ރައީސް ޞާލިޙް ވެސް، ވިދާޅުވާ ކަންކަން ނުފުއްދޭ: އަސްލަމް
ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވެސް ވެވަޑައިގަންނަވާ ބައެއް ވައުދުތައް ނުފުއްދި ހުންނާނެ ކަމަށާއި، އެ މަނިކުފާނަށް ވެސް "ކުންފަޔަކޫން"ގެ އުސޫލު ނުހިނގާކަމަށް މިނިސްޓަރ އޮފް ޕްލޭނިންގް އެންޑް އިފްރާސްޓަރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލިސް ޖަލްސާއަށް ވަޑައިގެން މިނިސްޓަރު އަސްލަމް ވަނީ، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވައިފައެވެ. އަސްލަމަށް ގިނަ މެންބަރުންގެ ސުވާލުތަކެއް ވަނީ ކުރިމަތި ކުރުވައިފައެވެ. ގިނަ މެންބަރުންގެ ޝަކުވާއަކީ، ސަރުކާރުގެ ވައުދުތައް ނުފުއްދުމެވެ.
މިގޮތުން ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒް ވަނީ ތ. ކިބިނދޫ - ވޭމަންދޫ ކޯޒްވޭއާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފައެވެ. މިގޮތުން، މިސައްކަތް ކުރުމަށް ކޮންމެ އަހަރަކު ބަޖެޓް ކުރަމުންދާ ކަމަށާއި ކޮންމެ އިންތިޚާބަކާ ދިމާކޮށް ވައުދުވަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި މަސައްކަތް ކުރަން ނިޔަތް އޮތްތޯއާއި ނެތް ނަމަ މި ސުވާލު ތަކުރާރު ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"ކުރެވޭނެ ގޮތްތައް ބަލަމުން މިދަނީ، އެއްގޮތަކަށް ވެސް ނުކުރަން ނިޔަތް ގަނެގެން ތިބި ނަމަކުއެއް، އެއްގޮތަކަށް ވެސް ދާނެ ކޯސްޓެއް (ޚަރަދެއް) ނުބަލާނަން. އަދި ދިމާވެދާނެ އޮބްސްޓިކަލްތައް ދެނެގަނެ، ޕްލިލިމިނަރީ މަސައްކަތް ނުކުރާނަން" ރިޔާޒްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރުމަށް ހުޅުވައިލި އިތުރު ފުރުސަތުގައި، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ ވައުދުތައްވެ ވަޑައިގަންނަަނީ ބެއްލެވުންތައް ބައްލަވައިފައިތޯ ސުވާލު ކުރައްވައިފައެވެ.
"މިފަދަ ވައުދުތައްވެ ވަޑައިގަންނަވާއިރުގައި، ތި ބޭފުޅުން ސަރުކާރުގައި ކުރެވެނީ ކޮންކަމެއްތޯ، ނުކުރެވެނީ ކޮންކަމެއްތޯ މިފަދަ މަޝްވަރާއެއް ހިނގައިފައިތޯއޭ ވައުުދުވަނީ. ނޫނީ ވައުދުވުމަށް ވައުދު ވަނީތޯ" އަފީފް ވިދާޅުވިއެވެ.
މިިނިސްޓަރު އަސްލަމް ޖަވާބު ދެއްވީ އިނގިރޭސި މުހާވިރާ ބަހަކުންނެވެ. މިގޮތުން ވިދާޅުވީ، "ވިލް ސީ ޑެވިލްސް ވޯކް އިންދަ ޑީޓެއިލްސް"، (މަސައްކަތުގެ ބޮޑުމިން އެނގޭނީ ތަފްސީލުން) ކަމަށެވެ.
"އަޅުގަނޑުމެން ހަމަ ޔަޤީނުން ވެސް ކުރުމުގެ ނިޔަތުގައިވާ ވައުދުތަކެއް. ބައެއް ފަހަރު ވައުދުވާ އިރު، ވަރަށް ގިނަ ފަހަރަށް ވައުދުތައް ވެފައި ހުންނަނީ، ހުރިހައި ތަފްސީލެއް ވޯކްއައުޓް ނުކުރެވި ހުއްޓާ، އެހެންވެ، ބައެއް މައްސަލަތައް ބައެއް ފަަހަރު ވަރަށް ދިގުލައިދޭ، އޭގެ ތަފްސީލާ ޖެހުނީމަ." މިނިސްޓަރު ވިދާޅުވީ، ވައުދު ވަނީ ކުރުމުގެ ނިޔަތުގައި ކަމަށާއި އެކަމަކު ހުރިހައި ވައުދެއް ނުފުއްދޭނެކަން ޤަބޫލުކުރަން ޖެހޭ ކަމަށެވެ.
"ގިނަ ވައުދުތައް އަޅުގަނޑުމެން ފުއްދަން. ބައެއް ފަހަރު ނުފުއްދޭ ވައުދު ހުރޭ. އިންސާނުންނަށް ވީތީ ކުރަން ނިޔަތް ގަތަސް ނުވާކަންކަން ހުންނާނެ. ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވިޔަސް އަދި އެހެން މީހެއް ކަމުގައި ވިޔަސް، އަޅުގަނޑު ޤަބޫލެއް ނުކުރަން ކުން ފަޔަކޫންގެ އުސޫލު ހިނގާ ކަމަކަށް."