މަޖިލީހުގެ މި ދައުރަށް ސަރުކާރުން ހުށައަޅާ 22 ބިލުގެ ތެރެއިން އަދި ފޮނުވީ އެންމެ ދެ ބިލް!
ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ސަރުކާރުން ހުށައަޅަން ނިންމައިފައިވާ 22 ބިލުގެ ތެރެއިން އަދި މިހައިތަނަށް މަޖިލީހަށް ލިބިފައި ވަނީ އެންމެ ދެ ބިލްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މި ގޮތުން މިހައިތަނަށް މަޖިލީހަށް ލިބިފައި ވަނީ ކުނި މެނޭޖްކުރުމުގެ ބިލާއި ދައުލަތުގެ މާލިއްޔާތާ ގުޅޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ. މި ދެ ބިލުގެ ފުރަތަަމަ ކިޔުން މިހާރު ވަނީ މަޖިލީހުގައި އިއްވައިފައެވެ.
މި ދައުރަށް ސަރުކާރުން ހުށަހަޅާ ބިލްތައް
- ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ދައުލަތުގެ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ކުނި ނައްތާލުމާއި މެނޭޖުކުރުމުގެ ބިލް
- ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް
- ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލް
- ދިވެހިރާއްޖޭގެ ފޮރިން އިންވެސްޓްމަންޓް ބިލް
- އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- އާބިޓްރޭޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- މޯލްޑިވްސް ހެލްތު ސާވިސަސްގެ ބިލް
- ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލް
ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ހުށަހަޅަން ނިންމައިފައިވާ ބިލްތަކުގެ ތެރެއިން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އަދި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ވަރަށް ހާއްސަ އަދި އޭގެ ސަބަބުން ޝަރުޢީ ނިޒާމަށް ދިމާވެފައިވާ ކަންކަމާ މެދު ބަހުސް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ބިލުތަކެއް ކަމަށެވެ.
މިދައުރުގެ މަޖިލިސް ފެށުނު ފަހުން ގިނަ ދުވަސްތަކުގައި ކުރާނެ އިތުރު މަސައްކަތެއް ނެތުމުން މަޖިލިސް ފަށާތާ ގިނައިރުތަކެއް ނުވެ ޖަލްސާތައް ނިންމަމުން ގެންދާތީ އާއްމުން ވެސް އަންނަނީ އެކަމާ ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.