އެކްސިޑެންޓެއްގައި ސުޝާންތުގެ އާއިލާގެ 5 މެމްބަރަކު މަރުވެއްޖެ

މިދިޔަ އަހަރު , ދަންޖެހިގެން އަމިއްލައަކަށް މަރުވި ބޮލީވުޑްގެ އެކްޓަރ ސުޝާންތު ސިންގް ރާޖްޕޫތުގެ އާއިލާއަށް ނިސްބަތްވާ ފަސް މެމްބަރަކު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި ސުޝާންތުގެ އާއިލާގެ އެ ފަސް މެމްބަރުން މަރުވީ، އެމީހުންގެ އާއިލާގެ އެހެން މެމްބަރެއްގެ ޖަނާޒާއަށް ފަހު އެނބުރި ޖާމުއީއަށް ދިޔަ މަގުމަތީގައެވެ.
މި އެކްސިޑެންޓުގައި މަރުވެފައި ވަނީ ލަލްޖީތު ސިންގްއާއި އޭނާގެ ދެ ދަރިން ކަމަށްވާ އަމިތު ޝޭޚަރް ސިންގްއާއި ރާމްޗަންދްރަ ސިންގްގެ އިތުރުން ބޭބީ ދޭވީ އަދި ޑެއިސީ ދޭވީއެވެ. އެ މީހުންނަކީ ސުޝާންތުގެ ފަހަރިއެއްގެ އާއިލާއެވެ.

މިދިޔަ އަންގާރަ ދުވަހު މި އެކްސިޑެންޓު ހިނގައިފައި ވަނީ އެމީހުން ދަތުރުކުރި ކާރާއި ޓްރަކަކާ ޖެހިގެން ކަމަށް ރިޕޯޓުތަކުން ބުނެއެވެ. މި އެކްސިޑެންޓުގައި އެ ކާރު ދުއްވަން އިން ޑްރައިވަރު ވެސް ވަނީ މަރުވެފައެވެ.