ސުޝާންތުއާ އެއްކޮށް އުޅުނު ސިދާތު ވެސް މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށްފި

ސުޝާންތު ސިންގް ރާޖްޕޫތާ އެކީ އެއް ފްލެޓެއްގައި އުޅުނު ސިދާތު ޕިޓާނީ ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ސިދާތު ހައްޔަރު ކުރީ މިދިޔަ ހުކުރު ދުވަހު ހައިދަރްއާބާދުންނެވެ.
މަސްތުވާތަކެތީގެ މި މައްސަލަތަކުގެ ތަހުގީގު އެންސީބީން މިދިޔަ އަހަރު ފަށައިފައި ވަނީ، ސުޝާންތު އޭނާ ދިރިއުޅޭ ގޭގައި އަމިއްލައަށް މަރުވެފައި ހުއްޓާ ފެނިގެންނެވެ. އޭނާ މަރުވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުގައެވެ.
ސުޝާންތުގެ މަރުގެ ތަހުގީގުން ހާމަވީ އޭނާ ވެސް މަސްތުވާތަކެތި ބޭނުން ކުރި ކަމެވެ. އެއާ އެކު އޭނާއާއި އެކަމުގައި ބައިވެރިވި ބައެއް މީހުންނާއި އެމީހުން އެ ތަކެތި ދީފައިވާ އެހެން ބައެއް މަޝްހޫރު މީހުންގެ ނަންތައް ވެސް ވަނީ ފެންމަތިވެފައެވެ. އޭގެ ތެރޭގައި ސާރާ އަލީ ޚާން، ޝްރައްދާ ކަޕޫރް އަދި ދިޕިކާ ޕަދުކޯން ވެސް ހިމެނެއެވެ.
ސިދާތުއަށް މުއްދަތު ޖަހަން ވަރަށް އަވަހަށް ކޯޓަށް ހާޒިރު ކުރާނެ ކަމަށާއި މިހާރު ވެސް އެންސީބީ އާއި ތަހުގީގު ކުރާ އިތުރު ޓީމުތަކުން ވެސް އޭނާއާ ސުވާލު ކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ސުޝާންތުގެ މަރާ ގުޅިގެން އެންމެ ބޮޑު ތުހުމަތެއް އުފުލިފައި ވަނީ އޭނާގެ އެއިރުގެ ލޯބިވެރިޔާ ރިޔާ ޗަކްރަބަޓީ އަށެވެ. އެންސީބީން ވަނީ އޭނާ ހައްޔަރުކޮށް މަސް ދުވަސް ވަންދެން ޖަލުގައި ވެސް ބަހައްޓައިފައެވެ. ރިޔާ މިނިވަންވީ ކަފާލާތުގެ ދަށުންނެވެ.