ރ.މީދޫ: ކޮންމެ ދިމާލަކުން ފެންނަނީ ޖަމްޢިއްޔާތަކުގެ ބޮޑެތި ޚިދުމަތްތައް

މި ރަމަޟާން މަހުގެ ކުރިން ހަފްތާ ބަންދެއްގެ ތެރެއަށް ވަތް ބުރާސްފައްޗެއްގެ އިރު ފޮހުނު ވަގުތު ރ.އަތޮޅު މީދޫއަށް އަހަރެން އަރައިލީ ރަށްރަށަށް ޖެހިލާން އޮންނަ ޝައުޤެއްގެ ސަބަބުންނެވެ. ހުކުރު ދުވަހު ހެނދުނު ވެސް އަރާމުކޮށްލާން އިޚްތިޔާރުކުރީ މޫސުން އެހައި ހިތްގައިމު ނޫން ދުވަހެއްގައި ކުރި ދަތުރު ހޯދައިދިން ވަރުބަލިކަމުގެ ސަބަބުންނެވެ. ނަމަވެސް އެކަން ހުއްޓުވީ ހެނދުނު ރަށު ތެރެއިން އިވެން ފެށި ގޮވެލިފައްޗެކެވެ.
"އީނާޝް އަޙުމަދުގެ ކިޑްނީ ޓްރާންސްޕްލާންޓްކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހެދިކާ ވިއްކުމުގެ ޙަރަކާތެއް ހަވީރު އޮންނާނެ، ވީހައި ވެސް ގިނަ ބަޔަކު މި ހަރަކާތުގައި ބައިވެރިވުން އެދެން"
ޚަބަރު ބަލައިލުމުގެ ބޭނުމުގައި އެ އިވެންޓަށް ގޮސް ހެދިކާއާއި މަޖާ ގަނެ ކައިފީމެވެ. (މީދޫ މަޖަލަކީ މިހައިތަނަށް ކެވުނު ހަމަ އެންމެ މަޖާ "މަޖަލެވެ.") ނަމަވެސް އެ މަޖާގަނޑުން ދިން މަޖަލަށް ވުރެ އަހަރެން ބޭނުންވީ ހަރަކާތުގެ ތަފްޞީލެވެ. އެކަމަށް ކުރި މަސައްކަތް ގޮސް އަހަރެން ހުއްޓުވީ މީދޫގެ ރައްޔިތުންގެ އެކުވެރިކަމަށާއި ހީވާގިކަމުގެ ތެރެއަށެވެ. އެ ރަށުގެ އިޖުތިމާއީ އަދި އިންސާނީ ޚިދުމަތުގެ ބުރަ މަސައްކަތުގެ މެދުގައެވެ.
ރ.މީދޫގެ އެންމެ ހިތްގައިމުކަމަކީ ކުށުގެ ވެއްޓެއް އެ ރަށުގައި ނެތް ކަމެވެ. ރައްކާތެރިކަން ލިބިގެން ވުމެވެ. ރަށުގެ ވަށައިގެން ނުވަ ރިސޯޓް އޮވެއެވެ. ނަތީޖާއެއްގެ ގޮތުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އެބައޮތެވެ. ރަށުގެ ޚިދުމަތްދޭ މަރުކަޒުތަކުގެ އިސްސަފުގައި ގިނަ އަދަދަކަށް އަންހެނުން ވަޒީފާ އަދާކުރެއެވެ. މަސްވެރިކަމުން ނަފާ ހޯދި ދޯނިތަކުގެ ފަރުމާ ފަތުރުވެރީންގެ ޚިދުމަތަށް ބަދަލުކޮށް މޫސުމީ ހިރާހުން ނުކުތެވެ.
2200 މީހުންގެ އާބާދީގެ މި ރަށަކީ ކްލަބު،ޖަމްއިއްޔާތަކުގެ ނަމޫނާ ރަށެކެވެ. ރަށުގެ ކޮންމެ ދިމާލަކުން ، ކޮންމެ ކަމެއްގައި ފެންނަނީ ރަށުގެ ކްލަބު ޖަމްއިއްޔާތަކުގެ ބައިވެރިވުމާއި ހިއްސާއެވެ. ހެދިކާ އިވެންޓް ހިންގި މީދޫގެ އުދަރެހުން އެންމެ ފަހުން ދައްކައިލި "އުއްމީދު"ގެ ވާހަކަ އެންމެ ފަހަށް ބާއްވައި ޖަމްޢިއްޔާގެ އުސްއަލިތަކަށް ޖެހިލާނަމެވެ.
އިރުމަތީ އަވަށުގެ ޖަމްޢިއްޔާ/ޖަމްޢިއްޔަތުއް ޞަލާޙް
މީދޫގައި ޖަމްޢިއްޔާތައް ރަސްމީކޮށް އުފެދުމުގެ މާކުރީން ވެސް އިރުމަތީ އަވަށާއި ހުޅަނގު އަވަށާ ދެމެދު އޮންނަ ޞިއްޙަތު ރަނގަޅު ގުޅުން ދިޔައީ ރަށަށް ކުރިއެރުން ހޯދައިދެމުންނެވެ. ބިނާކުރުވަނިވި ވާދަވެރިކަމުގައި ރަށުގެ ގުޅުންތައް އޮތީ ހީނަރު ނުވެއެވެ.
ހެޔޮކަން ނުވަތަ ޞަލާޙް، އިރުމަތީ އަވަށުގައި ވުޖޫދުވީ ވާދަވެރި އެކުވެރި ކުލަބާ އެކުއެކީގައެވެ.1979ގައި ވުޖޫދުވި ޞަލާޙް ޖަމްޢިއްޔާއަކީ ރަށުގެ އެންމެ ފޯރުންތެރި ޖަމްޢިއްޔާއެވެ. އެ ޖަމްޢިއްޔާއިން ވަނީ މަސްޖިދުލްފަލާޙާއި މަސްޖިދުލް ޞަލާޙް( އަންހެނުންގެ މިސްކިތް) ބިނާކޮށްފައެވެ.

