ފުލުހުންނަށް ލިބޭ ކޮންމެ ކުރިއެރުމަކީ ގައުމަށް ލިބޭ ކުރިއެރުމެއް: މިނިސްޓަރ އިމްރާން

ފުލުހުންނަށް ލިބޭ ކޮންމެ މޮޅުކަމަކާއި ކުރިއެރުމަކީ ގައުމަށް ލިބޭ މޮޅުކަމަކާއި ކުރިއެރުމެއް ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތަށް 89 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ގައުމީ މުއައްސަސާއެއް ކަމަށެވެ. އަދި ފުލުހުންނަށް ގާއިމު ކޮށްދެވޭ ކޮންމެ ވަސީލަތަކާއި ލިއްބައިދޭ ކޮންމެ ހުނަރަކާއި ކޮންމެ ގާބިލުކަމަކީ ގައުމަށް އިތުރު ކުރެވޭ ވަސީލަތަކާއި ލިއްބައިދޭ ގާބިލު ކަމަކާއި ހުނަރެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހަމަ އެގޮތަށް ފުލުހުންނަށް ލިބޭ ކޮންމެ ނިކަމެތިކަމަކާއި ބަލިކަށިކަމަކީ ގައުމަށް ލިބޭ ނިކަމެތި ކަމެއް ކަމަށް ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިތުރަށް ވިދާޅުވީ ދިވެހި ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންގެ މުދަލާއި ފުރާނަ ހިމާޔަތްކޮށް މުޖުތަމައުގެ ހަމަޖެހުމާއި ރައްކާތެރިކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް ޓަކައި ރާއްޖޭގެ ދާހިލިއްޔާއާ މަތިކޮށްފައިވާ ޒިންމާތަކުގެ ތެރެއިން އެންމެ ބޮޑު ހިއްސާއަކާއި ޒިންމާއެއް އަދާކުރަން ޖެހެނީ ދިވެހި ފުލުހުންގެ ހިދުމަތްކަމަށެވެ.
އަދި އަތޮޅުތަކުގައި ފުލުހުން ހިދުމަތް ދިނުމުގެ ފުރިހަމަ ނިޒާމެއް އެކަށައަޅައިފައިވާ ފުލުހުން ، ޖަވާބުދާރީވުމަށް ޒިންމާކުރާނެ ރަނގަޅު ފަރާތްތަކެއް އެކުލަވައިލެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ވެހޭހައި ވާރެއެއްގައި ދޭހާ އަތްވެއްގައި ގަދަ ކަނޑުގައި ފުލުހުން އުފުލާ ތަކުލީފުތަކަށް ޓަކައި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.