ޗައިނާގެ އިންޒާރެއް: ޓައިވާނުން މިނިވަންކަން އިއުލާންކޮށްފި ނަމަ ހަނގުރާމަ ފަށާނަން
ޓައިވާނުން މިނިވަންކަން އިއުލާނުކޮށްފި ނަމަ އެކަމާ ދެކޮޅަށް ހަނގުރާމަ ފަށަން ފަސް ނުޖެހޭނެ ކަމަށް ވިދާޅުވެ ޗައިނާގެ ޑިފެންސް މިނިސްޓަރު ވެއި ފެންގްހޭ އެމެރިކާގެ ޑިފެސް މިނިސްޓަރު ލޮއިޑް އޮސްޓިންއަށް އިންޒާރު ދެއްވައިފިއެވެ.
ސިންގަޕޫރުގައި ބޭއްވި އޭޝިއާގެ ސަލާމަތީ ސަމިޓްގެ ތެރެއިން ޗައިނާގެ ޑިފެންސް މިނިސްޓަރު ވޭ ފެންގޭ ވަނީ އެމެރިކާގެ ކައުންޓަރޕާޓް ލޮއިޑް އޮސްޓިންއާ ބައްދަލުކުރައްވައިފައެވެ.
ވެއި އިންޒާރު ދެއްވީ "އެއްވެސް ބަޔަކު ޗައިނާގެ ބާރުގެ ދަށުން ޓައިވާން ވަކިކުރަން އުޅެފި ނަމަ ޗައިނާ ސިފައިން، ކޮންމެ އަގެއް އަދާކުރަން ޖެހުނު ކަމުގައި ވިޔަސް ހަނގުރާމައަށް ފަސްނުޖެހޭނެ" ކަމަށް ވިދާޅުވެ ކަމަށް ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ވޫ ކިއާން ވިދާޅުވިއެވެ.
ޗައިނާއިން ދެކެނީ އަމިއްލައަށް ވެރިކަން ކުރި ޓައިވާނަކީ ޗައިނާގެ ސަރަހައްދުގެ މުހިންމު ބައެއްގެ ގޮތުގައި ކަމަށާއި، މި ސްޓޭންޑްގެ ސަބަބުން އެމެރިކާއިން ޓައިވާނަށް ހަތިޔާރު ވިއްކުން ކުށްވެރި ކުރެއްވި ކަމަށް ވެސް ވޭ ވިދާޅުވިއެވެ.
"ޗައިނާއާއި ޓައިވާން ބައިބައި ކުރަން އެއްވެސް މީހަކަށް ކެރިއްޖެ ނަމަ ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ)އަށް ކޮންމެ އަގެއް ދައްކައިގެން ވެސް ހަނގުރާމަކޮށް 'ޓައިވާންގެ މިނިވަންކަން' ހޯދުމަށް ކުރާ ކޮންމެ މަސައްކަތެއް ފުނޑުފުނޑުކޮށް، ގައުމީ އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަކަން ރައްކާތެރިކުރުން ނޫން ގޮތެއް ނޯންނާނެ" ވޭ ވިދާޅުވިއެވެ.
މިސްޓަރ އޮސްޓިން ވިދާޅުވީ އެމެރިކާއިން ޗައިނާގެ ހަމައެކަނި ސަރުކާރުގެ ގޮތުގައި ބެއިޖިންގ ބަލައިގަތުމާއި ޓައިވާނުގެ މިނިވަންކަމާ ދެކޮޅު ހެދުމަށް ވައުދުވާ ކަމަށެވެ. އަދި ބާރުގެ ބޭނުންކޮށްގެން މައްސަލަ ހައްލުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.