ސަރުކާރަށް ފާޑު ކިޔާ މީހުންނަށް އަނިޔާވެރި ނުވެ، ޤައުމު ތަރައްޤީ ކުރެވޭނެކަން މިއަދު އެދަނީ ފެންނަމުން: ފައްޔާޒް
ސަރުކާރަށް ފާޑު ކިޔާ، ދެކޮޅުވާ މީހުން ހައްޔަރުނުކޮށް އަނިޔާ ނުވެ ޤައުމު ތަރައްޤީ ކުރެވޭނެކަން މިއަދު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދައްކަވަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވެފައި ވަނީ، މި މަހު 14ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބަށް އެ މަނިކުފާނަށް ތާއީދު ހޯދުމަށް އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ޞާލިޙްގެ އުފަން ރަށް ޅ. ހިންނަވަރަށް ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ފަޔާ ވިދާޅުވީ، މިއަދު ރައީސް ޞާލިޙް ގެންދަވަނީ ގޮންޖެހުންތަކާ އެކު ވެސް ޤައުމު ތަރައްޤީ ކުރަމުން ކަމަށެވެ. އަދި ސަރުކާރާ އިދިކޮޅުވާ ފަރާތްތަކަށް އަނިޔާވެރި ނުވެ، ރައްޔިތުންނަށް ލާބައާ މަންފާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފަޔާ ވިދާޅުވިއެވެ.
"އެމްޑީޕީން ވަކާލާތު ކުރި ވައްތަރުގެ ނިޒާމެއް، ސަރުކާރެއް ޤާއިމްކޮށްގެން ރައީސް ޞާލިޙް އެ ދައްކަވަނީ ގޮންޖެހުންތަކާ އެކު ވެސް، އަދި އަޅުގަނޑުމެންނާ ދިމާއަށް އެއްޗެކޭ ބުނާ، އަޅުގަނޑުމެންނާ އިދިކޮޅުވާ ކޮންމެ މީހަކު ހައްޔަރުކޮށްގެން ބަންދުކޮށްގެން، އެ މީހަކަށް އަނިޔާ ނުދީ ވެސް ޤައުމު ވެސް ތަރައްޤީ ކުރެވިދާނެކަން އަދި ރައްޔިތުންނަށް ލާބައާއި މަންފާ ވެސް ހޯއްދައިދެވިދާނެކަން" ފަޔާ ވިދާޅުވިއެވެ.
ފަޔާ މިހެން ވިދާޅުވެފައި ވަނީ، ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކުން މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
ފަޔާ އިތުރަށް ވިދާޅުވީ، 2023ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރެވޭނީ ވަރަށް ގިނަ މަސައްކަތުން ކަމަށާއި އެކަން ކުރެވޭނީ ޕާޓީ ހިންގާލެވިގެން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މެއި 14ވަނަ ދުވަހު އަޅުގަނޑު އެކަމަށް އިންތިޚާބުވުމާ އެކު އެ މަސައްކަތް ފަށާނަން. 2023 ކަށަވަރު ކުރުމަށް ކުރަން ޖެހޭ އެންމެހައި ކަންތައްތައް ކުރާނަން،" ފަޔާ ވިދާޅުވިއެވެ.
ފައްޔާޒުއަކީ އަދީބު ނަފްރަތުކުރާމީހެއް. އަދީބު މިހާރު ގެންދަވަނީ ދެކޮޅުން ކުޅެމުން.