ކަރުދާހުގެ ތާއްޓާ އެކު ދިރާސީ އައު އަހަރު ޕާކިސްތާނު ދަރިވަރުންނަށް ފޮތް ނުލިބިދާނެކަމުގެ ބިރު
ކަރުދާސް ލިބުމުގެ ދަތިކަމާ އެކު، މި އަހަރު އޯގަސްޓް މަހު ދިރާސީ އައު އަހަރަށް ދަރިވަރުންނަށް އައު ޓެކްސްޓް ފޮތްތައް ނުލިބިދާނެ ކަމަށް ޕާކިސްތާނުގެ ޕޭޕަރ އިންޑަސްޓްރީ އެސޯސިއޭޝަނުން ހާމަކޮށްފިއެވެ.
މިހާރު ކުރިމަތިވެފައިވާ ދަތިކަން ކުރިމަތިވެފައި ވަނީ ޕާކިސްތާނުގައި އުފައްދާ ކަރުދާހުގެ އަގުތައް މައްޗަށް ދިއުމުންނެވެ. އެ އެސޯސިއޭޝަނުން ބުނެފައި ވަނީ އެތެރޭގެ ކަރުދާސް އަގު ކޮންޓްރޯލް ކުރަން ސަރުކާރަށް ނުކުޅެދިފައިވާ ކަމަށެވެ. އަދި ޓެކްސްޓް ފޮތްތައް ނުލިބުމުގެ އިލްޒާމް ސަރުކާރުގެ ބޮލުގައި ވަނީ އަޅުވައިފައެވެ.
ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި ޖޮއިންޓް ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޝްހޫރު އިގްތިސާދީ މާހިރު ޑރ ކައިސަރ ބެންގަލީ ވަނީ ޓެކްސްޓް ފޮތް ޕްރިންޓް ނުކުރެވިދާނެކަމުގެ އިންޒާރު ދީފައެވެ. އަދި މުޅި ގައުމުގައި ކަރުދާހުގެ އަގު ހަމައަކަށް ނޭޅެނީސް ޕްރިންޓްގެ މަސައްކަތް ނުފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިވަގުތު ޕާކިސްތާނުގައި އުފައްދާ ކަރުދާހުގެ އަގު 200 އިންސައްތައަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، އޭގެ ފެންވަރު ވެސް ބޭރުގައި އުފައްދާ ކަރުދާހަށް ވުރެ ދަށް ކަމަށެވެ. ނަމަވެސް ބޭރުން ކަރުދާސް ގެންނަ ނަމަ ސަރުކާރަށް އެކިފީގެ ގޮތުގައި ބޮޑު އަގެއް ދައްކަން ޖެހޭތީ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.