ޚަރަދު ކުޑަކުރަން ރައީސް ނަޝީދުގެ ދެ ދަތުރުފުޅެއް ކެންސަލް ކުރައްވައިފި

ޚަރަދުތައް ކުޑަކުރަން ފިނޭންސް މިނިސްޓްރީން އެންގުމާ ގުޅިގެން، ތާވަލް ކުރެވިފައި އޮތް ދެ ދަތުރެއް ކެންސަލްކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިކަން ހާމަ ކުރައްވަމުން މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ، ހަރަދު ކުޑަކުރަން އަންގައި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ވެސް ސާކިއުލާއެއް ފޮނުވައިފައިވާ ކަމަށާއި އެއާ އެއްގޮތަށް މަޖިލީހުން އަމަލުކުރާނެ ކަމަށެވެ.
ރައީސް ނަޝީދު ކެންސަލް ކުރައްވައިފައި ވަނީ، ކޮމަންވެލްތާއި އުޒްބަކިސްތާނަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުތަކެވެ.
"އަޅުގަނޑު ގަސްތުކުރަނީ މި ދެ ދަތުރު އަޅުގަނޑު ކެންސަލް ކޮށްލަން. އެއީ ސާކިއުލާގައި ވަނީ 5،000ރ.އަށް ވުރެ މަތީ ހަރަދެއް ނުކުރާން. އެހެންވެ ކޮޅުނބާ ހަމަޔަށް ދެވެން މި އޮތީ،" ނަޝީދު ވިދާޅުވިއެވެ.
މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ހުރިހާ އިދާރާތަކަށް ފޮނުއްވި ސާކިއުލާގައި ވަނީ ރަޝިއާ-ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ތެލާއި އެހެނިހެން ތަކެތީގެ އަގު އުފުލި ދައުލަތުގެ ހަރަދުތައް އިތުރުވާތީ ފިޔަވަޅުތަކެއް އަޅައި ތަންފީޒުކުރަން އަންގަވައިފައެވެ.