ޑރ. އިޔާޒަށް އަނބުރާ ވަޒީފާ ދޭން އަމުރުކޮށްފި

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް، އެމްއެންޔޫގައި އަދާކުރަމުންދިޔަ ވަޒީފާއަށް ވަކިކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ނިންމައި އަލުން ވަޒީފާ ދޭން ޓްރިބިއުނަލްއިން އަމުރުކޮށްފިއެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހު ކުއްލި ގޮތަކަށް ޑރ. އިޔާޒް ވަނީ އޭނާ އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފައެވެ. އޭރު އިޔާޒް ހުންނެވީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރަކަށެވެ.
އަހަރެއްހައި ދުވަހު ،ހައްގު ހޯދުމަށް މަސައްކަތް ކުރަމުންދިޔަ ޑރ. އިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާއަށް އެހީތެރިވި ދިން ފަރާތްތަކަށާއި އޭނާގެ ޤާނޫނީ ވަކީލަށް ޝުކުރު ދަންނަވައިފައެވެ.
"މިދަތި އަދި ހިތާމަވެރި ވަގުތުގައި ހުރިހައި ގޮތަކުން ވެސް އަޅުގަނޑަށް އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ފަށްފަށުން ޝުކުރު ދަންނަވަން. ވަކިން ޚާއްޞަކޮށް އަޅުގަނޑުގެ ޤާނޫނީ ވަކީލް އިބްރަހިމް ޝަމީލް ކޮށްދެއްވި ބުރަ މަސައްކަތް ޝުކުރުވެރިކަމާ އެކު ފާހަގަކުރަން."އިޔާޒް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން ވަނީ އެ އިދާރާއިން ގޮތްތަކެއް ނިންމުމުގެ ކުރީން އިޔާޒު އަދާކުރަމުންދިޔަ ވަޒީފާއަށް ދާއިމީ މީހަކު ހަމަނުޖެއްސުމަށާއި ވަޒީފާ އިއާދަކުރުމަށް ނިންމާ ހާލަތެއްގައި އެކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް މިދިޔަ އަހަރުގެ އޯގަސްޓް މަހު އަންގައިފައެވެ.
ޑރ.އިޔާޒު ވަޒީފާއިން ވަކިކޮށްފައިވަނީ އުޞޫލާ ޚިލާފަށް ކަމަށް ކަނޑައަޅައި، އަދާކުރަމުންދިޔަ ވަޒީފާ އަލުން އިޔާދަކުރުމަށް ޓްރިބިއުނަލްގެ އަމުރުގައިވެއެވެ. އަދި ކުރިން ލިބުނު މުސާރަ ލިބޭ ގޮތަށް 7 ދުވަހުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމަށް އަމުރުކޮށްފައި ވެއެވެ.
އަލްހަމްދުލިﷲ