ދުނިޔެ

ކުރިން އަލަނާސި އެތެރެކުރުން މަނާކުރި، ޗައިނާއިން މިފަހަރު މަނާކުރީ ޓައިވާންގެ މަސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓައިވާންގެ އިޤްތިޞާދު ބަލިކަށި ކުރުމަށް މަސައްކަތް ކުރަމުން އަންނަ ޗައިނާއިން ޓައިވާންގެ މަސް އެތެރެ ކުރުން މަނާކޮށްފިއެވެ.

Ads by Sosun Fihaara

މީގެ ކުރިން ޗައިނާއިން ވަނީ ޓައިވާންގައި ހައްދާ އަލަނާސި އެ ޤައުމަށް އެތެރެ ކުރުން މަނާކޮށްފައެވެ.

ޓައިވާނަކީ އަމިއްލަ ވެރިކަމެއް ކުރަމުން އަންނަ ޤައުމެެކެވެ. ނަމަވެސް ޗައިނާއިން ދެކެނީ ޓައިވާނަކީ އެ ޤައުމުގެ އަމިއްލަ ބައެއްގެ ގޮތުގައެވެ. ފަހަކަށް އައިސް ޗައިނާއާއި ޓައިވާނާ ދެމެދު ހަމަނުޖެހުން ވަނީ ބޮޑުވެފައެވެ. މިގޮތުން ޗައިނާގެ އަސްކަރިއްޔާއިން ދަނީ ޓައިވާގެ ވައިގެ ސަރަހައްދަށް ވަންނަމުންނެވެ. މިއާ އެކު ޓައިވާންގެ އަސްކަރިއްޔާއިން އޮތީ އެލާޓްގައެވެ.

އެމެރިކާއިން ވަނީ ޓައިވާންގެ މިނިވަންކަމަށް ކުރާ މަސައްކަތުގައި އެހީތެރިވާނެ ކަމަށް މީގެ ކުރިން ބުނެފައެވެ. މިކަމަށް ރައްދުދީ ޗައިނާއިން ވަނީ އެފަދަ ކަމެއް ކުރަން ވިސްނާ ނަމަ ހަނގުރާމައަކަށް ދާން ޗައިނާއިން ފަހަށް ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ޗައިނާއިން ގެންދަނީ ޓައިވާންގެ ސަރުކާރަށް ޖެއްސުން ކުރުމަށް ގިނަ ކަންތައްތަކެއް ކުރަމުންނެވެ. މިހާރު ގެންނަން އުޅޭ މަސް އެތެރެ ކުރުމުގެ މަނާކުރުމާ އެކު، ޓައިވާންގެ އާއްމު ގިނަ ރައްޔިތުންނަށް އެކަމުގެ ސީދާ އަސަރު ކުރާނެއެވެ.

ޗައިނާގެ ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި އެ ޤައުމަށް ޓައިވާންގެ މަސް އެތެރެކުރުން މަނާކޮށްފައި ވަނީ، ޓައިވާންއިން އެތެރެ ކުރާ މަހުގައި ވަރަށް ގިނައިން ކެމިކަލްގެ އަސަރު ހުންނާތީ ކަމަށެވެ. އަލަނާސި އެތެރެކުރުން މީގެ މަސްތަކެއް ކުރިން މަނާކޮށްފައި ވަނީ އޭގައި ސޫފި ހިމެނޭތީކަމަށް ބުނެއެވެ.

ޗައިނާގެ މިތުހުމަތުތައް ޓައިވާނުން ދޮގު ކުރެއެވެ. މިތަކެތި ހައްދާ ފަރާތްތަކުން ބުނެފައި ވަނީ ޓައިވާނަކީ ދުނިޔޭގެ އެކި ޤައުމުތަކަށް މިފަދަ ތަކެތި ފޯރުކޮށްދޭ ޤައުމެއް ކަމަށާއި ހަމައެކަނި އެންމެ ޤައުމަކުން މިފަދަ މައްސަލައެއް ފެންމަތިވުމުން ޝައްކުކުރެވޭ ކަންތައްތަކެއް ހުރި ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!