ކ. މާފުށީ ގޮނޑުގެ ހާލަތު ރަނގަޅު ނުވާހާ ހިނދަކު، ސަރުކާރުން ނެރޭ ކެނޑިޑޭޓަކަށް އެމްޑީޕީގެ މެންބަރުންގެ ވޯޓް ނުލިބޭނެ ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ޓްވިޓަރގައި އާއްމު ކުރެއްވި ވީޑިއޯއެއްގައި ބޮންޑޭ ވިދާޅުވީ، މާފުއްޓަކީ ސަރުކާރަށް އެ ރަށަކުން އެންމެ ބޮޑު އާއްމުދަނީއެއް ލިބޭ އެއް ރަށް ކަމަށާއި އެ ރަށުގެ ގޮނޑުގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް ވަކާލާތު ކުރަމުން އަންނަތާ މިހާރު ދޮޅު އަހަރުވެފައިވާ ކަމަށް ވިދާޅުވިއެވެ.
"މީގެ ސަބަބުން ވަޒީރަކު ބަދަލުކޮށްފި ފިޝަރީޒް މިނިސްޓަރަށް. މިހާރު ހުންނެވީ އެހެން ވަޒީރެއް. ޝައުނާ މިހާރު ހުންނެވީ. އަޅުގަނޑު ޝައުނާއަށް ވަރަށް އިޙްތިރާމާއެކީ ދަންނަވަން މި އިންތިޚާބުގެ ވޯޓުގެ ކުރިން މިކަން ހައްލުކޮށްދެއްވާށޭ" ބޮންޑޭ ވިދާޅުވީ ގޮނޑު ނުނަގަނީސް މާފުށީ ރައްޔިތުން ވޯޓް ނުޑޭނެ ކަމަށެވެ.
"މި ގޮނޑު ސާފު ނުކުރާ ކަމަށް ވަންޏާ ވޯޓެއް ނުދޭނެ ސަރުކާރަކަށް"
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު އޮތީ 14 މެއިގައެވެ. އިންތިޚާބުގެ ތާރީޚް ކައިރިވަމުންދާ ވަރަކަށް އިންތިޚާބުގައި ވާދަ ކުރާ ދެ ކެނޑިޑޭޓުންގެ ސަޕޯޓަރުން ދަނީ އެއްބަޔަކު އަނެއްބަޔަކަށް ފާޑު ކިޔަމުންނެވެ.