ދުނިޔެ

ސައުދީގެ ވަލީ އަޙްދު، ތުރުކީގެ ރައީސް އާ ބައްދަލު ކުރައްވައިފި

ޢާއިޝަތު އަރީނާ

ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން މިހާރު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ޤައުމުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާނާ ބައްދަލުކުރައްވައިފިއެވެ. މިއީ، އެމެރިކާގެ ވޮޝިންގްޓަން ޕޯސްޓުގެ ނޫސްވެރިއެއް ކަމުގައިވާ ޖަމާލް ޚާޝޮގީގެ މަރަށް ފަހު، ސަޢޫދީ ވަލީއަޙުދު ތުރުކީ ވިލާތަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ޚާޝޮގީ މަރާލައިފައި ވަނީ، ތުރުކީވިލާތުގައި ހުންނަ ސަޢޫދީގެ ކޮންސިއުލޭޓްގައި 2018 ވަނަ އަހަރުގެ ތެރޭގައެވެ. އޭނާގެ މަރުގެ ފަހަތުގައި ސަޢޫދީ ވަލީއަޙުދު އަތެއް ވާ ކަމަށް ހުޅަނގުން ތުހުމަތު ކުރެއެވެ. ނަމަވެސް، މިއީ އޭނާ ދޮގު ކުރައްވާ ތުހުމަތެކެވެ.

ސަޢޫދީ ވަލީއަޙުދުގެ މި ދަތުރުފުޅުގެ މައިގަނޑު މަޤުޞަދަކީ، ޚާޝޮގީގެ މަރާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި ހީނަރުވެފައިވާ ގުޅުންތައް އަލުން ބަދަހި ކުރުމެވެ. އުރުދުޣާނާ އެކު ބޭއްވެވި ކުރެއްވި މަޝްވަރާތަކުގައި ވެސް އެންމެ ބޮޑަށް އަމާޒުކޮށްފައި ވަނީ މި ކަމަށެވެ. މި ގޮތުން، ޚާޝޮގީގެ މަރާ ގުޅިގެން ތުރުކީވިލާތުގައި ހިންގަމުންދާ ޝަރީއަތް ނިމުމަކަށް ގެނައުމަށް ސަޢޫދީ ވަލީއަޙުދު ދަނީ އެ ޤައުމަށް ބާރު އަޅުއްވަމުންނެވެ.

މި ދަތުރުފުޅުގައި ސަޢޫދީ ވަލީއަޙުދު ވަނީ ތުރުކީ ވިލާތުގެ ކެބިނެޓާ ވެސް ބައްދަލު ކުރައްވާފައެވެ. އަދި، ބޭއްވެވި މަޝްވަރާތަކަށް ފަހު، ދެ ޤައުމުގެ ގުޅުމަށް ރަނގަޅު ބަދަލުތަކެއް އައިސްފައިވާ ކަމަށް ތުރުކީ ވިލާތުން ބުނެއެވެ. މި ގޮތުން، ވިޔަފާރިއަށް އޮތް ހުރަސްތައް ނައްތައިލުމާއި، ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް އަލުން ފެށުމަށް ވެސް އެއްބަސްވެފައިވާ ކަމަށް ތުރުކީ ވިލާތުން ބުނެއެވެ.

މީގެ އިތުރުން، ހަކަތައާއި، އިޤްތިޞާދާއި، ސަލާމަތީ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއި ކުރާނެ ކަމަށް ވެސް ބެލެވެއެވެ. ސަޢޫދީ ވަލީއަޙުދު ތުރުކީ ވިލާތަށް ވަޑައިގަންނަވާފައި މި ވަނީ، އިޤްތިޞާދީ ގޮތުން ތުރުކީ ވިލާތަށް ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަތުމަށް އެ ޤައުމުން މާލީ އެހީތެރިކަން ހޯދަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!