ދުނިޔެ

ޗައިނާގެ ވަކިތަކުގައި އުއިގުރޫން؛ މުސްލިމް އުންމަތް މިއަދު ވަނީ އެ މީހުންނަށް ދަރާފައެވެ.

މުޙައްމަދު އަރީޙް ، ދެން އޮންލައިން

މުސްލިމުންނަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ތަފާތު ބާރުތަކުން ފަހުގެ ތާރީޚްގައި ދަނީ އަނިޔާވެރިވަމުންނެވެ. ފަލަސްތީނުގެ ބިމުގައި ހިސާރުވެގެން ތިބި ޔަހުދީ އިސްރާއީލުގެ މީހުންނާއި ޖަންމު ކަޝްމީރުގައި އަނިޔާލިބެމުންދާ އެތައް މުސްލިމުންނެއްގެ ވާހަކަ އަޑުއިވެއެވެ. ސީރިއާގެ ދާޚިލީ ހަނގުރާމައާއި ޔަމަނުގައި ސައުދީން ހިންގަމުން އަންނަ ހަނގުރާމަތަކުގެ ސަބަބުން އަނިޔާ ލިބި، ޝަހީދުވަމުންދަނީ އެތައް މުސްލިމުންނެވެ. ނަމަވެސް މިއަދު ފާހަގަކޮށްލަން ބޭނުންވަނީ މި މީހުންގެ ވާހަކައެއް ނޫނެވެ. ދުނިޔޭގެ އިޤްތިޞާދީ ބޮޑު ބާރަކުން، އިންސާނީ ކަރާމާތް ނަގާލާފައިވާ އިސްލާމީ ޖަމާއަތެއްގެ ވާހަކައެވެ. ޗައިނާގެ އުއިގުރޫ މުސްލިމުންގެ ވާހަކައެވެ.

Ads by WAMCO

ބައެއް ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި ޗައިނާއަކީ، ދާޚިލީ ސިޔާސަތުތަކަށް ނުފޫޒު ފޯރުވުމެއް ނެތި ޤައުމުތައް ތަރައްޤީ ކުރުމަށް މަސައްކަތް ކުރާ ޤައުމެކެވެ. އަނެއް ބަޔަކު ޤަބޫލު ކުރާ ގޮތުގައި ޗައިނާގެ މާލީ އެހީތެރި ކަމަކީ ދަރަނި ދަންތުރައެކެވެ. މި ބަހުސް ފަހަށް ބާއްވާފައި، ޔަޤީންވާ އެއް ވާހަކައެއް ބުނެލާނަމެވެ. ޗައިނާއިން ގެންގުޅޭ އެހީތެރިވުމުގެ ސިޔާސަތާއެކު، ހަމަގައިމު ވެސް ޤައުމުތަކުގެ އަނގަ ބަންދުކޮށްލައެވެ.

ޗައިނާގެ އުއިގުރޫ މުސްލިމް މިލިޔަނެއްހާ މީހުން ކޭންޕްތަކުގައި ބަންދުކޮށް، އެ މީހުންގެ އިންސާނީ ކަރާމާތް ގެއްލުވާލާ. ލާއިންސާނީ އަމަލުތައް ހިންގަމުންދާ ވާހަކައަކީ، އިއްޔެއަކު މިއަދަކު ދެކެވެން ފެށި ވާހަކައެއް ނޫނެވެ. 2017 ވަނަ އަހަރުން ފެށިގެން، މިކަމެއް ހިނގަން ފެށިއެވެ. އެހެންނަމަވެސް މިކަމާ ބަސް ބުނެލާނެ އިސްލާމީ އުންމަތެއް މިއަދަކު ނެތެވެ. އިސްލާމީ އަމީރުންނާއި ރައީސުންނަކީ ޗައިނާގެ އަޚުންނެވެ. އެ ޤައުމުތަކުގައި ޗައިނާގެ ހިލޭ އެހީއާއި ލޯނު އެހީތަކުގެ އެހީގައި އެތައް ޕްރޮޖެކްޓެއް ހިނގައެވެ. ދުވަހަކަށްވުރެ ދުވަހެއް ތަނަވަސްވަމުން، މުއްސަނދިކަން އިތުރުވަމުންދާ، ބޮޑު ޗައިނާގެ ލާއިންސާނީ އަމަލުތަކުގެ ވާހަކަ ދައްކާލާނެ މީހަކު ނުވެއެވެ. މީޑިއާތަކުން ވެސް އެ ވާހަކައެއް ނުފެނެއެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުގެ އިޤުތިޞާދީ މަޞްލަޙަތު ލާޒިމުކުރަނީ ޗައިނާއާ ގުޅުން ބަދަހިކުރުމަށެވެ. ޗައިނާގެ އުނިކަމެއް ފެނިއްޖެނަމަ، ދެލޯ މަރައިލުމަށެވެ.

