ދީން

ޚުތުބާ: އެއްމުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤުތަކަކީ ކޮބައިތޯއެވެ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
Namaadhu, ނަމާދު hukuru, ހުކުރު

އެންމެހައި ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލުކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެ ބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!

މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދެއްވައިފައި ވަނީ އެއްމުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤުތަކުގެ މައްޗަށެވެ.

މާތް ﷲގެ އެއްކައުވަންތަކަން ޤަބޫލު ކުރުމާއި، ރަސޫލާ (ޞޢވ)އަށް ލޯބިވުމާއި، އެކަލޭގެފާނަށް އަދަބު އިޙްތިރާމު ކުރުމާއި، އިސްލާމީ ޝަރީޢަތަށް ބޯލަނބައި ކިޔަމަންގަތުމަކީ މުސްލިމުންގެ މައްޗަށް ވާޖިބެކެވެ. އަދި އެއީ މާތް ﷲއާއި އެކަލާނގެ ރަސޫލާއަށް އަދާކުރަންޖެހޭ ޙައްޤެކެވެ. މާތް ﷲއާއި އެކަލާނގެ ރަސޫލާއަށް އަދާކުރަންޖެހޭ ޙައްޤުތަކުގެ އިތުރުން އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާ ކުރަންޖެހޭ ޙައްޤުތަކެއްވެއެވެ.

ރަސޫލާ (ޞޢވ) ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

"އެއްމުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤުތައް ފަހެކެވެ."  (އެހެން ރިއާޔަތްތަކުގައި ހައެއް ކަމަށް ވެސް ބުނެފައިވެއެވެ.) ދެންނެވުނެވެ. އޭ މާތް ރަސޫލާއެވެ! އެ ޙައްޤުތަކަކީ ކޮބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "ބައްދަލުވެއްޖެ ނަމަ ސަލާމް ކުރުމެވެ. އަދި ދައުވަތެއް ދީފިނަމަ އެ ދައުވަތަކަށް އިޖާބަ ދިނުމެވެ. އަދި ކިނބިއްސެއް އެޅޭހިނދު މާތް  އަށް ޙަމްދުކޮށްފިނަމަ އޭނާއަށްޓަކައި ހެޔޮ ދުޢާ ކުރުމެވެ. އަދި ބަލިވެއްޖެނަމަ އޭނާއަށް ޒިޔާރަތް ކުރުމެވެ. އަދި އޭނާ މިދުނިޔެ ދޫކޮށްފިނަމަ އޭނާގެ ޖަނާޒާގައި ބައިވެރިވުމެވެ.

މި ހަދީޘްގައި ބަޔާން ކުރައްވާފައިވާ ޙައްޤުތަކަކީ އެއްވެސް މުސްލިމަކު ދޫކޮށްލައިގެންވާނޭ ޙައްޤުތަކެއް ނޫނެވެ. މިގޮތުން އެންމެ ފުރަތަމަ ބަޔާން ކުރައްވައިފައި ވަނީ ސަލާމްކުރުމުގެ ޙައްޤެވެ. ސަލާމުގެ ބަދަލުގައި ދެވޭ ޖަވާބަކީ މުޖުތަމަޢަށް އަދި އެމީހަކަށް އަމާންކަން ލިބިގެންވާ ކަމުގެ މެސެޖެވެ. ސަލާމަކީ ތިމާގެ ފަރާތުން އަނެކާއަށް އެއްވެސް އުދަނގުލެއް ތުރާލެއް ލިބިގެން ނުދާނެ ކަމުގެ މައްޗަށް ވެވޭ އަޙުދެކެވެ. މާތް ﷲ ކީރިތި ޤުރްއާނުގައި ވަނީ ސަލާމް ކުރުމަށް ވަސިއްޔަތް ކުރައްވައި އެކަމަށް އަމުރު ކުރައްވައިފައެވެ.

މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

ތިޔަބައިމީހުންނަށް އެއްވެސް ސަލާމަކުން ސަލާމްކޮށްފި ނަމަ، އެއަށް ވުރެ ރިވެތި ސަލާމަކުން ތިޔަބައިމީހުން ސަލާމް ކުރާށެވެ! ނުވަތަ އެ ސަލާމް ރައްދު ކުރާށެވެ! ހަމަކަށަވަރުން ކޮންމެ ކަމެއްގެ ހިސާބު ބައްލަވައި ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.

ކީރިތި ރަސޫލާ (ޞޢވ) ބަޔާންކޮށްދެއްވައިފައި ވަނީ މީސްތަކުންނާ ސަލާމް ކުރުމަކީ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިންވާ ޢަމަލެއްކަމުގައެވެ. އެއީ އެކަމުގެ ސަބަބުން މީސްތަކުންގެ މެދުގައި ލޯތްބާއި، އޯގާތެރިކަމާއި، އެކުވެރިކަމާއި، އެއްބައިވަންތަކަމުގެ ސިފަ އާލާވެގެންދާނެތީއެވެ.

މުޖުތަމައުގެ ގުޅުންތަށް އިތުރަށް ހަރުދަނާ ވާނެ ކަންތަކުގެ ތެރޭގައި އެކަކު އަނެކަކަށް ޒިޔާރަތް ކުރުމާއި، ހިތާމަތަކާއި އުފާތަކުގައި ބައިވެރިވުންވެއެވެ. އެކަމުގެ ސަބަބުން މުޖުތަމަޢުގެ އަފްރާދުންގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާވާނެއެވެ.

ކީރިތި ރަސޫލާ (ޞޢޥ)އަށް ދައުވަތު ދޭ މީހަކީ ކޮންމެ ފެންވަރެއްގެ މީހެއްކަމުގައިވީ ނަމަވެސް އެ ދައުވަތަށް އިޖާބަ ދެއްވައެވެ. އެ ދައުވަތު ދެވުނީ ކިތަންމެ ކުޑަ ކުޑަ ކާއެތިކޮޅަކަށް ކަމުގައިވީ ނަމަވެސް އެ ދައުވަތަށް ވެސް އިޖާބަ ދެއްވައެވެ. މާތް ނަބިއްޔާ އިރުޝާދު ދެއްވައިފައި ވަނީ މީހާގެ މަޤާމަށް ބެލުމެއް ނެތި އެމީހާ ދޭ ދައުވަތަކަށް އިޖާބަ ދިނުމަށެވެ.އަދި ޚާއްސަ ގޮތެއްގައި އެ ދައުވަތަކީ، ކައިވެނީގެ ވަލީމާއެއް ނަމަ އެ ދައުވަތަކަށް އިޖާބަދިނުން އަވަސް ކުރައްވައެވެ.

މުޖުތަމަޢުގެ އަފްރާދުން އެއްބަޔަކު އަނެއް ބަޔަކަށް ނަސޭހަތް ދިނުމާއި، ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމުގައި ފަސް ޖެހިގެން ނުވާނެއެވެ. އަދި އެފަދަ ފަރާތްތަކުން ދޭ ހެޔޮ ނަސޭހަތް ޤަބޫލު ކުރުމުގައި ފަސްޖެހި ލަދުގަނެގެން ނުވާނެއެވެ. އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ދީނީ ޙައްޤެއްގެ ގޮތުގައި ނަސޭޙަތް ދިނުން ކަނޑައަޅުއްވައިފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!