މަސްޖިދުލްފަލާޙް
އަންހެނުންގެ މިސްކިތްތައް އުވައިލުމުން އެ އިމާރާތް ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕަކަށް ބަދަލުކޮށް އިމާރާތަށް ގެންނަން ޖެހޭ ބަދަލު ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ޞަލާޙްގެ ސެކްރެޓަރީ ޖެނެރަލް، ޢަލީ ހަމީން: އެ ޖަމްޢިއްޔާގެ ކެފޭ "ބްލޫ ވޭވްސް"ގައި އިނދެ "ދެން"އާ މައުލޫމާތު ހިއްސާކުރަނީ
ޞަލާޙްގެ މައިބަދައަކީ އެ ޖަމްއިއްޔާއިން ހިންގާ ހިތްފަސޭހަ، ކެއުން މީރު ކެފޭއެވެ. ކައިރި ރިސޯޓްތަކުގައި މަސައްކަތް ކުރާ ގިނަ ޒުވާނުން ރޭގަނޑުގެ ނާސްތާ އިންސާފުކުރާ މި ކެފޭގެ ސަބަބުން ޖަމްޢިއްޔާގެ ވަތްގަނޑު ތަނަވަހެވެ. އޭގެ ސަބަބުން ޖަމްޢިއްޔާގެ ޙަރަކާތްތަކަށް ދިރުން ލިބެއެވެ.

ބްލޫ ވޭވްސް: ޤުދުރަތީ، ހިތްގައިމު މަންޒަރުތައް ފެންނަ ސަރަޙައްދުގައި މަޝްހޫރު ކެފޭއެއް
އަރައިގެން އަންނަ އިރާއި އަލްވަދާޢު ކިޔާ ދޯދިތަކުން ދުވާލުގެ ދެކޮޅުގައި ވެސް ގުދުރަތީ ރީތި އަޖައިބުން ހިތަށް ފިނިކަން ދޭ އެ ކެފޭ ހިންގާ އިމާރާތުގައި ހިލޭ ސާބަހަށް ހިންގާ ޖިމެއް ހުރެއެވެ. އުސްކޮށް ހަދައިފައި ހުރި ހޯލްގައި ބެޑްމިންޓަން ފަދަ އިންޑޯ ކުޅިވަރު ކުޅެވެއެވެ. އިދާރީ މަސައްކަތަށް ތަނަވަސް ޖާގަ ލިބެއެވެ.

