ލޯބިވާ ޤައުމަށްޓަކައި ތެދުވަން ޖެހޭ: ރައީސް ޔާމީން

ލޯބިވާ ޤައުމުގެ ޙައްޤުގައި ތެދުވަން ޖެހޭ ކަމަށާއި އިންޑިއާ ސިފައިން ރާއްޖެއިން ބާލުވަން ޖެހޭ ކަމަށް އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އިދިކޮޅުން މިހާރު ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ކެންޕެއިނަށް ހިތްވަރު ދެއްވައި އިއްޔެ ކުރެއްވި ޓްވީޓެއްގައި ރައީސް ޔާމީން ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖެއިން ބޭރު ކުރުމަށް ކުރެވޭ މަސައްކަތަކީ ޤައުމަށް ޓަކައި ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި އިންޑިއާ އައުޓް ހަރަކާތް އިތުރަށް ވަރުގަދަ ކުރެއްވުމަށް ގޮވައިލެއްވިއެވެ.
"އިންޑިއާ އައުޓް" ކެންޕެއިން ހުއްޓުވުމަށް ރައީސް ޞާލިޙް ވަނީ ރިޔާސީ ޤަރާރެއް ނެރުއްވައިފައެވެ. އެ ޤަރާރުގައި ވިދާޅުވެފައި ވަނީ އިންޑިއާ އައުޓް ކެންޕެއިނަކީ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށެވެ. އެއާ އެކު "އިންޑިއާ އައުޓް" ލިޔެ، ދަމާ ބެނާތައް ނަގައި، އެ ނަގާ ގެތަކުގައި އުޅޭ މީހުން ފުލުހަށް ހާޒިރު ކުރަމުން އެބަގެންދެއެވެ.