ޖުލައި މަހު ސްޓެލްކޯ ފްލެޓްތަކަށް ކަރަންޓް ދޭނެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރު ކުންފުނިތަކުން އަޅާފައިވާ ފްލެޓުތަކަށް ކަރަންޓް ދެވޭނީ އަންނަ ސެޕްޓެމްބަރު މަހު ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީން މިހެން ބުނީ ސްޓެލްކޯ އިން އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް ކަރަންޓުގެ ހިދުމަތްތައް އެޗްޑީސީގެ ފަރާތުން ގުޅައި ނުދެވުނަސް ވަގުތީ ހައްލެއް ހޯދައިގެން އަންނަ ޖުލައި މަހު މީހުން ވައްދާނެ ކަމުގެ ޔަގީންކަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ދެއްވާފައި ވަނިކޮށެވެ.
އެކަމާ ގުޅޭ ގޮތުން އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކަރަންޓު ނެޓްވޯކް ގާއިމް ކުރަނީ ބްރައުންސް ސީއެމްއީސީ ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން، ސްޓެލްކޯގެ އެއްބާރުލުމާ އެކުގައި ކަމަށެވެ.
މިހާރު މީހުން ދިރިއުޅެމުން އަންނަ ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނީ ވެސް ބްރައުންސް ސީއެމްއީސީއާ ހަވާލު ކޮށްގެން ގާއިމް ކުރި ނެޓްވޯކަކުން ކަމަށާއި ސްޓެލްކޯ އާއި ސަރުކާރުގެ އެހެން ކުންފުނިތަކުން އަޅާފައިވާ ފްލެޓުތަކާ މެދު ވެސް އަމަލު ކުރާނީ އެ އުސޫލުން ކަމަށް އެޗްޑީސީން ބުންޏެވެ.