ސަރުކާރުތަކުން ލައްގަމުން އައި ޕޮލިސް ފްލެޓް މި އަހަރު ނިންމާނަން: ރައީސް ޞާލިޙް
މީގެ ހަތް އަހަރު ކުރިން ފަށައި ނުނިމި ދިގުލައިގެން ގޮސްފައިވާ، ފުލުހުންގެ ފްލެޓުތައް މި އަހަރު ތެރޭގައި ނިންމާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަލާމަތީ ބޭފުޅުންނަށް ލިބެންޖެހޭ ބޯހިޔާވަހިކަމަށް އަދިވެސް ހައްލެއް ލިބިފައި ނުވާ ކަމަށެވެ. އަދި އެ ބޭފުޅުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފްލެޓްތައް ނިންމުމުގެ މަސައްކަތް މިހާރު ޕްލޭނިން މިނިސްޓްރީގެ ދަށުން އައު ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން މަސައްކަތް ފަށައިފައިވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
“ސަލާމަތީ ބޭފުޅުންނަށް އޮތް ބޯހިޔާވަހިކަމަށް އަދިވެސް ހައްލެއް ނުލިބޭ. އެކި ސަރުކާރުން ނެއްޓެމުން އަނެއް ސަރުކާރަށް ލައްގަމުން އައި މިދެންނެވި ޕްރޮޖެކްޓް މިހާރު ވަނީ ހިންގަން ފަށައިފައި. ޕްލޭނިން މިނިސްޓްރީގެ ދަށުން އައު ކޮންޓްރެކްޓަރަކާ ހަވާލުކުރެވި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް މިހާރު އެ ދަނީ ހިނގަމުން” ރައީސް ވިދާޅުވިއެވެ.
އެކި ސަރުކާރުން ނެއްޓެމުން އަނެއް ސަރުކާރަށް ލައްގަމުން އައި އެ ޕްރޮޖެކްޓް މިހާރު ހިންގަން ފަށައިފައިވާކަމަށް ހާމަކުރައްވަމުން ރައީސް ވިދާޅުވީ އަމާޒަކީ އެ ފްލެޓްތަކުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުންކަމަށެވެ.
“އަޅުގަނޑުމެންގެ އަމާޒަކީ މި ފްލެޓްތަކުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމުން” ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙްގެ ވެރިކަމެއްގައި، ގިނަވެގެން އެއް އަހަރުތެރޭގައި ފުލުހުންނާއި ސިފައިންނަށް ފްލެޓު ދިނުމުގެ މަސައްކަތް ފަށާނެ ކަމަށާއި އެއް އަހަރުތެރޭގައި އެ ފްލެޓުތަކަށް ވަދެވޭނެ ގޮތް ހަދާނެ ކަމަށް ރައީސް ޞާލިޙް މީގެ އަހަރުތަކެއް ކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ފްލެޓްތައް ނުނިމި ދިގުލައިގެން ދާތީ ފުލުހުން އެކި ފަހަރު މަތިން ޝަކުވާކޮށްފައިވެއެވެ.