ދުނިޔެ

އަގުތައް އުފުލޭތީ ޕާކިސްތާނުގައި ބޮޑެތި މުޒާހަރާތަކެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގައި ތަކެތީގެ އަގު އުފުލަމުންދާތީ އެ ޤައުމުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާންގެ ގޮވާލުމަކަށް، އޭނާ ޗެއަރ ކުރައްވަމުން ގެންދަވާ ތަހުރީކް-އެ-އިންސާފް ޕާޓީގެ ގިނަ އަދަދެއްގެ މަސައްކަތްތެރިންނާއި ސަޕޯޓަރުން މުޒާހަރާކޮށްފިއެވެ.

Ads by WAMCO

މުޒާހަރާގެ ބައިވެރިން ކޮންޓްރޯލް ކުރުމަށް ގިނަ އަދަދެއްގެ ފުލުހުން ވަނީ މަގުތަކަށް ނިކުމެފައެވެ. އަދި ބާރުގެ ބޭނުންކޮށްފައި ވެސް ވެއެވެ.

މުޒާހަރާގެ ބައިވެރިންނާ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާންވަނީ ވާޗުއަލްކޮށް މުޚާތަބު ކުރައްވައިފައެވެ. ވީޑިއޯ ކޯލެއް މެދުވެރިކުރައްވައި މުޒާހަރާގެ ބައިވެރިންނާ ވާހަކަފުޅު ދައްކަވަމުން އިމްރާން ޚާން ވިދާޅުވީ، މިއަދު ޤައުމަށް ޓަކައި ނިކުންނަން ޖެހިފައިވާ ކަމަށާއި ތަކެތީގެ އަގު މިއަދު އަތް ނުފޯރާ ފަށަށް ގޮސްފައިވާ ކަމަށެވެ. އަދި މިކަމާ އަޑު ނުއުފުލާ މަޑުން ތިބެފި ނަމަ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝެހުބާޒް ޝަރީފްގެ ސަރުކާރާ އޭނާގެ ވެރިކަން އަޅާކިޔަމުން އިމްރާން ޚާން ވިދާޅުވީ އޭނާގެ ސަރުކާރުން ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށްސަބްސިޑީ ތައާރަފްކޮށް ކާޑު ބަހައިފައިވާ ކަމަށެވެ.

މިދިޔަ އޭޕްރީލް މަހު އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ބޮޑު ވަޒީރު ކަމުން ދުރުކުރި އިމްރާން ޚާން އިތުރަށް ވިދާޅުވީ، އޭނާގެ ވެރިކަމުގައި، ޖެހިޖެހިގެން ދެ އަހަރު ޕާކިސްތާންގެ އިގްތިސާދަށް 5.4 ޕަސެންޓާއި 6 ޕަސެންޓް ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

އިމްރާން ޚާން ވެރިކަމުން ބާލައިފައި ވަނީ ބޭރު ބައެއް ފަރާތްތަކުގެ ނުފޫޒުން ކަމަށް ވިދާޅުވާ ވާހަކަތައް އިމްރާންޚާން ވަނީ ތަކުރާރު ކުރައްވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!