އުއިގުރޫންނަކީ ކޮބާ؟

އުއިގުރޫންނަކީ ޝިންޖިއަންގް އުއިގޫރު އޮޓޮނޮމިކް ރީޖަން (އެކްސްޔޫއޭއާރު) ގެ ނަމުން މަޝްހޫރު ޝިންޖިއާންގްގައި ދިރިއުޅެމުން އަންނަ ގާތްގަނޑަކަށް 12 މިލިއަން މީހުންނެވެ. އެ މީހުންނަކީ ޗައިނާގެ އަތް ދަށަށް ދިއުމުގެ ކުރީގައި މަދު ދުވަސްކޮޅަކަށް އަމިއްލަ މިނިވަންކަން އޮތް ބައެކެވެ. އެ މީހުން، އަމިއްލަ ސަރަހައްދަށް ކިޔަނީ އީސްޓް ތާކިސްތާންނެވެ. އުއުގުރޫންނަކީ ތުރުކީ ނަސްލުގެ ބައެކެވެ. އެ މީހުން ވާހަކަ ދައްކަނީ ވެސް ތުރުކީ ބަހާއި އެއްގޮތް އަމިއްލަ ބަހަކުންނެވެ.

ޝިންޖިއާންގްގެ މާނައަކީ އައު ބޯޑަރެވެ. މާނައަކީ އެ ސަރަހައްދަކީ ޗައިނާގެ އައު ބޯޑަރެވެ.

ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ހާން ޗައިނީސް (ޗައިނާގެ ނަސްލީ މެޖޯރިޓީ) ގިނަ ބަޔަކު ޝިންޖިއާންގްއަށް ހިޖުރަކޮށް، އެތަނުގެ އުއިގުރޫންގެ އާބާދީ މަދު ކުރުމަށް މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. މިއީ ސީދާ ޗައިނާގެ މައި ސަރުކާރުގެ ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ކުރާ ކަމެއް ކަމަށް ތުހުމަތު ކުރެއެވެ.

ޗައިނާގެ މެޖޯރިޓީ ނަސްލު ކަމަށްވާ ހާންސް ޗައިނީސްއާއި އުއިގުރޫންނާ ދެމެދު އަބަދު ވެސް ކޮންމެވެސް ވަރަކަށް ހަމަނުޖެހުން އޮވެއެވެ. އުއިގުރޫން ވަކާލާތު ކުރާ ގޮތުގައި އެތަނުގައި އެ މީހުން ދިރިއުޅެނީ ދެވަނަ ދަރަޖައިގެ މީހުންގެ ގޮތުގައެވެ. މިހެންކަމުން އުއިގުރޫން ބޭނުންވަނީ ޗައިނާގެ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ދައުލަތެކެވެ. އީސްޓް ޓާކިސްތާން ވުޖޫދު ކުރަންށެވެ.

މި މަސައްކަތުގެ ތެރެއިން އުއިގުރޫންގެ މެދުވައި ހަރުކަށި ޖަމާއަތްތައް އުފެދެން ފެށިއެވެ، މިގޮތުން 2008 ވަނަ އަހަރު ޗައިނާގައި އޮތް އޮލިންޕިސް މުބާރާތާ ދިމާކޮށް، ޓާކިސްތާން އިސްލާމިކް ޕާޓީ ކިޔާ ޖަމާއަތަކުން ބަސް ބޮން ހަރުކޮށްގެން ވަނީ ގޮއްވާލާފައެވެ. އޭގެފަހުން 2009 ވަނަ އަހަރު އުއިގުރޫންނާއި ހާންސް އާ ދެމެދު ހަމަނުޖެހުންތައް އިތުރަށް ބޮޑުވެގެން ދިޔައެވެ. އެ އަހަރު އެކަނި ވެސް 200 މީހުން ހަމަނުޖެހުންތަކުގައި މަރުވިއެވެ. އޭގެ ފަހުން 2014 ވަނަ އަހަރު އުއިގުރޫއަށް ނިސްބަތްވާ ހަރުކަށި ފިކުރުގެ ބަޔަކު ޗައިނާގެ މާކެޓެއްގައި ގޮއްވާލާ، ރެއިލްވޭ ސްޓޭޝަނެއްގައި އާއްމުންގެ ގަޔަށް ވަޅި ޖެހިއެވެ. މި ހަމަލާތަކުގައި 30 މީހުން މަރުވެ، 200 މީހުން ޒަޚަމްވިއެވެ. އެ އަހަރު ޗައިނާގެ ސަރުކާރުން އުއިގުރޫންނާ ދެކޮޅަށް ތެދުވިއެވެ.

