ދީން

އިސްރާފު ކުރުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ. އެއީ ޝައިޠާނީ ޢަމަލެކެވެ: ޚުތުބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެންމެހައި ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލުކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެ ބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!

Ads by Hajj Corporation

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްފައިވަނީ އިސްރާފު ކުރުމުގެ ނުބައިކަމުގެ މައްޗަށެވެ.

އިންސާނުންނާ މިއަދު ކުރިމަތިވެފައިވާ އިޖުތިމާއީ އަދި އިޤުތިޞާދީ ބަލިމަޑުކަމުގެ ތެރޭގައި އިސްރާފު ކުރުންވެއެވެ. ތަނަވަސްކަމުގެ ހަޔާތް ބައެއްގެ މައްޗަށް ވެރިވެގެންފި ނަމަ، ފާސިޤުކަމާއި ފަސާދައިގެ ދޮރުތައް ހުޅުވިގެން ހިނގައިދާނެއެވެ. އެއީ އެބައެއްގެ ނިމުމެވެ.

މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

އަދި ރަށެއް ހަލާކު ކުރެއްވުމަށް، ތިމަންރަސްކަލާނގެ އިރާދަކުރައްވައިފި ނަމަ، އެ ރަށެއްގެ ތަނަވަސްކަމުގެ އަހުލުވެރިންނަށް ތިމަންރަސްކަލާނގެ (ކިޔަމަންގަތުމަށް) އަމުރު ކުރައްވަމެވެ. ދެން އެއުރެން އެރަށުގައި ފާސިގު ޢަމަލުކޮށް، ކިޔަމަންތެރިކަމުން ބޭރުވެގަނެތެވެ. ދެން ކޯފާގެ ބަސްފުޅު އެއުރެންގެ މައްޗަށް ޙައްޤުވެދެތެވެ. ދެން ތިމަންރަސްކަލާނގެ އެ ރަށެއް މުޅިން ހަލާކު ކުރައްވައި ނެތިކުރައްވަމެވެ.

ތަނަވަސްކަމާއި މުއްސަނދިކަން އިންސާނުންގެ ތެރެއިން ބަޔަކަށް ލިބިއްޖެ ނަމަ، އެމީހުންގެ ޚަރަދުތައް އިތުރުވެ، ހޭދަ ކުރުން ގިނަވެދާނެއެވެ. އަދި މުދާތައް ބޭކާރު ގޮތުގައި ނަގައިލަން ފަށައިފާނެތެވެ.

މާތް ﷲ މިކަން ބަޔާންކުރައްވައި، ވަހީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

ﷲ އެކަލާނގެ (އެންމެހައި) އަޅުންނަށް ރިޒްޤު ތަނަވަސްކޮށް ދެއްވައިފި ނަމަ، ބިމުގައި އެއުރެން ބޮޑާވެ، އަނިޔާވެރިވެގެންފީހެވެ.

މިހެންވެ ހުރިހާ ކަމެއްގައި އިޤްތިޞާދު ކުރުމަށާއި، އިސްރާފު ނުކުރުމަށް މާތް ﷲ ވަނީ އަމުރު ކުރައްވައިފައެވެ.

އެކަލާނގެ ވަހީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

އޭ އާދަމުގެ ދަރީންނޭވެ! ތިޔަބައިމީހުން ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދި ތިޔަބައިމީހުން ކައިބޮއެ އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން އިސްރާފު ކުރާ މީހުން ދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ.

މާތް ނަބިއްޔާ (ޞޢވ) ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

ތިޔަބައިމީހުން މެދުމިންވަރުގައި ހިފާށެވެ! ތިޔަބައިމީހުން މެދުމިންވަރުގައި ހިފާށެވެ! އޭރުން ލަނޑުދަނޑިއަށް ވާސިލު ވެވޭނެތެވެ.

އިސްރާފު ކުރުމަކީ ކޮންމެ ކަމެއްގައިވެސް ޙައްދު ފަހަނަޅައި ދިޔުމެވެ. އެއީ ހަމައެކަނި ކެއިންބުއިމާއި ޚަރަދުބަރަދާ ގުޅިފައިވާ ކަމެއް ނޫނެވެ. އުރެދުންތަކަށް އަރައިގަތުން ގިނަކޮށް، ކުފުރުވުމާ ހަމައަށް ހިނގައްޖެނަމަ، އެއީ ވެސް އިސްރާފު ކުރުމެކެވެ. ކާބޯތަކެތި ގަނެ، ހެޔޮގޮތުގައި އެތަކެތީގެ ބޭނުން ނުކޮށް، އެތަކެތި ކުނީގެ ގޮތުގައި އުކާލުމަކީ އިސްރާފު ކުރުމެވެ. ހަމަ އެފަދައިން ފޭރާމާއި ސަވާރީއާއި ފަރުނީޗަރު ފަދަ ތަކެތި، ހިސާބަށް ވުރެ ގިނަ ކުރުމަކީ ވެސް އިސްރާފު ކުރުމެކެވެ.

ކާބޯތަކެއްޗާއި، ދަނޑުވެރިކަމާ ބެހޭ އ.ދގެ ދިރާސާއެއް ބުނާގޮތުގައި، ކޮންމެ އަހަރަކު 1.3 ބިލިއަން ޓަނުގެ ކާބޯތަކެތި ކުނީގެ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި އުކައިލެވެއެވެ. އެއީ ދުނިޔޭގައި އުފައްދާ ކާބޯތަކެތީގެ ތިންބައިކުޅަ ދެބައެވެ. އެއީ ފައިސާއަށް ބަލާއިރު 750 ބިލިއަން ޑޮލަރެވެ. ދުނިޔޭގައި 870 މިލިއަން މީހުން ބަނޑަށް ޖެހިފައިވާ އިރު، މިއީ ބޮޑުވެގެންވާ އިސްރާފެކެވެ. ފަޤީރު ޤައުމުތަކުގައި މިލިއަން މިލިއަނުން މީހުން ބަނޑަށް ޖެހިގެން މަރުވަމުން ދާއިރު، ޔޫރަޕްގެ ޤައުމަކުން 19 ބިލިއަން ޑޮލަރުގެ ކާބޯތަކެތި ގޮނޑަށް އުކާލައެވެ.

އަޅުގަނޑުމެން ހޭދަކުރަމުން މިދާ ބަރަކާތްތެރި ރަމަޟާން މަހަކީ، އާއްމުގޮތެއްގައި އިސްރާފުކުރުން ބޮޑު މަހެކެވެ. ރަމަޟާން މަހު ރޯދަ ވީއްލުމަށް ޓަކައި، ތަފާތު އެތައް ބާވަތެއްގެ ކާބޯތަކެތި ތައްޔާރު ކުރުމަކީ މިއަދުގެ ދުނިޔޭގައި މުސްލިމުންގެ އާދައެކެވެ. މީސްމީޑިއާ މެދުވެރިކޮށް މިކަމުގައި އެކަކު އަނެކަކާ ވާދަކުރާތަން ވެސް ފެނެއެވެ. މީގެތެރެއިން އެމީހުން ބޭނުން ކުރަނީ ވަރަށް މަދު އެތިކޮޅެކެވެ. ކެއުމަށް ތައްޔާރުކުރާ ގިނަ އެއްޗެހި އުކައިލެވެނީ ކުނި ގޮނޑަށެވެ. މިއީ ކިހާ ބޮޑު އިސްރާފެއް ހެއްޔެވެ؟ އިސްރާފު ކުރުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ. އެއީ ޝައިޠާނީ ޢަމަލެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!