ޞަލާޙްގެ ޖިމް
އުމްރާނީ ތަރައްޤީގެ އިތުރުން ކުޅިވަރާއި އިންސާނީ ވަޞީލަތް ތަރައްޤީ ކުރުމަށް މި ޖަމްޢިއްޔާއިން މަސައްކަތް ކުރެއެވެ. ފުޓްބޯޅައާއި ނެޓްބޯލް އަދި ފުޓްސެލްއާއި ވޮލީގެ އިތުރުން ޤުރުއާން ކިޔެވުމުގެ މުބާރާތްތަކާއި މަދަހަ ކިޔުމުގެ މުބާރާތް އަހަރުން އަހަރަށް ހިންގައެވެ.
ހުޅަނގު އަވަށުގެ ޖަމްޢިއްޔާ/ އެކުވެރި ކްލަބު
ތަޢާރަފްގެ ކުރީން އުފެދިދާނެ ސުވާލަކަށް ޖަވާބުދޭ ހިތްވެއެވެ. އަވަށުގެ ވާދައިގައި ދެ ޖަމްޢިއްޔާ އުފެދުނު ނަމަވެސް އަވަށުގެ ވާދައަކީ މިހާރުގެ މީދޫ ދަންނަކަމެއް ނޫނެވެ. އެކަން އޮތީ ތާރީޚަށް ދޫކޮށްލެވިފައެވެ.
މީދޫ ޖަންބުމާގޭ މޫސާ އަޙުމަދާއި ޤާސިމް އަޙުމަދުގެ މަސްޢޫލުވެރިކަމުގައި އުފެދުނު އެކުވެރި ކްލަބުގެ އެންމެ ބޮޑު ޚިދުމަތަކަށް ރަށުން ފެންނަން ހުރީ މަސްޖިދުއްޞަލާމެވެ. އެ ޖަމްޢިއްޔާއިން ބިނާކުރި މިސްކިތް ބަލަހައްޓައި އާބާތުރަ ފިލުވަނީ ވެސް ހަމަ އެ ޖަމްޢިއްޔާއިންނެވެ.

އެކުވެރި ކްލަބްގެ ސެކްރެޓަރީ ޖެނެރަލް އަޙުމަދު ނާޒިމް "ދެން"އާ ވާހަކަ ދައްކަނީ
އެކުވެރި ކްލަބުގެ އެންމެ ބޮޑު އަމާޒަކީ މީހުން ބިނާކުރުމުގެ ދާއިރާއެވެ. ރިސޯޓްތަކާ ގުޅި ޓިވެޓް ޕްރޮގްރާމްތަކުގެ ތެރެއިން އެ ޖަމްއިއްޔާއިން ވަނީ އެޕެރައިންޓައިސް ހިންގައި ޒުވާނުން ވަޒީފާތަކަށް ނެރެފައެވެ. މީގެ އިތުރުން ޖަމްއިއްޔާގެ ދުޅަހެޔޮކަމަށް އެ ޖަމްއިއްޔާއިން ދަނީ ރެސްޓޯރެންޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެކުވެރި ކްލަބްގެ ކެފޭ: މި ކެފޭ ވެސް މިހާރު ހުރީ ހުޅުވުމާ ގާތުގައި
އެންމެ ފަހުގެ މަސައްކަތްތަކާ ހަމަޔަށް ގޮސްފައި ހުރި އެ ރެސްޓޯރެންޓްގެ އިމާރާތުގައި ކުއްޔަށްދޭ ކޮޓަރިތަކާއި ޖަލްސާތައް ބޭއްވޭނެ މާލަންތައް ގާއިމްކޮށްފައި ވެއެވެ.

