މޯލްޑިވިއަން ޑިމޮކްރެޓިން ޕާޓީ (އެމްޑީޕީ) އެއްބައިވަންތަކޮށް އެކަތިގަނޑަކަށް ހަދާނެ މީހަކީ އޭނާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ޗެއާޕާސަންގެ ކެމްޕެއިނުގެ ތެރެއިން ރ އަތޮޅު ދުވާފަރުގައި ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިންތި ވިދާޅުވީ ކުރިއަށް ރިޔާސީ އިންތިހާބާއި އެހެން އިންތިހާބުތަ އްވެސް އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ އެމްޑީޕީ އެކަތިގަނޑަކަށް ހަދައިގެން ކަމަށެވެ. އެކަން ކުރެވޭނެ މީހަކީ އޭނާ ކަމަށް އިންތި ވިދާޅުވިއެވެ.
“ޕާޓީއަށް ގެއްލުންވަނިވި މިފަދަކަންކަން ކޮށްގެން 2023 އަޅުގަނޑުމެންނަށް ލިބޭނީ ކިހިނަކުންތޯ. މިސުވާލު އަޅުގަނޑު އުފައްދަން މި ބޭނުން ވަނީ. އަޅުގަނޑުމެންގެ ޕާޓީ އެކަތިގަނޑަކަށް ވެގެން މެނުވީ ހަމަ ޔަގީން އަޅުގަނޑުމެންނަށް ނޯންނާނެކަން ދެން އޮންނަ ރިޔާސީ އިންތިހާބުތަކާއި އަދި އެނޫން ވެސް އިންތިހާބުތައް ކާމިޔާބު ކުރެވޭކަށް. އެހެންވީމަ އަޅުގަނޑު މި ގޮވައިލަނީ ހުރިހާ މީހުން ވެގެން މި ޕާޓީގެ މަސްލަހަތު ނެގެހެއްޓުމަށް ޓަކައި މަސައްކަތް ކުރަން އެބަ ޖެހެއޭ. ޕާޓީއަކީ އެކަތިގަނޑެއް ގޮތުގައި އޮންނަ ޕާޓީއަކަށް ހަދަން އެބަޖެހޭ. އެކަން ކުރެވޭނެ މީހަކީ އަޅުގަނޑު.” އިންތި ވިދާޅުވިއެވެ.
އެމްޑީޕީ ބައިބައިކޮށް ޕާޓީއިން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބޭރު ކުރުމަށް މަސައްކަތް ކުރާ ބަޔަކު އެމްޑީޕީގައި ތިބިކަން އިންތި ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް ޕާޓީގެ އާންމު މެމްބަރުންނާ ހިއްސާކުރުމަށް ބާއްވަން ނިންމި ގައުމީ މަޖިލީހުގެ ބައްދަލުވުންތައް ނުބޭއްވޭ ގޮތް ހެދީ ބަޔަކު ގަސްތުގައި ރާވައިގެން ކަމަށް އިންތި ވިދާޅުވިއެވެ.
ގައުމީ މަޖިލީހުން އޭރު ފާސްކުރީ ހަފްތާއަކު އެއްފަހަރު އެ ބައްދަލުވުންތައް ބާއްވަން ނަމަވެސް ގައުމީ މަޖިލީހުގެ ކޯރަމް ހަމަ ނުވެގެން އެ ބައްދަލުވުންތައް އެއްގޮތަކަށްވެސް ނުބޭއްވޭ ގޮތް ވީއެވެ. އިންތި ވިދާޅުވީ އެއީ ގަސްތުގައި ރާވައިގެން ކުރި ކަމެއް ކަމަށެވެ. އަދި ހަމަ އެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލަ އެމްޑީޕީގެ މެމްބަރުންތަކެއް ބައިވެރިވެގެން ބޭރުކޮށްލިކަން ވެސް އިންތި ފާހަގަކުރެއްވިއެވެ.
އިންތި ވަނީ ދުވާފަރު ސިއްހީ މަރުކަޒުގައި ސިޔާސީ މަގާމެއް މި ސަރުކާރުން ދީފައި ހުރި އާމިރު ވަޒީފާއިން ވަކިކުރި ކުރުމާ ދެކޮޅުކަން ފާހަގަ ކުރައްވައިފައެވެ. އާމިރު ވަޒީފާއިން ވަކިކުރި މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި އިންތިގެ ޓީމުން ވެސް ވަނީ އެކަމާ ދެކޮޅު ހަދައިފައެވެ. އާމިރު ވަޒީފާއިން ވަކިކުރީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އިންތިއަށް ތާއީދު ކުރުމުން ކަމަށް އެމައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
ޕާޓީގެ އަސާސްތަކާއި އުސޫލުތައް ގެއްލުވާލަން ބަޔަކު މަސައްކަތް ކުރަމުން ދާ ކަމަށް އިންތި މިރޭ ވިދާޅުވި އެވެ. އެގޮތުން މި ސަރުކާރުގެ ދައުރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން މާ ބޮޑު ޝައުގެއް ސަރުކާރުގެ ނެތް ކަމަށް އިންތި ވިދާޅުވިއެވެ.
“އަދިވެސް މާބޮޑު ޝައުގުވެރިކަމެއް އޮތް ހެނެއް ހިއެއް ނުވޭ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބެލުމަކަށް. ނުވިތާކަށް އަޅުގަނޑުމެންގެ ސަރުކާރު އައިފަހުން ހިންގި ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލަ ބެލުމުގެ ޝައުގުވެރިކަމެއް ވެސް ނެތްހެން ހީވަނީ. އެކަމުގެ ޝައުގުވެރިކަމެއް އޮވެގެން ވާހަކަ ދައްކާ މީހަކު ވެސް މަދު.” އިންތި ވިދާޅުވިއެވެ.
ވައްކަން ހިޔާނާތް ވަރިހަމަވެގެން ރައްޔިތުން ގާތަށް ދެންގޮސް ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށް އިންތި ވިދާޅުވިއެވެ. އެތެރޭގެ އިންތިހާބެއް އައިމާ ރަށް ފަޅުކުރާނަމޭ ބުނެ އެފަދަ ވާހަކަތައް ދެއްކެވިގެން ނުވާނެ ކަމަށް އިންތި ވިދާޅުވިއެވެ. އަދި ވަކި މީހަކަށް ވޯޓު ނުދީގެން ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރު ދެއްކުމާއި ލޯނު ނުދޭނެކަމުގެ ބިރު ދެއްކުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް އިންތި ވިދާޅުވިއެވެ.
“މިއީ އެމްޑީޕީގެ ސަރުކާރެއް. ހަމަހަމަ ވާންޖެހޭނެ. އެންމެންނާ މެދު ހަމަހަމަ އުސޫލު ބަހައްޓަން ޖެހޭނީ. ތިލަފަތުގެ ހަމަހަމަކަން ދައްކަން ޖެހޭނީ. އިންސާފުވެރި ވާން ޖެހޭނެ. ހަމަހަމަ ވާންޖެހޭނެ.” އިންތި ވިދާޅުވި އެވެ.
ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން އިންތި މިއަދު ވަނީ ރ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންފައެވެ. އަދި މާދަމާ ވެސް ބައެއް ރަށްރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.