ދުނިޔެ

އިޤްތިޞާދު ރަނގަޅުކުރަން ޕާކިސްތާން މީހުން މަދުން ސައި ބޯން އަންގައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ އިޤްތިޞާދު ވަރަށް ބޮޑަށް ހީނަރުވެފައި ވާތީ، އިޤްތިޞާދު ރަނގަޅުކޮށް، އެކަމުން އަރައިގަތުމަށް ޕާކިސްތާނުގެ މީހުން ސައިބޯ މިންވަރު މަދު ކުރަން އެދިއްޖެއެވެ.

Ads by Sosun Fihaara

ދުވާލަކު ސައި ބޯ މިންވަރު މަދު ކުރުމުން ޕާކިސްތާނުގެ ސައިފަތް އިމްޕޯޓް ކުރަން ޖެހޭ މިންވަރު މަދުވާނެ ކަމަށް ސީނިއާ މިނިސްޓަރު އަހުސަން އިގްބާލް ވަނީ ވިދާޅުވެފައެވެ. ޕާކިސްތާނަކީ ދުނިޔޭގައި އެންމެ ގިނައިން ސައި އެތެރެކުރާ ގައުމެވެ

"އަޅުގަނޑު ގައުމުގެ ރައްޔިތުންނަށް އިލްތިމާސްކުރަން ސައި ބޯ މިންވަރު އެއް ތަށިން ދެ ތަށިން މަދުކުރުމަށް، ސަބަބަކީ އަޅުގަނޑުމެން ލޯނު ނަގައިގެން ސައި އެތެރެކުރާތީ،" ޕާކިސްތާނުގެ މީޑިއާތަކަށް އިގްބާލް ވިދާޅުވިއެވެ.

ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވް ދަށްވެ، މިހާރު ރިޒާވްގައި ހުރީ ދެ މަސް ދުވަހު ތަކެތި އެތެރެ ކުރެވޭނެ ވަރުގެ ރިޒާވްއެކެވެ.

މީގެ އިތުރުން ވެސް ކަރަންޓް ސަލާމަތް ކުރުމަށް ޓަކައި 20:30ގައި މާރުކޭޓް ސްޓޯލްތައް ބަންދު ކުރުމަށް ވެސް އޭނާ ވަނީ ލަފާ ދީފައެވެ.

ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވް ފެބްރުއަރީ މަހު ގާތްގަނޑަކަށް 16 ބިލިއަން ޑޮލަރު (13.4 ބިލިއަން ޕައުންޑް)އިން ޖޫން މަހުގެ ފުރަތަމަ ހަފްތާގައި 10 ބިލިއަން ޑޮލަރު (8.3 ބިލިއަން ޕައުންޑް)އަށް ވުރެ ދަށަށް ގޮސްފައިވާއިރު، އެއީ އެގައުމުގެ ހުރިހައި އިމްޕޯޓެއްގެ ދެ މަސް ދުވަހުގެ ޚަރަދު ފޫބެއްދުމަށް ކިރިޔާ ވާ ވަރެވެ.

ބޭރުގެ ރިޒާވް ދަށްވިޔަ ނުދީ ހިފެހެއްޓުމަށް ޓަކައި ކަރާޗީގެ އޮފިޝަލުން ވަނީ ، އެތެރެކުރެވޭ ލަގްޒަރީ ތަކެތި މަދުކޮށްފައެވެ.

އިގްތިސާދީ ދަތިކަމަކީ އޭޕްރީލް މަހު ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް އައި ޝެހްބާޒް ޝަރީފްގެ ސަރުކާރަށް ބޮޑު އިމްތިހާނެކެވެ. ހުވާ ކުރެއްވިތާ މާގިނަ ދުވަހެއް ނުވެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާންގެ ވެރިކަމުގައި ސަރުކާރުން އިގްތިސާދު ގޯސްކޮށް ބެލެހެއްޓި ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. އަދި އިޤްތިޞާދު އަލުން ހަމަ މަގަށް އެޅުވުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!