ދުނިޔެ

އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު ޒުވާނަކު ޝަހީދު ކޮށްލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހުޅަނގު އައްސޭރީގެ ރަށެއް ކަމުގައިވާ ޙަލްޙޫލްގައި އިސްރާޢީލުގެ އިސްތިޢުމާރީ ސިފައިން ހިންގި އޮޕަރޭޝަނެއްގައި ފަލަސްތީނުގެ މުސްލިމަކަށް ހަމަލާދީ ޝަހީދުކޮށްލައިފިއެވެ.

Ads by Sosun Fihaara

ޓެރަރިސްޓުން ހުއްޓުވުމުގެ ނަމުގައި އިސްރާޢީލުގެ ސިފައިން ހިންގި މި އޮޕަރޭޝަނުގައި އިތުރު ހަ މީހަކު ވަނީ ޒަޚަމްކޮށްލައިފައެވެ.

ޙަލްޙޫލްގައި އޮޕަރޭޝަނެއް ހިންގައިފައި ވަނީ، އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދިޔަ އިސްރާޢީލު ސިފައިންގެ ބަޔަކާ ދިމާލަށް ފަލަސްތީނުގެ ރައްޔިތުންގެ ބަޔަކު ގައު އުކުމުން ކަމަށް އިސްރާޢީލު ސިފައިން ބުނެއެވެ. ނަމަވެސް، މަންޒަރު ފެނުނު މީހުން ބުނީ އިސްރާޢީލު ސިފައިންނާއި ފަލަސްތީނުގެ ބަޔަކާ ދެމެދު ހަމަނުޖެހުންތައް ފެށުނީ، ޙަލްޙޫލްގައި ހިންގާ ބޭރު ފައިސާ މާރުކޮށްދޭ ފިހާރައެއް ބަންދުކޮށް އިސްރާޢީލު ސިފައިންގެ ބަޔަކު އެ ތަން ފާސްކުރަން ފެށުމާ ގުޅިގެންނެވެ.

މި ހަމަނުޖެހުންތަކުގައި އިސްރާޢީލު ސިފައިން ވަނީ އެހެން ފަހަރުތަކެކޭ ވެސް އެއް ފަދައިން، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަތިޔާރު ބޭނުންކޮށްފައެވެ.

މި ހާދިސާގައި ޝަހީދުކޮށްލައިފައި ވަނީ 27 އަހަރުގެ ފިރިހެނެކެވެ. ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން ވަނީ، އޭނާގެ މަރަކީ ޤަތުލެއްގެ ގޮތުގައި ސިފަކޮށް، ފަލަސްތީނުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވައިލައިފައެވެ.

ފަލަސްތީނުގެ އަމިއްލަ ދައުލަތެއް ކަށަވަރު ކުރުމަށް ޖިހާދު ކުރަމުންދާ މުސްލިމުންނާ ދެކޮޅަށް އިސްރާޢީލުގެ އިސްތިޢުމާރީ ފައުޖުތަކުން ހިންގަމުންދާ އުދުވާންތައް މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ވަނީ އިތުރުކޮށްފައެވެ. މުސްލިމުންނާ ދެކޮޅަށް އިސްރާޢީލުގެ ފައުޖުތަކުން ދީފައިވާ ތަފާތު އެކި ހަމަލާތަކުގައި މި އަހަރުގެ މިހައިތަނަށް 47 މީހަކު ވަނީ ޝަހީދު ކޮށްލައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!