ހަރުކަށި ފިކުރު ނައްތާލަން ކަމަށް ބުނެ، ޖީލެއް ނައްތާލަން އެތައް އަނިޔާއެއް

ޝިންޖިއާންގްއަކީ މުޅި ދުނިޔޭގައި ވެސް މިލިޓަރީ އިން އެންމެ ގާތުން ބަލަމުން އަންނަ ސަރަހައްދެވެ. މި ތަނުގައި ކެމެރާއެއް ނުހުންނަ މަގެއް ނުހުންނާނެއެވެ. ފޭޝިއަލް ރިކޮގްނިޝަން ބޭނުންކޮށްގެން، މީހުން އުޅޭ ނޫޅޭ ގޮތް އަބަދު ވެސް މޮނިޓަރ ކުރެވެއެވެ.

2015 ވަނަ އަހަރު، ޗައިނާގެ މައި ސަރުކާރުން ހަރުކަށި ފިކުރާ ދެކޮޅަށް ހިނގި ހަނގުރާމަ ހުއްޓުނީ، ދީނަށް އުޅުން މަނާ ކުރުމާ ހަމައިންނެވެ.

މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ޝިންޖިއާންގްގައި މިއަދު ބަންގި ގޮވުމަކީ މަނާ ކަމެކެވެ. ރޯދަ ހިފާ މީހުންނަށް އަދަބުދެއެވެ. ނަމާދު މިސްކިތުގައި ކޮށްފިނަމަ، އެ ވީ ހައްޔަރު ކުރާށެވެ. މި މީހުންގެ ހަރުކަށި އަމަލުތަކާއި ދެކޮޅަށް ވާހަކަ ދައްކާ ކޮންމެ މީހަކީ ޓެރެރިސްޓެކެވެ. ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެކެވެ.

ޗައިނާއިން މަސައްކަތް ކުރަނީ އުއިގުރޫ މުސްލިމުންގެ ނަސްލު އެއްކޮށް ނައްތާލުމަށް ކަމަށް މަސްލަހަތު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އަދި އެ މީހުންގެ ތެރެއިން މިހާރު އުފަންވަމުން އަންނަ ޅަ ޖީލުގެ ބޯ ކާލާ، ގޮޑިހޮއްކޮ ބަޔަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގެ ވާހަކަދައް ދެކެވެ.

މިކަމުގެ އެންމެ ބޮޑު ހެއްކަކީ އުއިގުރޫންނަށް ޚާއްސަ ކޭންޕްތަކެވެ. އެއީ އެ މީހުންނަށް ޖަލުތަކެކެވެ.

މި ކޭންޕްތަކުގެ ވާހަކަ އެންމެ ފުރަތަމަ ދެކެވެން ފެށީ 2017ވަނަ އަހަރުއެވެ. ފުރަތަމަ މިއީ ހުންނަ ތަނެއް ނޫން ކަމަށް ޗައިނާ ބުނިއެވެ. އެހެންނަމަވެސް ސެޓެލައިޓް ފޮޓޯތަކުން ކޭންޕްތައް ހުންނަކަން ޔަޤީންވުމުން ސަރުކާރުން ބުނެފައިވަނީ އެއީ "އަލުން ތައުލީމް ދޭ" ތަނެއް ކަމަށެވެ. އަދި އެތަނުގައި ތިބެނީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ޗައިނާގެ ސަރުކާރުން ބުނެއެވެ.

