އައްޑޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނެއް ރޭޕްކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް

އައްޑޫ ސިޓީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނެއް ރޭޕްކުރި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލާގައި މިދިޔަ ހޮނިހިރު ދުވަހު ހައްޔަރު ކުރި އެ ދެ މީހުންގެ ބަންދަށް ކޯޓުން 15 ދުވަހުގެ ބަންދު މުއްދަތެއް ޖަހާފައިވާ ކަމަށެވެ. އެއީ 19 އަހަރުގެ ދިވެހި ފިިހެނެކާއި 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ މައްސަލާގައި އިތުރު ބަޔަކު ހިމެނޭ ކަން މިހާތަނަށް ފުލުހުންގެ ތަހުގީގަށް ފާހަގަ ކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ. އެހެންކަމުން އެ މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރަންޖެހޭ އުސޫލުތަކާ އެއްގޮތަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން މި މައްސަލައިގައި އަނިޔާ ލިބުނު މީހާ ދައްކާފައިވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ކަމަށްވާއިރު، އަދި ވިކްޓިމްގެ ސައިކޮލޮޖިކަލް އެސެސްމެންޓެއް ހެދުމަށް ފުވައްމުލަކަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.