މަސްޖިދުއްސަލާމް: އާބާތުރަ ފިލުވުމާއި ބެލެހެއްޓުމުގެ ހުރިހައި މަސައްކަތެެއް ކުރަނީ ވެސް އެކުވެރި ކްލަބުން
އެކުވެރި ކްލަބަށް މިހާރު އާމްދަނީ ލިބޭ އެންމެ ބޮޑު މަސައްކަތަކީ ރިސޯޓްތަކުގެ އިވެންޓްތަކަށް ސައުންޑާއި ލައިޓް ހަދައިދިނުމެވެ. އެކަމަށް ބޭނުންވާ ހުރިހައި ވަޞީލަތްތައް ހޯދައި އެ ޖަމްއިއްޔާއިން ދަނީ އެކަމުގެ ނަފާ ހޯދަމުންނެވެ.
ޔުނައިޓެޑް ފޯރ މައި މީދޫ ޔޫތު ޑިވެލޮޕްމަންޓް / އުއްމީދު
2013ވަނަ އަހަރު ވުޖޫދުވި މި ޖަމްއިއްޔާގެ މޭސްތިރިއަކީ އެ ރަށުގެ އާސާރީ މިސްކިތުގެ އިމާމް ޢަލީ ރަޝީދެވެ. މުޙައްމަދު އަމީންއާއި ޙުސައިން ރަޝީދާ އެކުވެގެން އުފެއްދި މި ޖަމްޢިއްޔާގެ އަލިކަން އެރަށުގެ ކޮންމެ ގެއަކަށް ކޮންމެ އާއިލާއަކަށް ފޯރައެވެ. ނޫނެކެވެ. ދަރުސް ޕްރޮގްރާމްތަކާއި ނަމާދު ކެމްޕެއިން ފަދަ އަސާސީ، އިލްމީ މަސައްކަތްތައް ފޭސްބުކް ޕޭޖާއި މީޑިއާގެ އެހެނިހެން ވަޞީލަތްތައް މެދުވެރިކޮށް އަހަރެމެން އެންމެންނާ ހަމަޔަށް ވެސް ފޯރައެވެ.
އުއްމީދުގެ މަސައްކަތްތަކަކީ ޙަޤީޤަތުގައި ވެސް ވަރަށް ބޮޑު އުއްމީދެކެވެ. ދުރު ވިސްނުންތަކެކެވެ. ހެޔޮލަފާ ޖީލަކަށް އަދައިގެން މިއަދާއި މާދަމާ ވެސް ކުރެވޭނޭ އަގުހުރި މަސައްކަތްތަކެކެވެ.

އުއްމީދުގެ ރައީސް ޢަލީ ރަޝީދު، މުޖުތަމަޢަށް މުހިންމު މަސައްކަތްތަކެއް އުއްމީދުން ކުރޭ
ރަށު ކައުންސިލާއި ރަށުގެ އަނެއް ދެ ޖަމްޢިއްޔާގެ އެހީތެރިކަމާ އެކު ރާއްޖޭގެ އެންމެ މަޤުބޫލް ޝައިޚުންގެ ބޮޑެތި ދަރުސްތައް ރަށުގައި ބާއްވައެވެ. "އުއްމީދު އެހީ"ގެ އިހަލުން އީނާޝް އަޙުމަދު ފަދަ އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. ޕޭސްޓްރީއާއި ގުރެފިކް ޑިޒައިން ފަދަ ހުނަރުތައް އިތުރުކުރުމުގެ ގޮތުން ތަމްރީންތައް ހިންގައިފިއެވެ. "އުއްމީދު ސްޕޯޓްސް އެކަޑަމީ"ގައި އެތައް ކުއްޖަކަށް ފުޓްބޯޅައާއި ނެޓްބޯޅައިގެ ތަމްރީންތައް ދެއެވެ.

އުއްމީދުގެ ދަރުސް، "އެންމެ ފަހު ނަމާދު، ދަރުސް ދެއްވީ ޝައިޚް އާދަމް ޝަމީމް
މީގެ އިތުރުން އެއް އަހަރު ދުވަހަށް ހިންގުމަށް ރާވައިފައިވާ "ނަމާދު ކެމްޕެއިން"އިފްތިތާޙްކޮށް އެކަމާ ގުޅޭ މަސައްކަތްތައް ދަނީ ކުރިއަށެވެ. "އުއްމީދު މީޑިއާ"ގެ ދަށުން ދީނީ އަދި އިޖުތިމާޢީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ސްޓޫޑިއޯއެއް އެބަ ތަރައްޤީ ކުރެވެއެވެ. "އުއްމީދު"ގެ އެއް އުއްމީދަކީ ހެޔޮ އެދޭ ފަރާތްތަކާއި މެމްބަރުންގެ އެހީއިން ހިންގާ މި ޖަމްޢިއްޔާގެ ހަރަކާތްތައް ފުޅާކުރުމަށް ސްޓޫޑިއޯއިން ވެސް އެހީވެވޭނެ މަގު ފަހިވުމެވެ.

