކު ޖަލަށްލާން ހުކުމްކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ކްރިމިނަލް ކޯޓް -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ލޯބިވެރިޔާގެ އެދުމަށް އިންކާރު ކުރި އަންހެނަކަށް މަރުގެ އިންޒާރު ދިން މީހަކު 17 މަސް ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

Ads by Hajj Corporation

މަރުގެ އިންޒާރުދިންމި ހާދިސާ ހިނގައިފައި ވަނީ 2016ވަނަ އަހަރުގެ އޭޕްރިލް މަސް ތެރޭގައެވެ.

އެނގިފައިވާ ގޮތުގައި އަންހެން މީހާ އިންކާރު ކުރީ، އޭނާ ކުއްޔަށް އުޅޭ ގެއިން ނުކުމެގެން ފިރިހެން މީހާއާ އެކު ދިރިއުޅެން ދިޔުމަށެވެ. އެ މައްސަލައިގައި އޭނާ މަގުމަތިން ފެނިގެން، މަރައިލާނެކަމަށް ފިރިހެން މީހާ އިންޒާރު ދިން ކަމަށް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އަންހެން މީހާ ފުލުހުންނަށް ބަޔާން ދިން ނަމަވެސް، ހެކިބަސް ދޭން ކޯޓަށް ހާޒިރު ވެފައެއް ނުވެއެވެ. އެހެންކަމުން ފިރިހެން މީހާއާ ދެކޮޅަށް ހެކިބަސް ދީފައި ވަނީ އެ ފިރިހެން މީހާ އިންޒާރު ދިން އިރު އެތަނުގައި ތިބި މީހުންނެވެ.

އެހެންކަމުން އަންހެން މީހާއަށް މަރުގެ އިންޒާރު ދިންކަން ސާބިތުވާ ކަމަށް ކޯޓުން ނިންމީ މަންޒަރު ދުށް މީހުންގެ ހެކި ބަހާއި އަންހެން މީހާގެ ތަހުގީގު ބަޔާނަށް ރިއާޔަތްކޮށެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ ދެ މީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތުމަކީ އަންހެން މީހާގެ މައްޗަށް ފިރިހެން މީހާގެ ބާރު ހިންގޭނެ ކަމެއް ނޫން ކަމަށާއި އެގޮތަށް ކަމެއް ކުރުވުމުގެ ގޮތުން އިންޒާރު ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެ ކުށަށް އޮތް އެންމެ ބޮޑު އަދަބު ކަމަށްވާ 18 މަސް ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ކޯޓުން މިއަދު އިއްވިއެވެ.

ނަމަވެސް މި މައްސަލައިގައި ފިރިހެން މީހާ ބަންދުގައި މިހާރު ވެސް 28 ދުވަސް ހޭދަ ކޮށްފައިވާތީ، އޭނާ ދެން ޖަލުގައި ހޭދަ ކުރަން ޖެހެނީ 17 މަސް ދުވަހެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!