ޚަބަރު

ރާއްޖޭގެ ރިޒާވް ހުސްވެ، ޑިފޯލްޓެއް ނުވާނެ؛ އިޤްތިޞާދު ދަނީ ކުރިއަރަމުން: އަމީރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގެ ރިޒާވް ހުސްވެ، ރާއްޖެއިން ނަގައިފައިވާ ދަރަނިތައް ނުދެއްކޭ ހިސާބަށް ހާލަތު ނުދާނެ ކަމަށް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އަންނަ މަހު ދައުލަތުގެ ރިޒާވް ނުރައްކާވާ މިންވަރަށް ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވެސް ވަނީ އިއްޔެ ވިދާޅުވެފައެވެ. އަދި އެގޮތަށް ސިޔާސީ ވާދަވެރިން ވެސް ގެންދަވަނީ ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު އަމީރު ކުރެއްވި ދިގު ޓްވީޓްތަކެއްގައި ވިދާޅުވީ، ރާއްޖޭގެ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެކަން ދެކެވޭ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި މިފަދަ ވާހަކަތަކަކީ ރައްޔިތުން އަދި ބޭރުގެ އިންވެސްޓަރުންނަށް ހަޤީޤަތް އޮޅޭ ގޮތަށް ދެއްކުމުން, ދުނިޔެ މިއޮތް ނާޒުކު ދަނޑިވަޅުގައި މުޅި ރާއްޖެއަށް އޭގެ ސަބަބުން ލިބެން ނުޖެހޭ ގެއްލުންތަކެއް ވެދާނެކަމަށް ވިދާޅުވިއެވެ. އަދި މިކަމުން އިޤްތިސާދުގައި ނުތަނަވަސްތަކަން އިތުރުވެ، މާކެޓަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ، އިތުރުވަމުން އަންނަ ޑޮލަރުގެ އާމްދަނީއާ އެކު ރަސްމީ ރިޒާވް މި އަހަރު ނިމޭއިރު ޕްރީ-ކޮވިޑް ލެވެލްގައި ދެމެހެއްޓޭނެ ކަމަށާއި ރާއްޖެއަށް ދަރަނި އަނބުރާ ދެއްކުމުގައި ކުރު މުއްދަތުގެ ގޮންޖެހުންތަކެއް ނެތް ކަމަށެވެ. އަދި ދަރަނި ދެއްކުމުގެ ޤާބިލުކަން އެބަހުރި ކަމަށާއި މި އަހަރު ރިޒާވް ހުންނާނީ ރަނގަޅު މިންވަރެއްގައި ކަމަށް އަމީރު ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިސާދު ހަލުވިކަމާ އެކު ކުރިއަރަމުން އަންނަކަން ފާހަގަކުރައްވަމުން އަމީރު ވަނީ މި އަހަރު ނިމޭއިރު ކޮވިޑް-19ގެ ކުރީގެ އިޤްތިސާދުގެ ސައިޒަށް ރާއްޖޭގެ އިގްތިސާދު ރުޖޫޢަވެވޭނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި މިއީ ފިސްކަލް ހާލަތަށް ބަލައި ކޮވިޑް-19ގެ ސިއްޙީ އަދި އިޤްތިސާދީ ކްރައިސިސް މެނޭޖްކުރުމާއި، ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރީގެ ވިލުންވެރިކަމުގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ދުނިޔޭގެ އިޤްތިސާދަށް އަންނަ ނުތަނަވަސްވުންތަކާއި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދިއުމުގެ އަސަރު ރާއްޖެއަށް ވެސް ކުރާނެ ކަމަށާއި މިފަދަ ރިސްކުތަކުން އަރައިގަނެވޭނީ ރަނގަޅު ދަނޑިވަޅުގައި އެކަށީގެންވާ ފިޔަވަޅުތައް އަޅައިގެން ކަމަށްވާއިރު ސަރުކާރުން ހާލަތު މޮނިޓަރކޮށް ފިޔަވަޅު އަޅަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދައުލަތުގެ އާމްދަނީ ރަނގަޅުވެފައިވީ ނަމަވެސް، ދައުލަތުގެ ޚަރަދުތަކަށް ވަނީ ވާންވެފައި. ސަރުކާރުގެ ވިސްނުމަކީ ޚިދުމަތްތަކަށް ބުރޫ ނާރާނޭހެން ޚަރަދުތައް އަލުން ބައްޓަންކޮށް ބަޖެޓު ފައިނޭންސްކުރުން. އަދި މެދު ރާސްތާގައި ރަނގަޅު ފިސްކަލް މިސްރާބެއްގައި ސާބިތުވުން" އަމީރު ވިދާޅުވިއެވެ.

ދުނިޔޭގެ އިޤްތިޞާދީ ހާލަތު ގޯސްވަމުން އަންނައިރު ރާއްޖޭގެ ޖުމްލަ ދަރަނި ވެސް މިހާރު ވަނީ 100 ބިލިއަނަށް އެރުމާ ގާތްވެފައެވެ. އެހެން ނަމަވެސް ސަރުކާރުން ބުނަމުން އަންނަނީ ދަރަނި ދެއްކުމުގައި އެއްވެސް ދައްޗެއް ކުރިމަތި ނުވާނެ ކަމަށާއި ދަރަނި ދެއްކޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

Ads by HDC
  1. ރިބާ ލޯނު ނެގުން ދައުލަތުން ހުއްޓާލަންޖެހޭ، ރިބާ ލޯނު ނެގީމާ ޑަރަނީގެ ގޮތުގައި އޮންނަ ބޮޑު ބަޔަކީ ރިބާ ގެ ގޮތުގައި އިތުރުވާ ބައި، ރިބާ ގެ އެންމެހައި ކަންކަން ﷲ ވަނީ ހަރާމް ކުރައްވާފައި ! ރިބާ ލޯނު ނަގާހާ ހިދަކު އިޤުތިސޯދު ރަގަޅެއްވެސް ނުވާނެ ވީއްޔާ ވާނީ ގޯސް !