މީދޫ އިނާޝް އަހުމަދަށް އެހީވުމަށް "އުއްމީދު އެހީ"އިން ކުރިއަށް ގެންދިޔަ އިވެންޓްގެ ތެރެއިން: "އުއްމީދު އެހީ"އިން ވަނީ ހަމީހަކަށް އެހީވެފައި
މީދޫ ރައްޔިތުންގެ އެންމެ ބޮޑު ހޭލުންތެރިކަމަކާއި ގާތްގުޅުމުގެ އަޞްލަކަށް ފާހަގަ ކުރެވުނީ އެ ރަށުގެ ރައްޔިތުން ތަޢުލީމަށްދޭ ޚާއްޞިއްޔަތެވެ. މީގެ އެންމެ ބޮޑު ހެއްކަކީ އެހެން އަތޮޅުތަކުގެ ވެރިކަން ކުރާ ރަށުގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒު ރ.އަތޮޅުގައި މީދޫގައި ގާއިމްވެފައި ހުރުމެވެ. ރައްޔިތުންގެ އަތުން "ޓެކްހުގެ ގޮތުގައި" ސަތޭކައަކުން ދެލާރި ނަގައިގެން ، ރައްޔިތުންގެ މަސައްކަތުން އުފެއްދި މި މަރުކަޒަކީ ރާއްޖެގައި އުފެދުނު ވަރުގަދަ އެއް ޢިލްމްވެރިޔާކަމަށްވާ ޑރ.އަފްރާޝީމް ޢަލީ ވެސް ކިޔަވައި ވިދާޅުވި މަދަރުސާއެކެވެ.
ރަސްމީ ތައުލީމު ނެތް ޒަމާނެއްގައި ، ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަމުގައި ވުޒާރަތުލް މަޢާރިފުން ރާއްޖެއިން މަކްތަބު ހިންގުމަށް އާންމުންނަށް ދެއްވި ހުއްދައިގައި ހިމެނުނު އެކަކީ މީދޫ ހުވަނދުމާގޭ މަރިޔަމް ޙުސައިނެވެ. އޭނާގެ ގޭގައި އުފެއްދެވި މަކްތަބު ހިދާޔަތުލް އަޠުފާލް(ފަހުން މަދަރަސަތުލް ހިދާޔާ)އަކީ ވެސް މީދޫ ތަޢުލީމުގެ ރަމްޒެކެވެ. (މި މަދަރުސާއާ ބެހޭ ލިޔުމެއް ގެނެސްދިނުމަށް ހިތުއަޅައިފީމެވެ.)

މީދޫގެ ޑްރޯން ފޮޓޯއެއް
މީދޫއަށް ކުރީ ކުރު ދަތުރެއް ނަމަވެސް އެނބުރި ގެންނަށް ލިބުނީ ފޮނި އެތައް ހަނދާންތަކެކެވެ. އަދިވެސް ދިޔުމުގެ ނިޔަތް އޮތް މީދޫން ލިބުނީ އެތައް ގިނަ މަޢުލޫމާތުތަކެކެވެ. މާ ރީއްޗަކަށް ބަޅުކޮށްލަމުން ބަނދަރުން ނިކުތް ލޯންޗު ދުރަށް ގޮސް ، ލޮލުކޮޅަށް ކިރިޔާ ރަށް ދައްކައިލި އިރު ވެސް އެ ރަށުގެ އުދަރެހުން ފެނުނީ "އެކުވެރިކަމާއި ޞަލާޙާއި އުއްމީދުގެ" ކުލަތަކެވެ.
ރމީދޫ ރައްޔެތުން އަކީ އެއްބައިވަންތަ ބައެއް ދިރިއުޅޭ ރަށެއް އޭގެ އެއް ހެއްކަކީ އަޅުގަނޑު ރިސޯޓް އަށް ދާން އަތޮޅ ފެރީ ގައި މީދުއަސްް އައިސް ހުއްޓާ ކުއްލިއަކަށް މޫސުން ގޯސް ވުމުގެ ސަބަބުން ރިސޯޓް އަށް ނުދެވި ހުއްޓާ މީދޫ ރައްޓެއްސަކު މަށަށް އެއް ރ ނިދާލަން ދިން ކޮޓަރި އެ ކޮޓަރި އްކީ އަދައިގެެ ތަނެއް ނޫން އެއީ ހަމަ ފަސް ތަރީގެ ގެސްޓް ހައުސ އެއ ހަމަ އެ ކޮޓަރި ގައި ފްރީ ވައިފައި އިން ފެށިގެން ފްލް އެސީ އާ އެކު އަދި އެވެސް ރިސޯޓް އަށް ދެވެންދެންް ބުނީ ވެސް މިހެން ރިސޯޓ އަށް ދާން އެއްމަސްް ދުވަސް ވިޔަސް ވަރިހަމަ އޯ މި ކޮޓަރި އަކީ އަމިއްލަ ގެ ކަމަށް ހީކޮށް ލާށޯ. މިހެން ކިޔަފައި އަދިވެސް ވަރަށް ވާހަކަ!
މަވެސް ބެނުން ތިރަށަށް ދާން �