ޗައިނާގެ ސަރުކާރުގެ މި ވާހަކަަތައް ދާދިފަހުން ލީކްވި ޗައިނާގެ ފުލުހުންގެ ފައިލްތަކުން އެނގެއެވެ. އެތަނުގައި އެތައް ކުޑަ ކުދިންނެއް އެބަތިއްބެވެ. އަންހެނުންނެއް އެބަ ތިއްބެވެ. އަނިޔާވެރިކަން އޮތީ އިންތިހާއާއަށެވެ. ފިލަން މަސައްކަތްކޮށްފިނަމަ، އިންޒާރަކާ ނުލާ ބަޑި ޖެހުމުގެ ހުއްދަ އެތަނުގެ ގާޑުންނަށް އޮވެއެވެ. ކޭންޕްތަކަށް ގެންގޮސް އަންހެނުންނަށް ދަރިމައިނުވެވޭ ކަހަލަ ބޭސްދީ ހަދައެވެ. މާބަނޑު މީހުން ގެންގޮސް ދަރި ވައްޓަން މަޖުބޫރު ކުރެއެވެ. ދުވަސް ނުފުރާ ދަރިފުޅު ވައްޓާލާއިރު، ދިރިހުރިނަމަ މަރާލައެވެ.

އެތަނުގައި ހައްޔަރުކޮށްފައި ތިބި ބައެއް ފަރާތްތަކުގެ ކުށް ތިރީގައި މިގެންނަނީއެވެ. މިއީ ބީބީސީން އާއްމުކޮށްފައިވާ ޗައިނާގެ ފުލުހުންގެ ޑޭޓާ ބޭސްއިން ލީކްކޮށްފައިވާ ބައެއް މައުލޫމާތުތަކެވެ.

ހެކުކޮށްގެން ހޯދާފައިވާ ފައިލްތަކުގެ ތެރޭގައި ފުލުހުން ނަގާފައިވާ 5،000 އަށްވުރެ ގިނަ އުއިގުރު ނަސްލުގެ ފޮޓޯ އެކުލެވެއެވެ. އެއިން 2،884 މީހުންނަކީ ހައްޔަރީންކަން ސާބިތުވެއެވެ.

ބައެއް ހައްޔަރީން

17 އަހަރުގެ ޒެއިޓޫނިގުލް އަބްލެހެތް ހައްޔަރު ކުރީ މީހަކު ދީފައިވާ ސްޕީޗެއް ޤަވާއިދާ ޚިލާފަށް އަޑުއެހުމުންނެވެ. 16 އަހަރުގެ ބިލާލް ޤާސިމް ހައްޔަރުކޮށްފައިވަނީ ހައްޔަރުކޮށްފައިވާ މީހެއްގެ އާއިލާގެ މީހަކަށް ވާތީއެވެ. މީހެއްގެ ޖަނާޒާގައި ޤުރުއާނުގެ އާޔަތެއް ކިޔަވައިގެން އުމުރުން 41 އަހަރުގެ އަބްދުއްސަލާމަތު ހައްޔަރު ކުރިއިރު، 31 އަހަރުގެ އަލީ އަބްދުﷲ ހައްޔަރު ކުރީ މޫނު ބުރުގާ އަޅައިގެން ހުރި އަންހެނެއްގެ ފޮޓޯ އޭނާގެ ފޯނުގައި އޮތުމުންނެވެ.

ޗައިނާއިން އުއިގުރޫ މުސްލިމުންނާ ދޭތެރޭ ދަނީ ވަރަށް އަނިޔާވެރިކޮށް ކަންތައް ކުރަމުންނެވެ. ޗައިނާގައި ކޮންމެ ދުވަހަކު އަނިޔާ ތަޙައްމަލު ކުރަމުންދާ މުސްލިމުންގެ ދިފާއުގައި ބަސް ބުނަން ކެރޭ ވެރިޔަކު ނެތެވެ. އެ މީހުންގެ ޙައްޤުގައި ބަސްބުނާނެ ދުލެއް ނެތެވެ. ޗައިނާ ދެކޮޅަށް ސެންޝަންއެއް ނެރެން ކެރޭ ވަރުގެ ޤައުމެއް ވެސް ނެތެވެ. މުސްލިމް އުންމަތް މިއަދު ވަނީ އުއިގުރޫންނަށް ދަރާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!