އިންޑިއާ އައުޓް ބެނާތައް ހަރުކުރުމަކީ ގާނޫނުލް އުގޫބާތާ ޚިލާފު ކަމެއް، ފުލުހުން ވަގުތުން އެ ނަގަންޖެހޭ: ނަޝީދު
މާލޭގެ ބޮޑެތި އިމާރާތްތަކުގައި އިންޑިއާ އައުޓް ބެނަރތައް ހަރުކުރުމަކީ ޤާނޫނުލް އުޤޫބާތާ ޚިލާފު ކަމެއް ކަމަށާއި ފުލުހުން ވަގުތުން ވަގުތަށް އެ ތަކެތި ނަގަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އިންޑިއާގައި މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކާ ގުޅިގެން މިއަދުގެ ޖަލްސާގައި ސަރުކާރުން އެކަމަށް އަޑު އުފުލުމަށް ގޮވައިލައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައަށް ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ނަޝިދު ވިދާޅުވީ މާލޭގެ ބޮޑެތި އިމާރާތްތަކަށް އަވަށްޓެރި ގައުމުތަކާ ގުޅޭގޮތުން ބަދުބަސް ބުނެ ބޮޑެތި ބެނާތައް ނަގައިފައި ހުރުމަކީ ގާނޫނުލް އުގޫބާތާ ޚިލާފު ކަމެއްގެ އިތުރުން، އާއްމު މަސްލަހަތާ ވެސް ޚިލާފު ކަމެއް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އެ ފަދަ ބެނާތައް ވަގުތުން ވަގުތަށް ފުލުހުން ނަގަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މާލޭގެ ބޮޑެތި އިމާރާތްތަކަށް އަވަށްޓެރި ގައުމުތަކާ ގުޅޭ ގޮތުން ބަދު ބަސް ބުނެ ބޮޑެތި ބެނާތައް ނަގައިފައި ހުރުމަކީ ގާނޫނުލްއުގޫބާތާ ޚިލާފުކަމެއް. އާންމު މަސްލަހަތާ ޚިލާފު ކަމެއް. އެ ތަކެތި އަޅުގަނޑު ދެކޭ ގޮތުގައި ފުލުހުން ވަގުތުން ވަގުތަށް ނަގަން ޖެހޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދިރިއުޅުއްވާ އެ މަނިކުފާނުގެ ގެކޮޅުގެ ބޭރުގައި 'އިންޑިއާ އައުޓް' ޖަހައިފައިވާ ބޮޑު ބެނާއެއް ހަރުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.
ރައީސް ޔާމީންގެ ހ.ދޫވެހީގައި ނަގައިފައިވާ، ދިވެހި ދިދައިގެ ކުލަތައް ކަމަށްވާ ފެއްސާއި ރަތާއި ހުދުގެ އެ ބެނާ ހުރީ އުސްކޮށް ނަގައި، ހަދަމުން އަންނަ އެ އިމާރާތުގެ ޓެރަހުން ފެށިގެން ތިރިއަށް އެލުވައިލައިފައެވެ. އަދި އޭގައި ބޮޑުއަކުރުން "އިންޑިއާ އައުޓް" ވެސް ލިޔެފައިވެއެވެ.