ނިއުރޭޑިއަންޓު އަނބުރާ ގެނައުމުގެ މަސައްކަތަށް އެފް.އޭ.އެމުން ދޭ އެއްބާރުލުމަށް އެ ޓީމުން ޝުކުރު އަދާކޮށްފި

މުސާރައިގެ މައްސަލަތަކުގައި ދިވެހި ފުޓުބޯޅައިގެ ހުރިހައި ހަރަކާތަކުން ސަސްޕެންޑުކޮށްފައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އަނބުރާ ގެނައުމަށް ކުރަމުންދާ މަސައްކަތުގައި އެފް.އޭ.އެމްއިން ދެމުންދާ އެހީތެރިކަމަށް އެ ޓީމުން ޝުކުރު އަދާކޮށްފިއެވެ.
އެ ޓީމުން މިއަދު ފޮނުވައިފައިވާ ހާއްސަ މެސެޖެއްގައި ބުނެފައި ވަނީ، އެ ކުލަބު އަނބުރާ ފުޓުބޯޅައިގެ މައިދާނަށް ގެނައުމަށް ކުރަމުންދާ މަސައްކަތަށް އެފް.އޭ.އެމުން ލިބިމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށާއި ފުޓުބޯޅަ އާއިލާގެ އެއްވެސް މެމްބަރަކާ މެދު ޒާތީ ގޮތުން ބަހެއް ނުބުނުމަށް އެ ޓީމުގެ ސަޕޯޓަރުން ކިބައިން ވެސް އެދޭ ކަމަށެވެ.
މީގެ އިތުރުން ފުޓުބޯޅައަކީ ބައިބައިވުން އުފައްދާ އެއްޗެއްގެ ބަދަލުގައި އެކުވެރިކަން އާލާކުރާ ކުޅިވަރެއްކަމަށް ވެސް އެ ޓީމުން ބުނެފައިވެއެވެ.
ނިއުރޭޑިއަންޓު އަލުން އަނބުރާ ކޮޅަށް ޖެހުމަށް އެކުލަވައިލި އައު ބޯޑުގެ އިންތިހާބަށް ފަހު، ޗެއާޕާސަންކަމަށް އިންތިހާބުވި އަޙްމަދު ވާސިފް އެ ރޭ ވިދާޅުވީ، ޓީމު އަލުން ކޮޅަށް ޖެހުމަށް އެފް.އޭ.އެމްގެ ފުރިހަމަ އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށާއި އެފް.އޭ.އެމްގެ ވެރިންނަށް އިތުބާރު ވެސް އެބަ އޮތް ކަމަށެވެ.
ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހުގެ އެހީތެރިކަމާ އެކު ނިއުރޭޑިއަންޓު އަލުން އަނބުރާ ކޮޅަށް ޖެހުމުގެ މަސައްކަތް ފަށައިފައިވާއިރު، މިކަމުގައި ރައީސްގެ މަންދޫބެއްގެ ގޮތުން ހަރަކާތްތެރިވެލައްވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރެވެ.
ނިއުރޭޑިއަންޓުގެ އިތުރުން ސަސްޕެންޑުކޮށްފައިވާ ވިކްޓްރީ ސްޕޯޓްސް ކުލަބުން ދައްކަން ޖެހޭ ފައިސާ އަނބުރާ ދެއްކުމާ އެކު އެ ޓީމުގެ ސަސްޕެންޝަން މިއަދު ވަނީ އުވާލައިފައެވެ. އަދި ނިއުރޭޑިއަންޓުގެ ސަސްޕެންޝަން އުވާލުމުގެ ބާރު އެފް.އޭ.އެމްގެ އެކްސްކޯއަށް ވެސް ވަނީ ދީފައެވެ.