ލޯންޗު އެކްސިޑެންޓުގައި އަނިޔާވި 3 މީހުން އިތުރު ފަރުވާއަށް މާލެއަށް، އެކަކު އައި.ސީ.ޔޫގައި!

ރޭ ގއ. ވިލިނގިލި ފަޅަށް ލޯންޗެއް ވަންނަން އުޅުމުގެ ތެރޭގައި ނެރު ފައިކަށީގައި ޖެހި، ހިނގި އެކްސިޑެންޓުގައި އަނިޔާވި 3 މީހުން ވެސް އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
މި ތިން މީހުންގެ ތެރެއިން ވެންޓިލޭޓަރުގައި ފަރުވާ ދެމުން އައި ޒުވާނާއަށް މިހާރު ފަރުވާ ދެމުން އަންނަނީ އައި.ސީޔޫގައެވެ. ރޭ ހިނގި މި ހިތާމަވެރި ހާދިސާގައި ދެ މީހަކު ވަނީ ނިޔާވެފައެވެ. ނިޔާވެފައި ވަނީ ނ. ލަންދޫ އުރަހަ، މުޙައްމަދު ޝާފިއު އަދި ގއ. ވިލިނގިލި ދޫރެސް، މިސްބާހު އަބްދުލް މުޙްސިންއެވެ.
މި ދަތުރުގައި ބައިވެރިވި ބައެއް ފަރާތްތަކަކީ މިއަދު ގއ. ވިލިނގިލީގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކައިވެނި ހަފްލާއެއްގައި ބައިވެރިވުމަށް އެ ރަށަށް ދިޔަ ބައެއްކަމަށް މަޢުލޫމާތު ލިބެއެވެ.
ހާދިސާގައި ނިޔާވި މިސްބާހު އަބްދުލް މުޙްސިންއަކީ އެކްސިޑެންޓުވި ލޯންޗުގެ ވެރި ފަރާތެވެ. އަދި އެކްސިޑެންޓުގައި އެންމެ ބޮޑަށް އަނިޔާވެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ޒުވާނާއަކީ މިސްބާހުގެ ކޮއްކޮ، މިޤުސާދު މުޙުސިންއެވެ. މިޤުސާދުއަކީ އެ ވަގުތު ލޯންޗު ދުއްވަން އިން ކައްޕިކަމަށް މަޢުލޫމާތު ލިބެއެވެ.
މި އެކްސިޑެންޓުގައި ނިޔާވި ދެ މީހުންގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހު ގއ. ވިލިނގިލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.