ސުޝާންތުގެ މެނޭޖަރުވަނީ ރޭޕްކޮށް މަރާލާފައި: ބީޖޭޕީގެ މެންބަރެއް

ބޮލީވުޑްގެ އެކްޓަރ ސުޝާންތު ސިންގް ރާޖްޕޫތުގެ ކުރީގެ މެނޭޖަރ ދިޝާ ސާލިއާން މަރުވީ އަމިއްލައަށް ނޫން ކަމަށާއި، މީހަކު އޭނާ ރޭޕްކޮށް މަރާލީ ކަމަށް އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީ ޕާޓީގެ މެންބަރެއް ހާމަކޮށްފިއެވެ.
އެގޮތުން ނާރަޔަން ރާނޭ ބުނެފައިވަނީ ދިޝާގެ ޖިންސީ ގުނަވަނަށް ގެއްލުން ލިބިފައިވާކަން، އޭނާގެ އޯޓޮޕްސީ ރިޕޯޓުން ވެސް ފެންނަން ހުރި ކަމަށެވެ.
ރާނޭގެ މިވާހަކަތަކަށްފަހު އޭނާގެ މަރުގެ މައްސަލައާއި ސުޝާންތުގެ މަރުގެ މައްސަލަވެސް ސީބީއައި މެދުވެރިކޮށް ތަހުގީގު ކުރުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.
ދިޝާ މަރުވެފައިވަނީ މަލާޑް ގައި ހުރި އިމާރާތެއްގެ 14 ވަނަ ފަންގިފިލާއިން "ފުންމާލައިގެން" ކަމަށް މީގެ ކުރިން ރިޕޯޓުތަކުގައި ބުނެފައިވެއެވެ. އޭނާ މަރުވީ ޖޫން މަހުގެ 9 ވަނަ ދުވަހުގައެވެ. ސުޝާންތު މަރުވެފައިވަނީ އެމަހުގެ 14 ވަނަ ދުވަހު، ބާންޑްރާގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުގައި ދަންޖެހިގެނެވެ.