ޚަބަރު ސިޔާސީ

"އިންޑިއާ އައުޓް" ގޮވުމަކީ ދިވެހި ރައްޔިތުންނަށް ލިބިގެންވާ ހައްގެއް: ސައީދު

ރައުފާ ރަޝީދު ، ދެން އޮންލައިން
މުހައްމަދު ސައީދު / ފޮޓޯ: ދެން އިމޭޖްސް

"އިންޑިއާ އައުޓް" ގޮވުމަކީ ދިވެހި ރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލީހުގައި މާވަށު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ މެމްބަރު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފަދަ ކުޑަ މުޖުތަމަޢެއްގައި ވަކިވަކި ފަރުދުންނަށް ބިރުދެއްކުމާއި، ބިރުވެރިކަން އުފެއްދުމުގެ ސިފައިގައި ހިތްދަތިކަން ފެތުރުމަކީ، ވެރިކަން ނުހިނގާ ކަމާއި، ޤާނޫނާ ޚިލާފުވުން ދައްކުވައިދޭ ކަމެއް ކަމަށެވެ.

ސައީދު ވިދާޅުވީ "އިންޑިއާ އައުޓް" ގޮވާތީ ބިރު ދައްކައި އިންޒާރު ދިނަސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ސަރުކާރުން އިންޑިއާ ސަަރުކާރާ އެކީ ހަދައިފައިވާ އެއްބަސްވުންތަކަކީ ގާނޫނާ ޚިލާފަށް ހަދާފައިވާ އެއްބަސްވުންތަކެއް ކަމަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވައިލައިއި ހިންގާ ކެމްޕޭނެކެވެ. އެ ކެމްޕޭނުގެ ދަށުން މާލޭގެ އިތުރުން އެކި ރަށްރަށުގައި ވެސް ދަނީ އެކިއެކި ހަރަކާތްތައް ބާއްވަމުންނެވެ.

އެހެން ނަމަވެސް އެ ހަރަކާތަކީ ޤައުމުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި އިންޑިއާ އައުޓް ކެންޕެއިންގެ ދަށުން ހިންގާ ހަރަކާތްތައް ހުއްޓުވުމުގެ ގޮތުން ރައީސް ޞާލިޙް ވަނީ ރިޔާސީ ޤަރާރެއް ނެރުއްވައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!