އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އުންމީދު ކަމުގައި ހަދައިދޭނަން: އިންތި
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ދެރަވާގޮތަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އުންމީދުކަމުގައި ހަދައިދެއްވާނެ ކަމަށް އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އިންތި މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގެ ކެމްޕެއިނަށް ށ.އަތޮޅު ޅައިމަގަށް ވަޑައިގެން އެމްޑީޕީގެ މެމްބަރުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގައެވެ.
އިންތި ވިދާޅުވީ ޕާޓީގެ އުސޫލުތަކާއި އަސާސްތައް މިހާރު އެމްޑީޕީން ގެއްލެމުންދާ ކަމަށާއި އެ ކަންތައްތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އަލުން އަނބުރާ ޕާޓީއަށް އުންމީދު އައުކޮށްދޭނެ ކަމަށް އިންތި ވިދާޅުވިއެވެ.
“އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އުންމީދު ކަމަށް ހަދައިދޭނަން. މި ޕާޓީން ގެއްލެމުން މިވަގުތު ދަނީ އުސޫލުތަކާއި އަސާސްތައް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަލުން އަނބުރާ މި ޕާޓީއަށް އުންމީދު އައު ކޮށްދޭނަން”
މީގެ އިތުރުން އިންތި ވިދާޅުވީ ޕާޓީއަށް ކުރިމަތިވާ ދެރަ ވަގުތުތަކުގައި ދެރަ ހާލަތުގައި ދެމިހުންނަވާނެ ކަމަށާއި އުފާވާ ވަގުތުތަކުގައި އުފަލުގައި ހުންނަވާނެ ކަމަށެވެ. އަދި އެމްޑީޕީއަކީ ތިލަފަތް ރަމްޒުކޮށްދޭ ގޮތުގައި އޮތް ޕާޓީއަކަށް ހަދައިދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.
“މި ޕާޓީއަކީ ދެން ވެސް އުސޫލުތަކާ ހަމަތަކުގައި ހިފަހައްޓައިގެން ޕާޓީގެ ތިލަފަތް އެ ރަމްޒުވާ ގޮތުގައި އޮތް ޕާޓީއެއްގެ ގޮތުގައި ހަދައިދޭނަން. ޝައްކެއް ނެތް އިރާދަކުރެއްވިއްޔާ މި ޕާޓީ ދެރަވާ ވަގުތުތަކުގައި ދެރަ ހާލަތުގައި އަޅުގަނޑު ހުންނާނަން އުފާވާ ވަގުތުތަކުގައި އުފަލުގައި ހުންނާނަން”
މީގެ އިތުރުން ދެގޮތެއް ނުވެ ޕާޓީއަށް ތެދުވެރިވެ ހުންނަވާނެ ކަމަށް އިންތި ވިދާޅުވިއެވެ.
"ދެގޮތެއް ނުވާނެ. ނަފްސެއް ނުވިއްކާނެ. ޕާޓީއަށް ތެދުވެރިވާނެ. މި ޕާޓީ ކުރިއެރުވުމަށް ކުރަން ޖެހޭ ހުރިހައި ކަމެއް ކުރުމުގައި އަޅުގަނޑު އިރާދަކުރެއްވިއްޔާ ދެމިހުންނާނަން”