ޚަބަރު

މާލެ ސިޓީ އަންހެނުންގެ ކޮމިޓީގެ ބައިއިލެކްޝަން ޕީޕީއެމުން ކާމިޔާބުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މާލެ ސިޓީި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައިއިލެކްޝަން އިދިކޮޅު ޕީޕީއެމްއިން ކާމިޔާބުކޮށްފިއެވެ.

Ads by MWSC

ޕީޕީއެމްގެ ކެނޑިޑޭޓް ފާތިމަތު ނާޒިމާ މި އިންތިޚާބު ކާމިޔާބުކުރީ އެމްއެންޕީގެ ކެނޑިޑޭޓް އާމިނަތު ޝީޒާގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މިއަދު ކުރިއަށް ދިޔަ މި އިންތިޚާބުގައި ފާތިމަތު ނާޒިމާ ވަނީ 359 ވޯޓް ހޯދައިފައެވެ. ޝީޒާއަށް ލިބުނީ 358 ވޯޓެވެ. މި އިންތިޚާބުގައި އެމްޑީޕީން ވާދަކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެ ޕާޓީން ތާއީދުކޮށްފައި ވަނީ އެމްއެންޕީގެ ކެނޑިޑޭޓަށެވެ. އަދި އެމްއެންޕީގެ ކެނޑިޑޭޓަށް ތާއީދުކުރުމުގެ ސަބަބުން ޕީޕީއެމްއިން ވަކިކުރި މާލޭ ސިޓީގެ ކައުންސިލަރ ނަހުލާ ޢަލީ ވެސް ފަހުން ފާޅުގައި ކެންޕެއިން ކުރެއްވީ އެމްއެންޕީގެ ކެނޑިޑޭޓަށެވެ.

މި އިންތިޚާބުގައި ވޯޓްލާން ނިކުމެފައި ވަނީ ނިސްބަތުން މަދު އިންސައްތައެކެވެ. ހުޅުމާލެއާއި މާލޭގައި ދިރިއުޅޭ ގިނަ ބަޔަކު ވަނީ ކަނޑު ގަދަވުމުގެ ސަބަބުން ވޯޓްލާން ނުނިކުމެފައެވެ. އަދި އެންމެ ފަހު ވަގުތު ވޯޓްލާން ދިޔަ ބަޔަކަށް އެ ފުރުޞަތު ނުދީ ފޮށި ބަންދުކުރިކަމަށް ފާހަގަކޮށް ޕީޕީއެމްއިން ވަނީ ނުުރުހުން ފާޅުކޮށްފައެވެ.

މި އިންތިޚާބުގެ އެއްވެސް ވޯޓް ފޮއްޓެއް މާލެ އަދި ހުޅުމާލޭގައި ބަހައްޓައިފައެއް ނުވެއެވެ.

މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ތަމްސީލްކުރާ ގޮނޑި ހުސްވީ އެ ގޮނޑި ފުރަމުން ގެންދިޔަ އާމިނަތު އީމާން ނިޔާވުމުންނެވެ. އެމްޑީޕީ ތަމްސީލް ކުރަމުން ގެންދިޔަ އީމާން ނިޔާވީ ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް މަރޗް މަހުގެ އެއްވަނަ ދުވަހުއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!