ޗައިނާއިން މުސްލިމުން ލައްވާ އަޅު މަސައްކަތް ކުރުވާތީ އެމެރިކާއިން ފިޔަވަޅު އަޅައިފި
ޗައިނާގެ ޝިންޖިއާންގް ސަރަހައްދުން މުދާ އެތެރެކުރުމާ ބެހޭ ގޮތުން އެމެރިކާއިން އެކުލަވާލި ހަރުކަށި އައު ގަވާއިދުތަކަށް އަމަލުކުރަން ފަށައިފިއެވެ.
އެ ގަވާއިދުގެ ދަށުން ފަރުމާތަކުން ސާބިތުކޮށްދޭން ޖެހެނީ އެ ސަރަހައްދުން އިމްޕޯޓްކުރާ ތަކެތި އުފައްދަނީ މަޖުބޫރުކޮށްގެން ކުރާ މަސައްކަތެއް ނޫން ކަމަށެވެ.
އެމެރިކާގެ އޮފިޝަލުން ބުނެފައި ވަނީ މި ސަރަހައްދުގެ މައިނޯރިޓީން ކަމަށްވާ އުއިގޫރު ކޮމިއުނިޓީގެ މުސްލިމުންގެ ބަޔަކު ބައްދުކޮށް، ގަދަކަމުން އުޖޫރައެއް ނެތި މަސައްކަތް ކުރުވާ ކަމަށެެވެ.
ޗައިނާއިން ޝިންޖިއާންގްގައި ހުންނަ ކޭމްޕްތަކުގައި އުއިގޫރު މީހުން ބަންދުކޮށްފައިވާ ކަމަށް ބުނާ ތުހުމަތުތައް ޗައިނާއިން ދަނީ ތަކުރާރުކޮށް ދެކޮޅު ހަދަމުންނެވެ.
މި ސަރަހައްދުން ކޮޓަންއާއި ޓޮމާޓޯ ހިމެނޭ ގޮތަށް އެތައް މުދަލެއް އެމެރިކާއިން އެތެރެކުރުން މީގެ ކުރިން ވަނީ މަނާކޮށްފައެވެ.
އަންގާރަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި އުއިގޫރު ފޯސްޑް ލޭބަރ ޕްރިވެންޝަން ގާނޫނު (ޔޫއެފްއެލްޕީއޭ) ގެ ދަށުން އެ ސަރަހައްދުން އެތެރެކުރާ ހުރިހައި މުދަލަކަށް ވެސް އެ ހުރަސްތައް ފުޅާކުރާނެއެވެ.
މިދިޔަ ހަފްތާގެ ފަހުކޮޅު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ގާނޫނަކީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީން އަޅުންގެ މަސައްކަތާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ބޮޑެތި ޖަރީމާތަކުގައި އެމެރިކާއިން ދެން ބައިވެރި ނުވާނެކަމުގެ ސާފު މެސެޖެއް ކަމަށެވެ.
"މި ތާރީހީ ގާނޫނު ފުރިހަމައަށް ހަރުކަށިކޮށް ތަންފީޒު ކުރެވޭތޯ ރައީސް ބައިޑަންގެ ސަރުކާރާ އެކު މަސައްކަތް ކުރަން ކޮންގްރެސް ތައްޔާރަށް އެބައޮތް،" އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ސެނެޓަރު މާކޯ ރޫބިއޯ އާއި ޑިމޮކްރެޓުންގެ ސެނެޓަރު ޖެފް މާކްލީ އަދި އިތުރު ދެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ސޮއިކޮށް ސޮއިކޮށް ނެރުނު ބަޔާނުގައިވެއެވެ.
2017ވަނަ އަހަރުން ފެށިގެން ޗައިނާއިން ވަނީ އުއިގޫރުންގެ މިލިޔަނެއްހާ މީހުން ބަންދުކޮށްފައެވެ. ޗައިނާއިން ބުނެފައި ވަނީ އެމީހުން ބަންދުކޮށްފައި ނުވާ ކަމަށާއި އެއީ ހަރުކަށި ފިކުރާ ދެކޮޅަށް ހިންގާ މަސައްކަތުގެ ދަށުން ހިންގާ ރީއެޑިއުކޭޝަން ކޭންޕްތަކެއް ކަމަށެވެ.